( 15 ފެބްރުއަރީ 2022 އާ ގުޅޭ )
ހޫރައިންގެ ކަންފަތް ދޮށަށް ޒެހެން ގުދުވެލިއެވެ. އިންތިހާ ދަރަޖަކަށް ހޫރައިންގެ ހިތް އަވަސްވެގެން އައެވެ. ލާނެތް ސަމާސާއެއް ކުރާންށޭ ޒެހެން އުޅެނީ ހޫރައިންގެ ހިތް ބުނެލިއެވެ. އެހެންވިޔަސް ޒެހެންގެ އަތުގެ ތެރެއިން ވީއްލިގެން ދުރަށްދާކަށް އޭނާގެ ހިތެއް ވެސް ނޭދުނެވެ.
"އައި ކާންޓް ވެއިޓް." ސިއްރުން ޒެހެން ބުނެލިއެވެ.
ޔޫކްގެ ހުނުމުގެ އަޑު އިވިއިވި ހުއްޓެވެ. ޒެހެންއާއެކު އެކުއްޖާ އުޅޭ ގޮތް ބަލަން ހޫރައިން އަތިރިމަތީގަ ޖަހާފައި ހުރި ގޮނޑިއެއްގައި އިނެވެ. ދަރިފުޅުގެ އުފާވެރިކަން ފެންނަމުންދިޔައިރު ހޫރައިންގެ ދެ ލޯ ފެންކަޅިވިއެވެ. ފަސް އަހަރު ފާއިތުވީއިރު އޭނާއަށް އެ ދަރިފުޅު ގޮވައިގެން ގެއިން ބޭރުގައި ވަގުތު ހޭދަކުރެވުނީ އިނގިލިން ގުނާލެވޭހާ މަދު ފަހަރަކުއެވެ. އެހެން މަންމައިން ފަދައިން ދަރީން އުފާކޮށްދިނުމަށް އެކުދީން ގޮވައިގެން ޕާކުތަކަށް ދިއުމާއި، މޫދަށް އެރިލަން ދިއުމާއި، ގެއިން ބޭރުން މީރު އެއްޗެއް ކާލަން ދިއުން ފަދަ އާދައިގެ ކަންކަން ކުރާން ހޫރައިން ވެސް ހިތް އެދެއެވެ. ޔޫކް ގޮވައިގެން ހަވީރު ހިނގާލަން ނުކުންނަން ވެސް އޭނާ ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. އެންމެ ޙައިރާންވާން ޖެހެނީ ހޫރައިން ހިތްވަރުކޮށްފައި އެދުނަސް އެ ދަރިފުޅު އެފަދަ ކަންކަމަށް ނޫނެކޭ ބުނާތީއެވެ. އެ ދަރިފުޅަކީ ޞާލީހު ކިޔަމަންތެރި ދަރިއެއްކަމުގައި ވުމަށް އޭނާ އަބަދުވެސް އައީ ﷲއަށް ދަންނަވަމުންނެވެ. ޔަގީނުން ވެސް އެ ދަރިފުޅު އޭނާއަށް ކިޔަމަންކުރައްވާފައިވެއެވެ. މަންމަގެ ހާލަތު އުމުރުން ޅައެއް ކަމަކު އެ ދަރިފުޅު ދެނެގެންފިއެވެ. އެހެން ކުދީންގެ މަންމަމެންނާ އޭނާއަށް ލިބިފައިވާ މަންމަ ތަފާތުކަން އެނގި އެ ތަފާތު އެކުއްޖާ ވަނީ ބަލައިގެންފައެވެ. މިހާރު އޭނާއާއެކު ޒެހެން ވެސް އެ ދަރިފުޅުގެ ދިރިއުޅުމުގެ ބަޔަކަށް ވެއްޖެކަން ޔަގީނެވެ.
