ދިވެހިރާއްޖެ ކޮޅަށް ލަނޑު ޖެހުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ބަނގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވަޑް ޝަވްކަތު ހުސައިން ރޮނީ ބުނެފި އެވެ.
ބަނގްލަދޭޝް ޓީމު ތިބޭ ތާޖް ހޮޓަލުގައި ހުރެ އަވަސްއާ ވާހަކަ ދައްކަމުން 22 އަހަރުގެ ފޯވަޑް ބުނީ އޭނާ ރާއްޖެ ކޮޅަށް ލަނޑު ޖަހަން ބޭނުންވަނީ ދިވެހި ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ސަޕޯޓްކުރާތީ ކަމަށެވެ.
"އަހަރެންގެ އެންމެ ފެވަރިޓް ކުޅުންތެރިއަކީ ދަގަނޑޭ. ރާއްޖޭގެ ހަތް ނަންބަރު ހަތެއް. އޭނާއާ އެކު މީގެ ކުރިން ކުޅުމުގެ ފުރުސަތު ލިބިފައެއްނެތް. މިއީ ރަނގަޅު ފުރުސަތެއް އަހަންނަށް ލިބޭ އޭނާއާ ދެކޮޅަށް ކުޅެ ގޯލެއް ޖަހަން،" ގައުމީ ޓީމަށް ހަތް މެޗު ކުޅެ ތިން ގޯލު ޖަހާދީފައިވާ ފޯވަޑް ބުންޏެވެ.
މުބާރާތަށް ތައްޔާރުވާން ކުޅުނު ޕްރެކްޓިސް މެޗުގައި ނޭޕާލް ކޮޅަށް ގޯލު ޖަހައިގެން ބަނގްލަދޭޝް މޮޅުކޮށްދިން ކުޅުންތެރިޔާ ބުނީ ރާއްޖެ އަކީ މި ސަރަހައްދުގެ ވެސް އެންމެ މޮޅުއެއް ޓީމު ކަމަށެވެ.
"އަހަރުމެން މިވަނީ މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައި. އަހަރުމެންގެ އަމާޒަކީ ތަށި ހިފައިގެން ގައުމަށްދިއުން. އަހަރުމެންގެ ޕްރެކްޓިސްތައް ވެސް ވަރަށް ރަނގަޅު،" ރޮނީ ބުންޏެވެ.
މިއަދުގެ މެޗުން ބޫޓާން ބަލިވެއްޖެނަމަ އެ ޓީމު މުބާރާތުން ކަޓާނެ އެވެ. ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން 4-0އިން ބަލިވެފައިވާއިރު މި މެޗުގައި ރޮނީ ވަނީ ހުސް ފުރުސަތުތަކެއް ގެއްލުވާލައިފަ އެވެ. ނަމަވެސް ބަނގްލަދޭޝްގެ ކޯޗު މައުރޫފް ބުނީ އޭނާ އިތުބާރު ރޮނީ އަށް އެބައޮތް ކަމަށާއި ރާއްޖެ މެޗުގައި ހުސް ފުރުސަތުތަކެއް ނަގާލައިގެން ނޫނީ ރޮނީ އަށް ދީފައިވާ އިތުބާރު ގެއްލުވާނުލާނެ ކަމަށެވެ.
މި މެޗުން މޮޅުވެއްޖެނމަ ރާއްޖެ ސެމީ އަށްދާނެ އެވެ.