މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިން ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހުޅުވާލުމުން ޕޯޓަލް ޑައުންވީ ސަރުކާރުން ކުރި ކަމެއްގެ ސަބަބުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތު ސަރުކާރުން ދޮގުކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް އަވަސް އަށް ވިދާޅުވީ ސަރުކާރަށް އަމާޒުވާ ގޮތަށް މުއިއްޒު ކުރެއްވީ ތާކުންތާކު ނުޖެހޭ ތުހުމަތެއް ކަމަށެވެ. ޓެކްނޮލޮޖީ މިނިސްޓްރީން އަދި އެ މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ އެންސީއައިޓީން ޕޯޓަލް ބްލޮކް ނުކުރާނެ ކަމަށާއި އަދި އެކަހަލަ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށްވެސް ވިދާޅުވި އެވެ.
އަލީ ސޯލިހް ވިދާޅުވީ ބޮޑަށް ބެލެވެނީ ޕޯޓަލް ހުޅުވާލި ވަގުތުގައި ގިނަ ބަޔަކު އެއަށް ވަނުމުގެ ސަބަބުން އޯވަލޯޑްވެ ޓްރެޕިކް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ޕޯޓަލް ކްރޭޝްވީ ކަމަށެވެ.
"އެ ޕޯޓަލް ނެތް ދައުލަތުގެ އެއްވެސް ޕްލެޓް ފޯމެއްގައި ހޯސްޓުކުރަން ދީފަ އެއް. އެހެންވީމަ އަޅުގަނޑުމެންނަށް އޭގެ ޓްރެޕިކް ކޮންޓްރޯލެއް ނުކުރެވޭނެއެއް ނޫންތޯ. އަޅުގަނޑުމެންނަށް ހަވާލުކުރިނަމަ ޓްރެޕިކް މެނޭޖުކުރުމަށް މަސައްކަތް ކުރާނަން." އަލީ ސޯލިހް ވިދާޅުވި އެވެ.
ހަގީގަތެއް ނެތް ތުހުމަތަކެއް ކޮށް މީހުން ބަދުނާމް ކުރަން ނޫޅުއްވުމަށް ވެސް އަލީ ސޯލިހް ވަނީ މޭޔަރަށް އިލްތިމާސް ކޮށްފަ އެވެ.
ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ޕޯޓަލް ހުޅުވާލީ މިއަދު މެންދުރު ފަހު 1:00 ގައެވެ. ޕޯޓަލް ހުޅުވާލި ވަގުތުގައި 84،000 މީހުން ޕޯޓަލަށް ވަން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ޕޯޓަލް ޑައުންވުމުން ސްލޮޓަށް ހުށަހެޅުން މާދަމާ އަށް މިހާރު ވަނީ ފަސްކޮށްފަ އެވެ.
މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ ހުޅުވާލުމުން 969 މީހަކު ކުރިމަތިލައިފައިވެ އެވެ.
ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހެ އެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީއެއް ބާއްވާނަމަ މަހަކު 750 ރުފިޔާ ދައްކަންޖެހެ އެވެ.
މާލެ ސިޓީ ކައުންސިލްގެ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި ވެހިކަލް ޕާކުރުމަށް އަމިއްލަ މީހުންނަށް ދިގު މުއްދަތަކަށް ބިން ވިއްކަން ވެސް މާލެ ސިޓީ ކައުންސިލުން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއި އެލްޖީއޭ އިން ވަނީ އެކަން ހުއްޓުވާފަ އެވެ.