ރައްޔިތުންގެ މަޖިލިސް

ޓުއާ އޮޕަރޭޓަރުންނާ ގުޅޭ ބިލް މަޖިލީހަށް ފޮނުވަން އަންގަން ފާސްކޮށްފި

ޓުއާަ އޮޕަޜޭޓަރުންނާ ޓުއާަ އޭޖެންސީތަކުގެ ބިލް އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން އަންގަން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިގޮތަށް ފާސްކުރީ އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޓުއާަ އޮޕަޜޭޓަރުންނާ ޓުއާ އޭޖެންސީތައް މިހާރު އޮޕަރޭޓްކުރަމުން ދަނީ ޓޫރިޒަމް ގާނޫނުގެ ދަށުން ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުންނެވެ.

އިގްތިސާދީ ކޮމިޓީން އިސްނަގައިގެން ޓުއާ އޮޕަޜޭޓަރުންނާ ޓުއާ އޭޖެންސީތަކަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައި އެފަދަ އޭޖެންސީތަކާއި އޮޕަރޭޓަރުންނާ އަދި ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށް ޑްރާފްޓެއް ވެސް ކުރިން އޮތީ އެކުލަވާލައި ބަންޑާރަނައިބު އޮފީހަށް ފޮނުވާފަ އެވެ.

މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ދަތުރު ރާވާ ހިންގުމާ ބެހޭ ގޮތުން އާންމު މަސްލަހަތު ހިމާޔަތްކޮށް ހިދުމަތް ލިބޭ ފަރާތްތަކަށް ހަމަހަމަކޮށް ހިދުމަތް ދިނުމުގެ އުސޫލު ކަނޑައެޅުން ހިމެނެ އެވެ.

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ ލޯކަލް ޓުއާ އޮަޕަރޭޓަރުންގެ ކަންބޮޑުވުންތައް ވެސް ފާހަގަކުރައްވާފަ އެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ބައެއް ރިސޯޓްތަކުން ބައެއް އޮޕަރޭޓަރުންނަށް ގަނޑުކޮށް ޕެކޭޖްތައް ވިއްކާ ކަމަށާއި އަދި އެފަދަ އެއްބަސްވުންތަކުގެ ސަބަބުން އެހެން އޮޕަރޭޓަރުންނަށް ޖާގަ ނުލިބޭ ކަމަށެވެ. އަދި މިއީ "މޮނޮޕޮލީ" އެއްގެ ގޮތުގައި ފަކުރެއްވި އެވެ.

ބައެއް ރިސޯޓުތަކުން އެހެން ގައުމުތަކުގައި އޮޕަރޭޓަރުންގެ އޮފީސްތައް ހިންގާ އަމިއްލަ މަސްލަހަތު ކުރިއަށް ނެރޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެމްބަރުންގެ ކަންބޮޑުވުންތައް ފާހަގަކޮށް ބިލުގެ އެންމެ ފަހުގެ ޑްރާފްޓް އެކުލަވާލުމުގެ ކުރިން ބިލާ ގުޅޭ ގޮތުން ޓުއާ އޮޕަރޭޓަރުންނާއި އަދި ކަމާ ގުޅޭ ފަރާތްތަކާއެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށްވެސް ހުށަހެޅި އެވެ. ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވި އެވެ. އޭގެ ބަދަލުގައި ބިލް މަޖިލީހަށް ފޮނުވުމުން އެފަދަ ފަރާތްތަކާއެކު އަލުން ބައްދަލުވުން ބާއްވަން ނިންމި އެވެ.