ވިލިމާލެ

އިގްތިސާދީ މަސައްކަތަށް ވިލިމާލެއިން ބިން ދޫކުރަނީ

ވިލިމާލެ ސިނާއީ ސަރަހައްދުން އިގްތިސާދީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން މި ނިންމުން ނިންމީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 40 ވަނަ ޖަލްސާގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ހުށަހަޅުއްވާ ކައުންސިލަރު ސައިފް ތާއީދު ކުރެއްވި ހުށައެޅުން ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރުމާއި ގުޅިގެންނެވެ.

މި ހުށަހެޅުމުގައި ވަނީ ވިލިމާލޭ ސިނާއީ ސަރަހައްދުގައި މިވަގުތު ހުސްކޮށް އޮތް 13 ސްލޮޓު ސިނާއީ މަސައްކަތްތައް ކުރުމަށް ދިނުމަށް ފުރުސަތު ހުޅުވާލުމަށެވެ. އެގޮތުން ކަނޑައެޅޭ ވަކި އަދަދެއް މަދުވެގެން ދެ ބައިކުޅަ އެއްބައި ވިލިމާލޭ ރައްޔިތުންނަށް ހާއްސަ ކުރުމަށެވެ. އަދި މާލެ ރަށްވެހިންނަށްވެސް ފުރުސަތު ލިބޭ ގޮތަށް ހަމަޖެއްސުމަށެވެ.

އަދި ވިލިމާލޭ ސިނާއީ މަސައްކަތް ކުރާ މީހުން ކުއްޔަށް ހިފާފައިވާ ޕްލޮޓްތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެންމެ ފަހު ފުރުސަތު މިދިޔަ ޑިސެންބަރު 31 ގެ ނިޔަލަށް ދީފައިވުމާއެކު މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ހުރި މީހުންގެ އެގްރިމެންޓް ބާތިލްކޮށް ބިން ވަކިކޮށް ނުލިބިވާ ފައިސާ ހޯދުމަށް ގާނޫނީ އިޖްރާއަތްތަކުގެ ތެރެއިން ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

މިއަދުގެ ޖަލްސާގައި ވިލިމާލޭގައި ފައިބާ ދޯނީގެ މަސައްކަތް ކުރާ މީހުންނާއި ހުއިފި ލަނޑާގެ މަސައްކަތް ކުރާ މީހުން އެ މަސައްކަތް އާންމު ރައްޔިތުންނަށް އުނދަގޫނުވާ ގޮތަށް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ވަނީ ފާސްކޮށްފައެވެ.