އުރީދޫ

ދިވެހި ޕްރިމިއާ ލީގުގެ ޕާޓްނަރަކަށް އުރީދޫ

ދިވެހި ޕްރިމިއާ ލީގުގެ ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

އުރީދޫގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ހާލިދު އަލްހަމާދީ އެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ ފުޓުބޯޅައިގެ ރޫހަކީ މުޖުތަމައުތަކުގައި އެއްބައިވަންތަކަން ދިރުވައިދޭ ފޯރިގަދަ ކުޅިވަރެއް ކަމަށާއި ދިވެހިންނެކޭ
އެއްފަދައިން ފުޓުބޯޅަ އަކީ އުރީދޫއާ ވެސް ގާތްގުޅުމެއް އޮންނަ ކުޅިވަރެއް ކަމަށެވެ.

"މި ޕާޓްނާޝިޕާއި އެކު އެފްއޭއެމްއާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ހުރި ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވަން." ހާލިދު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުކޮށް ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމަށް އުރީދޫ އިން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފަ އެވެ.

ރާއްޖޭގައި ހޯސްޓްކުރި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސް އެވެ.

ޓައިޓަލް ސްޕޮންސަރުގެ ހައިސިއްޔަތުން އުރީދޫ އިން ވަނީ 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މި އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، އިތުރަށް ފޯރިގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. ރާއްޖޭގެ އަދި އެހެނިހެން ބައިނަލްއަގްވާމީ ޕާޓްނަރުންނާއި ގުޅިގެން، އިންސާނީ ތަރައްގީއަށް ޓަކައި ކުރިމަގުގައިވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.