މާލޭ ސިޓީ ކައުންސިލް

ސަރުކާރުން ޕޯޓަލް ޑައުންކޮށްލީ ކަމަށް ތުހުމަތުކޮށްފި

މާލޭގައި ތަރައްގީ ކޮށްފައިވާ 211 ޕާކިން ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހުޅުވާލި ޕޯޓަލަށް މައްސަލަތަކެއް ދިމާވެ، ޕޯޓަލް ޑައުންވުމުން ސްލޮޓަށް ހުށަހެޅުން ވަގުތީގޮތުން މަޑުޖައްސާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ޕޯޓަލް އަށް ވަނުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ކިބައިން އެކަމަށް މައާފަށް އެދޭ ކަމަށެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ޕޯޓަލް ބްލޮކް ކޮށްފައިވާ ކަމަށެވެ. އަދި މިއީ ސަރުކާރުން ކުރި ވަރަށް ނޭދެވޭ ކަމެއް ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.

ޕޯޓަލް އަށް ދިމާވި މައްސަލައާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ޕޯޓަލްގެ ޔޫއާރްއެލް އެންމެ ފަހު ވަގުތު ޑައުންކޮށްލާފައިވާ ކަމަަށާއި އެކަން ކުރީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާއަކުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ކައުންސިލްގެ އައިޓީ މުވައްޒަފުންނަށް ހަވާލާދީ ވިދާޅުވީ އެއީ ގަސްދުގައި އެންމެ ފަހު ވަގުތު ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ.

"އިތުރު ޔޫއާރްއެލްއެއްގައި އިތުރު ޕޯޓަލެއް ކައުންސިލުން ހެދި ނަމަވެސް އެ ޕޯޓަލަށް ވެސް ދަތިތަކެއް ދިމާވަމުން މިދަނީ. ފަހުން ހުޅުވާލި ޕޯޓަލް ބްލޮކްކޮށް ޖެއްސުން ކުރުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ ހައްލުކުރެވެންދެން ވަގުތީ ގޮތުން މި މެދުކަނޑާލީ. ޕޯޓަލް ހުޅުވާލަން އޮތީ މިއަދު 1:00 ޖެހިއިރު. އެ ގަޑިއާ ދިމާކޮށް ޕޯޓަލް ބްލޮކް ކުރި ބަޔަކު ކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

ޕޯޓަލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ޕާކިން ސްލޮޓްތަކަށް އެޕްލައިކުރެވޭނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އޮފިޝަލް ވިދާޅުވީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ޕޯޓަލް ހުޅުވާލި ވަގުތު އެ ޕޯޓަލަށް 84،000 މީހުން ވަގުތުން ވަދެފައިވާ ކަމަށެވެ. ޕޯޓަލް ބަޔަކު ޑައުންކޮށްލި މައްސަލަ ސިޓީ ކައުންސިލުން ވަރަށް ގާތުން ބަލާނެ ކަމުގައިވެސް ވިދާާޅުވި އެވެ.

މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ ހުޅުވާލުމުން 969 މީހަކު ކުރިމަތިލައިފައިވެ އެވެ.

ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހެ އެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީއެއް ބާއްވާނަމަ މަހަކު 750 ރުފިޔާ ދައްކަންޖެހެ އެވެ.

މާލެ ސިޓީ ކައުންސިލްގެ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި ވެހިކަލް ޕާކުރުމަށް އަމިއްލަ މީހުންނަށް ދިގު މުއްދަތަކަށް ބިން ވިއްކަން ވެސް މާލެ ސިޓީ ކައުންސިލުން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއި އެލްޖީއޭ އިން ވަނީ އެކަން ހުއްޓުވާފަ އެވެ.