"އަލްޙަމްދުލިއްﷲ! އަލްޙަމްދުލިއްﷲ!... ހަމައެކަނި ރަނގަޅު އޯގާތެރި ފިރިއެއްނޫން. ހަރުދަނާ ބައްޕައެއްގެ ސިފަ ވެސް ލިބިފައިވާ. ލިބޭނެކަމުގެ އުންމީދެއް ކުރިއަކުން ނެތް، އެހެންނަމަވެސް ﷲ އީ އޯގާވަންތަ ރަސްކަލާނގެ. އަހަރެން ވަނީ ފިރިއެއްގެ އެހީތެރިކަމާއި ރައްކާތެރިކަމަށް ބޭނުންވެފައިކަން އެކަލާނގެ މޮޅަށް ދެނެވޮޑިގެންވި. އަހަރެންގެ ދަރިފުޅަށް ބައްޕައެއް ހޯދައިދޭން އިންތިހާއަށް ބޭނުންވެފައި އިނީ... ކައިވެންޏަކާ ނުލާ އެކަން ފުރިހަމަވާކަށްނެތް. ހިތްތަކުގައިވާ އެއްޗެއް ﷲ ނޫން ފަރާތަކަށް އެނގިގެނެއްނުވޭ. އަހަރެންނަށް ޓަކައި އަހަރެންގެ ހުރިހާ އުންމީދެއް ފުރިހަމަށް ކުރުމަށް ޓަކައި އޭނާ މެދުވެރިއެއްކަމުގައި ވެއްޖެ. ހަޔާތުގެ އެއްބަޔަށް ވެއްޖެ... އަހަންނާއި ދަރިފުޅުދެކެ ޒެންވާ ލޯބި އިހްސާސް ކުރެވޭ. އަހަރެންނަށް ކުރެވޭ އިހްސާސް ތަކުގެ އަސްލަކީ ލޯބިހެން ހީވޭ. އަހަންނަށް ޒެންދެކެ ލޯބިވެވުނީތަ؟"
ގިނަ ވާހަކަތަކެއް ދެއްކުން ހޫރައިންގެ އާދައަކަށް ނުވެއެވެ. ނަމަވެސް އޭނާގެ ހިތުގެ އަޑު ގަދައެވެ. އަމިއްލަ މީހާއާއި އޭނާގެ ވެރިފަރާތާ ދައްކާ ވާހަކަ ގިނައެވެ. ބޭރުފުށުން ހިމޭންކަމެއްގެ ފަށަލައެއްގައި އިން މަޑުމައިތިރި އަންހެނެކެވެ. އޭނާގެ ހިތާއި ސިކުނޑީގައި ހިނގާ ޚިޔާލުތަކުގެ ހިލަން ކައިރީގަ އުޅޭ އެކަކަށް ވެސް ނޭނގެއެވެ.
ރޭގަނޑުގެ ކެއުމަށްފަހު ރެސްޓޯރެންޓުން ނުކުމެގެން ތިން މީހުން މަޑު ހިނގުމުގައި އެމީހުން ތިބޭ ވިލާއަށް އައެވެ. އަތިރިމަތީގައި ހުރި އެ ވިލާއަކީ ކައިރި ހިސާބެއް ނޫނެވެ. ރަށުތެރޭގައި ދުއްވާ "ބަގީ" ކާރަކަށް އަރަން ޒެހެން ބޭނުންނުވީއެވެ. ޔޫކްގެ ހިނގުން މަޑުވާން ފެށުމުން ވިލާއާ ހަމައަށް ޒެހެން އައީ ޔޫކް އުރާލައިގެންނެވެ.
