ރާއްޖޭގައި ވިޔަފާރި ކުރާ އެންމެ ދުވަސްވީ އެއް ބޭންކް ކަމަށްވާ ހަބީބް ބޭންކްގައި ހުރި މުއާމަލާތް ނުކުރާތާ ފަސް އަހަރުވީ އެކައުންޓްތައް އުވާލުމުގެ ކުރިން ފަހުގެ ފުރުސަތު ދީފި އެވެ.
އެ ބޭންކުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ބޭންކްގެ މާލޭ ބްރާންޗުގެ ރިކޯޑުތައް ދައްކާ ގޮތުން ފަސް އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ވެރިފަރާތްތަކުން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ 21 އެކައުންޓްއެއް ފާހަގަވެފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިލަޔަށް އެ އެކައުންޓްތަކުގެ ވެރިފަރާތްތަކުން ބޭންކަށް އެއްވެސް ލިޔެކިއުމެއް ފޮނުވައިފައިނުވާ ކަމަށާއި ނަމަވެސް އެ ފަރާތްތަކުން ބޭންކަށް ލިބިފައިވާ
އެންމެ ފަހުގެ އެޑްރެހަށް އެކައުންޓްތަކުގެ ސްޓޭޓްމަންޓައް ބޭންކުން ގަވާއިދުން ފޮނުވައިފައިވާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
އަދި އެ ފަރާތްތަކަަށް ރަޖިސްޓަރީ ޕޯސްޓުގެ ޒަރީއާއިން މިދިޔަ މަހުގެ ދެވަނަ ވަނަ ދުވަހު، ސިޓީ ފޮނުވައި، އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި، ދިވެހި ރައްޔިތެއްކަން
އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ޕާސްޕޯޓު ހިފައިގެން ބޭންކަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. އެއީ، އެ ފަރާތްތަކުގެ އެންމެ ފަހުގެ އިރުޝާދުތަކާ އެއްގޮތަށް ބޭންކުން އަމަލުކުރުމަށް ކަމަށް ހަބީބް ބޭންކުން ބުނެ އެވެ.
ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެއިން ފަރާތަކުން ބޭންކަށް ހާޒިރުވެފައި ނުވާ ކަމަށާއި އެންގުމެއް އެއްވެސް އެއްޗެއް އަންގައިފައި ނުވާ ކަމަށެވެ.
އެހެންކަމުން މިއަދު ފެށިގެން 60 ދުވަހުގެ ތެރޭގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ޕާސްޕޯޓު ހިފައިގެން ބޭންކަށް ހާޒިރުވެ، ބޭންކުގައި ހުޅުވައިފައިވާ
އެކައުންޓް އަލުން އޮޕަރޭޓް ކުރުމަށް ޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް އިއުލާނުގައި އެދިފައި ވެއެވެ.
މި މުއްދަތުގެ ތެރޭގައި އެއިން ފަރާތެއްގެ ކިބައިން އެއްވެސް އިރުޝާދެއް ބޭންކަށް ނުލިބިއްޖެނަމަ، އެ ފަރާތުން ހަބީބް ބޭންކުގައި ހުޅުވައިފައިވާ އެކައުންޓްތައް ބަންދުކޮށް، ހުރިހާ
ޗެކުތަކާއި ބޭންކަށް ދީފައިވާ އެހެނިހެން އިރުޝާދުތައް ބާތިލު ކުރެވޭނޭ ކަމަށް އިއުލާނުގައި ބުނެފައި އެވެ. އަދި އެކައުންޓް ބަންދުކުރުމަށްފަހު، ދިވެހިރާއްޖޭގެ ބޭންކިން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އެކައުންޓްތަކުގައިވާ ހުރިހާ ފައިސާއެއް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވޭނެ ކަމަށެވެ.
ރާއްޖޭގެ ބޭންކިން ގާނޫނުގައި އޮންނަ ގޮތުން މުއާމަލާތް ނުކުރާތާ ފަސް އަހަރުވުމަށް ފަހު އެ އެކައުންޓެއް ބަންދު ކުރުމުގެ ބާރު ބޭންކްއަށް ދެ އެވެ.