އިންޑިޔާގެ ޓްރިވެންޑްރަމުގައި ހުންނަ ފަސްތަރީގެ ހިލްޓަން ހޮޓާ ކަމުނުގޮސްގެން ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރާ ޓީމުތަކުން ތާޖް ހޮޓަލަށް ބަދަލުވާން އެދިއްޖެ އެވެ.
ހޮލްޓަން ހޮޓަލާ މެދު އެންމެ ބޮޑަށް ހިތްހަމަނުޖެހިފައިވަނީ އަފްގާނިސްތާން ޓީމެވެ. އެ ގައުމުގެ ކޯޗު ބުނީ ކޮޓަރިތައް ވަރަށް ކުޑަކަމަށާއި ނިދާ އެނދުވެސް ކުޑަކަމުން ދެ ކުޅުންތެރިއަކު މިހާރު އެނދުން ވެސް ވެއްޓިއްޖެ ކަމަށެވެ. އަދި ހޮޓަލުގެ މުވައްޒަފުންގެ އަމަލުތަކާއި ހޮޓަލުގެ ހިދުމަތްތައް ވެސް ކަމުނުދާ ކަމަށެވެ. އެ ގޮތުން އޭނާ ފާހަގަކުރި މައްސަަލައަކީ އިންޑިޔާ ޓީމު އެ ހޮޓަލަށް އައުމުން އަފްގާނިސްތާން ކުޅުންތެރިން ތިބި ކޮޓަރިތައް ސާފުކުރަން އެމީހުން ގާތު ބުނި މައްސަަލަ އެވެ.
މިހެންވެ މުބާރާތް ކުޅޭ ޓްރިވެންޑްރަމުގެ ގްރީން ފީލްޑް އިންޓަނޭޝަނަލް ސްޓޭޑިއަމާ ކައިރީގައި ހުންނަ ތާޖް ހޮޓަލަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފަ އެވެ. މި ހޮޓަލަކީ ވެސް ފަސް ތަރީގެ މަޝްހޫރު ހޮޓަލެކެވެ.
މުބާރާތް އިންތިޒާމް ކުރާ ވޯލްޑް ސްޕޯޓްސް ގްރޫޕުގެ އޮފިޝަލުން ތިބުމަށާއި މުބާރާތުގެ ރަސްމީ އޮފީސް ވެސް ގާއިމްކޮށްފައިވާ ތާޖް ހޮޓަލުގައި ބައިތިއްބަން އެ ގްރޫޕުން ނިންމާފައިވަނީ މުބާރާތުގެ ގްރޫޕް ބީގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ތިން ޓީމެވެ. އެއީ ދިވެހިރާއްޖެ އާއި ބަނގްލަދޭޝް އަދި ބޫޓާނެެވެ.
ތާޖް ހޮޓަލާ މާދުރުނޫން ހިސާބެއްގައި ހުންނަ ހިލްޓަންގައި ބައިތިއްބަން ނިންމާފައިވަނީ ގްރޫޕް ބީގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާނާއި އޭ ގްރޫޕުގައި ހިމެނޭ އިންޑިޔާ އާއި ނޭޕާލް އަދި ސްރީލަންކާ އެވެ. މީގެ ތެރެއިން ސްރީލަންކާ ޓީމު މިހާރު ވަނީ އަމިއްލަ އަށް ތާޖް ހޮޓަލަށް ބަދަލުވެފަ އެވެ. މިހެންވެ އެ ހޮޓަލުގައި ކުރިން ވެސް ތިބި ޓީމުތަކަށް ވަނީ އެ ގައުމުތަކުގެ ފެޑަރޭޝަނުގެ ވެރިންނަށް ވެސް ޖާގަ ނުލިބިގެންނެވެ.
ވޯލްޑް ސްޕޯޓްސް ގްރޫޕުން ކޮންމެ ޓީމަކަށް ހަމަޖައްސައިދެނީ 15 ކޮޓަރި އެވެ. މިހެންވުމުން ޓީމުގެ 20 ކުޅުންތެރިންނާއި ތިން އޮފިޝަލުން ފިޔަވައި ދެން ތިބި އޮފިޝަލުންނަށް ކޮޓަރި ހަމަޖައްސައިދޭން ޖެހިފައިވަނީ ކޮންމެ ގައުމަކަށް ވެސް އަމިއްލަ އަށެވެ.
ރާއްޖޭގެ ޓީމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މިވަގުތު ޓްރިވެންޑަރަމުގައި ހަރަކާތްތެރިވަމުންދަނީ ޓީމުގެ ފިޒީޝަން އަދި އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަން އަހުމަދު ޝަކީބެވެ.
އޭނާ މިއަދު ބުނީ މީގެ މަހެއްހާ ދުވަސްކުރިން އިންޑިޔާ އަށް އައިސް ހޮޓާތައް ބެލުމަށްފަހު ރާއްޖޭގެ ޓީމު ތާޖް ހޮޓަލުގައި ބައިތިއްބަން ވޯލްޑް ސްޕޯޓްސް ގްރޫޕަށް ހުށަހެޅި ކަމަށެވެ.
"ހިލްޓަންގެ ވާގޮތަކީ ރޫމުތައް ވަރަށް ކުޑަވާނެ. އެނދެއް ބަހައްޓާފައި އެންމެ ގޮނޑިއެއް ބެހެއްޓޭނީ. ދެން ލޮބީ އޭރިޔާ ވެސް ވަރަށް ކުޑަވާނެ. އެއާ ހިލާފަށް މިތަން (ތާޖް ހޮޓާ) ކިހާ ތަނަވަސް. ކޮޓަރިތައް ވެސް ބޮޑުވެފައި އުޅެން ފަސޭހަވާނެ. އެހެން ޓީމުތަކުން ވެސް މައްސަލަ އެޖައްސާ ސަބަބަކީ އެއީ،" އިންޑިޔާގައި މީގެ ކުރިން ބޭއްވި ދެ ސާފު ޗެމްޕިއަންޝިޕުގައި ވެސް ޓީމުގެ އޮފިޝަލެއްގެ ގޮތުން ބައިވެރިވި ޝަކީބު ކިޔައިދިނެވެ.
ކުއްލި ގޮތަކަށް ލަންކާ ޓީމު ތާޖް ހޮޓަަލަށް ބަދަލުވުމުން ރާއްޖޭގެ އޮފިޝަލުންނަށް ވަނީ އެ ހޮޓަލުން ޖާގެ ނުލިބިފަ އެވެ. އަދި މި ދުވަސްވަރަކީ އިންޑިޔާގެ ހޮޓާތަކަށް ވަރަށް ބާރުބޮޑު ދުވަސްވަރަަކަށްވުމުން އޮފިޝަލުންނަށް އަދިވެސް ވަނީ މުޅިން ޖާގަ ކަށަވަރުނުވެފަ އެވެ.