ފާޚާނާއިން ނުކުތް ޒެހެންއަށް ޔޫކްގެ ކޮޓަރި ތެރެއިން ހޫރައިން ނުފެނުމުން ނުކުތީ ފަތާފެންގަނޑު އޮތް ދިމާއަށެވެ. އޭރު އެފަރާތަށް ނުކުންނަން ހުރި ދޮރުގެ އެއްފަރާތުގައި ހިޔާކޮށްފައި ހުރި ބައިގަ ގޮދަޑިޖަހާފައިވާ ބޮޑު އަށީގައި ހޫރައިން އިންތަން ފެނުނެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން ވިއްދާލެވިފައިވާ ކަނާއަތަށް ދަތްދޮޅި ދީގެންނެވެ. ޒެހެން އައިސް ހޫރައިންއާ ޖެހިގެން އިށީނެވެ. ދެފައި އެލުވާލައިގެން އިނދެ އޭނާ ބުރަކަށި ދިމާލިއެވެ. ބޯދަށަށް ވައަތް ލައްވާލައިގެން އޮވެ ހޫރައިންއަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. އޭނާ އިނީ މަޑު ނޫކުލައެއްގެ ވޫލު ސުއިޓަރަކާއި މުށިކުލައެއްގެ ފުޅާ ހަރުވާޅެއް ލައިގެންނެވެ. އަނބިމީހާއަށް ގިނައިރު ބެލިވަރަކަށް ޒެހެންގެ ޚިޔާލުތައް އޭނާ ގެންދިޔައީ މެންދުރު ފަތާފެންގަނޑަށް ހޫރައިން ވައްޓާލި ވަގުތަށެވެ. ތެމިފައިވާ ޓީޝާޓު ހޫރައިންގެ ގައިގާ ހިފާލައިފަ ހުރިއިރު އެ ހަށިގަނޑުގެ ބައްޓަން ހުރީ ފާޅުވާށެވެ. ދަރިފުޅަށް ސިއްރުން އަނބިމީހާއާ ކުދިކުދި ސަމާސާތައް ޒެހެން ކުރީ އަލަށެވެ. ހޫރައިން ލަދުން އުޅޭކަމާއި ޔޫކަށް ފެނިދާނޭތީ ހާސްވެގެން އުޅޭ ގޮތް ޒެހެންއަށް ބަޔާންކުރާން ދަތި އުފާވެރިކަމެއް ގެނެސްދިނެވެ. ކަންނެތް ގޮތަކަށް ލަސްލަހުން ޒެހެން ކަނާއަތް އުފުލާލިއެވެ. ހޫރައިންގެ ބުރަކަށީގެ މެދުގައި މަތިން ތިރިއަށް ވާހެން ޒެހެންގެ ޝަހާދަތް އިނގިލި ހިންގާލިއެވެ. އެހިނދު ކުއްލިއަކަށް ހީލިކަރުވައިގަނެގެން އުޅޭ މީހަކު ފަދައިން ހޫރައިން ހަށިގަނޑު އިތިކޮށްލައިފިއެވެ. އަދި ނިކަން އަވަހަށް އެނބުރި ޒެހެންއަށް ބަލާލައިފިއެވެ. ވީކީއްތޯ އަހާލާ ފަދައިން ހޫރައިންގެ ލޮލުން އިޝާރާތެއް ކޮށްލިއެވެ. ޒެހެންގެ ކަނާއަތް ގޮދަޑިމަތީ ދަމާލިއެވެ. މަޑުމަޑުން ބޮލުން އިޝާރާތެއް ކޮށްލިއެވެ. ހޫރައިންއަށް ފިރިމީހާގެ އެ ބަހުރުވަ ނަގައިގަންނަން ދައްޗެއް ނުވިއެވެ. އަރިއަކަށް ވާހެން އޮށޯވެ ޒެހެންގެ ކަނާއަތްމަތީ ބޯއަޅާލިއެވެ. އެއާއެކު ޒެހެން ވެސް ކުޑަކޮށް އަރިއަކަށް ޖެހިލައިފިއެވެ. އޭނާއަށް ބަލަން އޮތް ހޫރައިންގެ މޫނު ފެންނާނޭ ހެނެވެ. އޭނާ ކުރުއަތް މައްޗަށް ތެދުވެލިއެވެ. ހޫރައިންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަންފެށިއެވެ. ހޫރައިންގެ އެ މޫނު ދުށުމަށް އޭނާ ދިގު އިންތިޒާރެއް ކުރިއެވެ. ކައިވެނި ހަމަޖެހުމުން ރަންކިޔުމަށްފަހު ހޫރައިންގެ މޫނު ބަލަން ބޭނުންނަމަ އެ ފުރުޞަތު ވެސް ޒެހެންއަށް އޮތެވެ. ނަމަވެސް އޭނާ މަޑުކުރީ ހޫރައިން އޭނާގެ އަނބިމީހާއަށް ވަންދެނެވެ. އޭގެ ކުރީން އެ މޫނު ފެނިއްޖެނަމަ އޭނާގެ ޖަޒުބާތުތަކުގައި ހުޅުރޯވެދާނެތީއެވެ. ކެތްތެރިކަން ކުޑަވެ ނުބައި ޢަމަލެއް ހިންގިދާނެކަމުގެ ބިރަށެވެ.
