ސާފް ސުޒުކީ ކަޕް

އެންމެ ފަހުން އިންޑިޔާ އަށް ދާ ޓީމަކީ ރާއްޖެ

މާދަމާ ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތަށް އެންމެ ފަހުން އެ ގައުމަށް ދާ ޓީމަކީ ދިވެހިރާއްޖެ ކަމުގައިވެއްޖެ އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓާއި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި މިއަދު ހެނދުނު އިންޑިޔާ އަށް އައިސްފައިވީ ނަމަވެސް ޓީމުގެ އެހެން ކުޅުންތެރިންނާއި އޮފިޝަލުން އިންޑިޔާ އަށް ދާނީ މިރޭ އެވެ.

ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް ކުރިއަށްދާ މުބާރާތަށް އެންމެ ފުރަތަމަ އިންޑިޔާ އަށް އައީ އިންޑިޔާގައި ކޭމްޕްކޮށްގެން ތިބި ސްރީލަންކާ އެވެ. އޭގެ ފަހުން އަފްގާނިސްތާނާއި ނޭޕާލް އައީ ހޮނިހިރު ދުވަހު އެވެ. އޭގެ ފަހުން ބަނގްލަދޭޝް އައިސްފައިވާއިރު ބޫޓާން ޓީމު އައީ މިއަދު ހެނދުނު އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނެނީ ޗެމްޕިއަން އަފްގާނިސްތާނާއި ބަނގްލަދޭޝް އަދި ބޫޓާނާ އެއް ގްރޫޕެއްގަ އެވެ. އޭ ގްރޫޕުގައި ހިމެނެނީ އިންޑިޔާ އާއި ނޭޕާލް އަދި ލަންކާ އެވެ.
ލީގު އުސޫލުން އެއް ބުރު ކުޅުމަށްފަހު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ އަށްދާ މުބާރާތުގައި ސާކު ގައުމުތަކުގެ ތެރެއިން ވާދަނުކުރަނީ ޕާކިސްތާން އެކަންޏެވެ.