ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހިންގާ މައްސަލަތައް ލައިވްކުރެވޭނެ އިންތިޒާމްތައް ހަމަޖެހެންދެން އަޑުއެހުންތައް މަޑުޖައްސައިދިނުމަށް މިއަދު ވެސް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ އަޑުއެހުމެކެވެ.
ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އަނެއްކާވެސް އަޑުއެހުންތައް މަޑުޖައްސައިދިނުމަށް އެދިވަޑައިގަތް ނަމަވެސް މިއަދު އިސް ގާޒީ އަހުމަދު ޝަކީލް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ކުރިން ވިދާޅުވެފައި ވަނީ ލައިވް ކުރެވޭނެ ވަސީލަތްތައް މިވަގުތު ކޯޓުގައި ނެތް ކަމަށެވެ. އަދި އެއީ އަޑުއެހުންތައް މަޑުޖައްސައިލެވޭނެ ސަބަބެއް ނޫން ކަމަށެވެ.
މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެގޮތަށް އެދިވަޑައިގެންފަ އެވެ. ކޯޓުގައި އެފަދަ ވަސީލަތްތައް ނެތްނަމަ އަމިއްލަ ފަރާތްތައް މެދުވެރިކޮށް ލައިވްކޮށްދިނުމަށް އެދިވަޑައިގަތެވެ. އެކަމަކު އެކަމަށް ގޮތެއް ނިންމާނީ ގާޒީންގެ މަޖިލީހުންގެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި މި މައްސަލައިގައި ދައުވާ ލިބޭ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރިސޯޓެއް ހެދުމަށް އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
އެކަމަކު އޭނާ މިއަދު ބުނެފައި ވަނީ ދައުވާ ބިނާކޮށްފައި ވަނީ އެއްވެސް ގުޅުމެއް އަދި އަސްލެއް ނެތް މުއާމަލާތްތަކެއްގެ މައްޗަށް ކަމަށެވެ. އޭނާގެ ދިފާއު ސާބިތުކުރުމަށް ހެކި ހުށަހަޅަން ގާޒީ ވަނީ 30 ދުވަހުގެ މުއްދަތެއް ވެސް ދީފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް އެމަނިކުފާނު ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އިންކާރުކުރައްވާފަ އެވެ.