"މާޝާﷲ... ނަސީބެއް ހޫރް މޫނުބުރުގާ އަޅާކަން. ތި ރީތި މޫނުކޮޅަށް މިހެން ބަލަން އޮތުމުގެ ނަސީބު އެހެން މީހަކަށް އިންޝާﷲ ނުދެއްވާށެ. މީހުން ބަލާތީ ޖެލަސްވެގެން އުޅޭކަށް މިހާރު ނުޖެހޭނެ ދޯ." ޒެހެން ފިރުމާލީ ހޫރައިންގެ ބުމައިގައެވެ. ހަން އޮމާން ކުޑަކުޑަ އަލި މޫނެކެވެ. ކަޅުކަން ގަދަ ދެބުމައާއި ބޮޑު ދެ ލޮލެވެ. ކަޅިރަވައިގެ ޖާދޫގާ މީހާ ޖެހޭފަދަ ދިގު އެސްފިޔަތަކަކާއެކު މާމުއިފަދަ މުށި ދެ ކަޅިއެވެ. ޚާއްޞަކޮށް ދުވާލުގެ އަލިކަމުގައި އެ ދެ ލޮލުގެ ރީތިކަން އިތުރުވެދެއެވެ. ނަމަވެސް އެ މޫނުގެ ރީތިކަން ފުރިހަމަވިޔަ ނުދީ ހުރަސް އަޅާފައިވަނީ ހޫރައިންގެ ކަނާތު ކޯތާފަތުގައިވާ ދިގު ލަކުނެވެ. އެއީ ފުން ޒަޚަމެއްގެ ނިޝާންކަން ޒެހެންއަށް ދެނެގަންނަން އިނގެއެވެ. ހޫރައިންގެ މޫނު ފުރަތަމަ ފަހަރަށް ފެނުނު ހިނދު އޭނާއަށް ސިހުން ލިބުނު ކަމަކަށް އެކަންވިއެވެ. ހޫރައިންގެ މޫނުގައި އެފަދަ ބޮޑު ޒަޚަމެއްގެ ނިޝާން ހުރިކަމެއް މިއުނާ ވެސް ނުބުނެއެވެ. އެއީ ކީއްވެކަން އޭނާއަށް ވިސްނައިގަންނަން އެނގެއެވެ. އެ ލަކުނުގެ ސަބަބުން ޒެހެންގެ ހިތުގައި ހޫރައިންއަށް ޓަކައިވީ ލޯބި އެންމެ ތަންފުކެއް ވެސް އުނިވެގެން ނުދިޔައެވެ. އޭނާއަށް އެ މޫނުން ފެނުނު ރީތިކަން ވެސް ފަނޑެއް ނުވިއެވެ. އެކަމަކު އެއީ ކިހިނެއް ހޫރައިންއަށް ލިބިފައިވާ ޒަޚަމެއްތޯ އެނގެން ޒެހެން ބޭނުންވިއެވެ. ކައިވެނީގެ ފުރަތަމަ ރެއަކީ އެފަދަ ސުވާލެއް ކުރިމަތިކުރުވަން ރަނގަޅު ވަގުތެއް ނޫންކަން އޭނާގެ ޟަމީރު ވެސް އެއްބަސްވިއެވެ. ފެނުނު ތަފާތުކަން ފާހަގަނުވާކަމަށް ޒެހެން ހެދީ އެހެންވެއެވެ. އެކަމަކު އެ މޫނު އޭނާއަށް ފެންނަ ކޮންމެ ފަހަރަކު ހިތާ ސުވާލުކޮށްލެވެއެވެ.
"މީ ކިހިނެއްވެފަ." ވައަތްތިލައިގެ އިނގިލިތަކުން ހޫރައިންގެ މޫނުގެ ކަނާއަތް ފަރާތު ކޯތާފަތުން ލޮލުގެ ކައިރިއާ ހަމައަށް ދެމިފައިވާ ދިގު ލަކުނުގައި ފިރުމަމުން ޒެހެން އަހާލިއެވެ. ހޫރައިން އަތް ހިއްލާލައި ޒެހެންގެ އެ އަތުގައި ހިފަހައްޓާލިއެވެ.
"އެއީ... އޭރު..." ހިސާބެއްގެ ފަސްޖެހުމާއެކު ހޫރައިން ބުނެލިއެވެ. އޭނާ އެ އިޝާރާތްކުރަނީ ކޮންކަމަކަން ޒެހެންއަށް އެނގުނެވެ. ދަތްކުނޑިވިކާލެވުނީ ބޭއިޚްތިޔާރުގައެވެ. ގަސްދުގައި ހޫރައިންގެ ރީތި ކަމަށް ދީފައި ހުރި އަނިޔާއެކޭ ޒެހެންގެ ހިތް އެވަގުތު އެއްބަސްވިއެވެ. އެހެންނޫނީ އަންހެންކުއްޖެއްގެ މޫނުގައި އެފަދަ ބޮޑު ލަކުނެއް ލެއްވުމުގެ މަޤްޞަދަކީ ކޮބާ ހެއްޔެވެ. ޒެހެންގެ ހިތަށް އުނދަގޫވެ މޭގައި ރިއްސާލިއެވެ. އެހިނދު ވާހަކަދެއްކުނީ ބޭއިޚްތިޔާރުގައެވެ.
"ކީއްވެ؟." ވިސްނާލެވުނުއިރު ޒެހެންގެ ދުލުން ބަސްތައް ނުކުމެއްޖެއެވެ.
ހޫރައިން އަނގައިންނެއް ނުބުންޏެވެ. ދެމެދަށް ވެރި ހިމޭންކަން ދިގުލާން ފެށިއެވެ. ހޫރައިން އިސްއޮބާލާ ފަދައަކުން ޒެހެންއާ ނަޒަރު ވަކިކޮށްލީއެވެ. މަޑުމަޑުން އޭނާގެ ނިތްކުރި ގެނެސް ޒެހެންގެ މޭގައި ޖައްސާލިއެވެ. އަނބިމީހާގެ ނިތްކުރީގައި ޒެހެން ބޮސްދިނެވެ. ހިނދުކޮޅަކަށް އެއްވެސް ހަރަކާތެއްނެތި އެގޮތުގައި ޒެހެން މަޑުކޮށްލިއެވެ. ދެން ހޫރައިންގެ ދަތްދޮޅީގައި ހިފާ އުފުލާލުމާއެކު ދެމީހުންގެ ހަތަރުކަޅި ބައްދަލުކޮށްފިއެވެ. ސިއްރުން ވާހަކައެއް ޒެހެން ބުނެލިއެވެ. ހޫރައިންއަށް ބަލަން އޮވެވުނީއެވެ. ޒެހެން އިއްވާލި ފަދައިން ޢަމަލުކުރިއެވެ. މަރާލެވުނު ދެ ލޯ ހުޅުވާލާކަށް ހޫރައިންއަކަށް ނުކެރުނެވެ. ޒެހެންގެ ނޭވާގެ ހޫނުކަން އޭނާގެ މޫނަށް އެޅެމުންދިޔައެވެ.
"ޒެން..." ހޫރައިން މަޑުމަޑުން ގޮވާލިއެވެ.
"އައި ލަވް ޔޫ." ޒެހެން ބުނެލިއެވެ.
ޒެހެން ތެދުވެ އަށީގައި އިށީންއިރު އެ އަތުގެ ތެރޭގައި ހޫރައިންވިއެވެ. އަތްދަނޑިމައްޗަށް ހޫރައިން ހެޔޮވަރުކޮށްލުމާއެކު އަށިމަތިން ޒެހެން ތެދުވިއެވެ. ސިހުމުގެ އަޑެއް ހޫރައިން ލައްވާލިއެވެ. އޭނާ ވައްޓާނުލާނެކަން އެނގޭއިރު ވެސް ޒެހެންގެ ކަނދުރާގައި ހޫރައިންއާށް ހިފަހައްޓާލެވުނެވެ.
"ޑޯންޓް ބީ ނާވަސް. އައި ވޯންޓް ހާޓް ޔޫ." މަޑު ތަންމަތީގައި ހޫރައިން ބާއްވާލަމުން ޒެހެން ބުންޏެވެ.
ޒެހެން ލައިގެން ހުރި ޓީޝާޓު ހިއްލާލިތަން ފެނި ހޫރައިންއަށް ކަނާއަތް ގެނެސް ލޯ މަތީ ބާއްވާލިއެވެ. ދިއްލާފައި ހުރި ބޮކިތަކުން ކޮޓަރިއަށް އެޅިފައި އޮތް އޮރެންޖު އަލި ފަނޑެއް ނޫނެވެ. އެ އަލިކަމުގައި ދެ ޖިސްމު ކަޝްފުވާއިރު އެ މަންޒަރު ބަލަން ހޫރައިންއަށް ފަސޭހަކަމަށް ނުވާނެއެވެ. ބިރަކުންނޫނެވެ. ހިތް އެދޭ ފިރިމީހާދެކެ ލަދުންނެވެ. އެނދުމައްޗަށް ޒެހެން އެރިކަމުގެ ހިލަން ވުމުން ވެސް ހޫރައިންއަށް ބަލާލާކަށް ނުކެރުނެވެ.
"ލަވް..." ޒެހެން ގޮވާލިއެވެ. ހޫރައިންގެ މޫނު ރަތްވަމުން އައިކަން އަތްދަށުން ފެންނަ ކޯތާފަތް ހެކިދިނެވެ. ޒެހެންގެ ތުންފަތުގައި ކުޅެލީ މަސްތީ ހިނިތުންވުމެކެވެ. އޭނާ ހޫރައިންގެ އަތުގައި ހިފާލިއެވެ. މޫނާ ހުރަސްކުރެވިފައިވާ އެ އަތް މަޑުމަޑުން ހިއްލާލިއެވެ.
"އައި ވޯންޓް ޔޫ ޓު ލުކް އެޓް މީ. ފީލް މީ..." ހޫރައިންގެ މޫނުން ހިއްލާލި އަތްތިލަ ގެނެސް މޭގައި ޖައްސާލުމާއެކު ކަންފަތް ދޮށުގައި ސިއްރުން ޒެހެން ވާހަކަދެއްކިއެވެ.
"ބޮކިނިއްވާނުލާނަންތަ." ހޫރައިންގެ އަޑު ނުކުތީ ކިރިޔާއެވެ. ޒެހެންއަކީ މެޔާއި މުލައްދަނޑިއާއި ދެފައިގަ އިސްތަށި ގިނަ ފިރިހެނެކެވެ. ހޫރައިންގެ އަތްތިލައިގެ ތެރޭ މަޑު ހީލިކެރުވުމެއް އުފެދިފައިވިއެވެ.
"އޭރުން އަހަންނަށް ނުއެއްފެންނާނެ. ހޫރްއަކަށް އަހަންނެއް ނުފެންނާނެ... އައި ވޯންޓް ޓު ސީ އެވްރިތިންގް." ހޫރައިންގެ ކޯތާފަތުގައި ބޮސްދެމުން ޒެހެން ވާހަކަދެއްކިއެވެ.
"ޒެން ލައިކް ނުވެދާނެ... ފެނުނީމަ..." ޓީޝާޓުގެ ފަސްބައިގަ ހިފަހައްޓަމުން ހޫރައިން ބުންޏެވެ.
"ހޫރްއަށް އަދިވެސް ތިހެން ހީވަނީތަ؟. ތި ލޯބިގަނޑާ ހެދި މޮޔަވާވަރުވެފައި ހުރި އިންސާނެއްކަން ގަބޫލް ނުކުރެވެނީތަ؟. ޕްލީޒް..." ޒެހެން ހިފާލީ ހޫރައިންގެ އަތްތިލައިގައެވެ. ޓީޝާޓުގެ ފަސްބައިން ދޫކޮށްލާށޭކަން ޒެހެން އެ ބުނަނީ ހޫރައިންއަށް އެނގެއެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެނީއެވެ. ހަމަޖެހޭށޭ ޒެހެން ބުންޏަސް ހޫރައިންއަށް ހަމައެއް ނުޖެހެވެއެވެ.
"އައި ހޭވް ސްޓްރެޗް މާކްސް..." ޒެހެންގެ ނަޒަރު އަމާޒުވެފައި ހުރި ގޮތް ފެނި ހޫރައިންއަށް ދެއަތުން ބަނޑު ފޮރުވަން އުޅެވުނެވެ. ހޫރައިން ހިނދިބަނޑުގައި ފެންނަން ހުރި "ސްޓްރެޗްމާކް" ތަކަކީ ޔޫކަށް ބަނޑުބޮޑުއިރު އެ ހަށިގަނޑަށް އައިސްފަ ހުރި ބަދަލުތަކެވެ. ވިހެއުމަށްފަހު އޭނާގެ ހަށިގަނޑަށް އެތައް ބަދަލެއް ވަނީ އައިސްފައެވެ. ހަށިގަނޑު ކުޑަ ނަމަވެސް އިހު ހުރި ހަށިގަނޑު ލިބޭތޯ މަސައްކަތެއް ވެސް ކުރެވިފަ ނެތީއެވެ.
"ޔޫ އާ ބިއުޓިފުލް އެންޑް އައި ލަވް ޔޫ." ޒެހެން ގުދުވެލާ ހޫރައިންގެ ބަނޑުގައި ބޮސްދިނެވެ.
"ޑޯންޓް ލުކް... ޕްލީޒް..." ހޫރައިންއަށް ރޮވެން އުޅުނެވެ. ޒެހެންއަށް ވެސް ލިބުނީ ކުއްލި ހައިރާންކަމެވެ. ހޫރައިންގެ ފައިގެ ފަލަމަސްގަނޑުގެ އެތެރެ ފަރާތުން އޭނާގެ ކުރިމަތާ ކައިރީގަ ކަނޑާފައި ހުރި ތަންތަނުގެ ލަކުނު ފެނިފައެވެ. އިނގިރޭސި އަކުރުން އެއްޗެއް ލިޔަން އުޅެފައިހެން ވެސް ހީވެއެވެ. ހޫރައިން ދެފައި ފިއްތާލުމާއެކު ދުރަށް ދެމިގަންނަން އުޅުނެވެ. ވަގުތުން އޭނާގެ ގައިގާ ޒެހެން ހިފެހެއްޓިއެވެ. ހޫރައިންއަށް ގޮވާލުމުން ވެސް ނުބެލުމުން އޭނާގެ ގައިގާ ޒެހެން ބައްދާލިއެވެ.
"ކީއްވެ؟... މިވަރު ކުރަން ޖެހުނީ އޭނާގެ ކޮންކުށެއް އޮވެގެން..." ޒެހެންގެ ހިތް ރޯލިއެވެ. ހޫރައިންގެ ހަށިގަނޑުގައި ހުރި ލަކުނުތަކުންނެވެ.
"ޔޫ އާ ސްޓްރޯންގް... އެ ލަކުނުތަކަކީ އަހަރެންގެ އަނބިމީހާގެ ހިތްވަރުގަދަކަން. ޑޯންޓް ކްރައި... އައި ލަވް ޔޫ. އެކަން ބަދަލެއްނުވާނެ. ހޫރެއްގެ ރީތިކަން ފަނޑުވެދާނޭ ހީވަނީތަ؟. އަހަރެން އަބަދުވެސް އަހަރެންގެ އަނބިމީހާއަށް ބޭނުންވާނެ... ލަވް... އައި ވޯންޓް ޔޫ."
އަމިއްލަ ނަފްސުގެ މައްޗަށް ހޫރައިންގެ ޔަގީންކަމެއް ނެތީ ކީއްވެކަން ޒެހެންއަށް އިހްސާސް ކުރެވުނީ އަދިކިރިޔާއެވެ. އެ އަންހެންކުއްޖާ ހިނގަމުން އެ އަންނަނީ ހިމަ ރޮދިފަށެއްގެ މަތީގައެވެ. ދެއަތަށް ކިރެމުންނެވެ. ވެއްޓިދާނޭކަމުގެ ބިރާއެކުއެވެ. ގަސްދުގައި އޭނާގެ އަނބިމީހާއަށް އެހާ އަނިޔާވެރީ ކޮންބައެއްބާއެވެ. އެމީހުންގެ މައްޗަށް ދުވަހަކުވެސް ޒެހެންގެ ހިތް ހެޔޮވާނީ ކިހިނެއް ހެއްޔެވެ.
"ޑޫ ޔޫ ވޯންޓް މީ ޓު ސްޓޮޕް." ހޫރައިން ޖެހިލުންވީވަރު ފެނި ޒެހެން އަހާލިއެވެ.
"އައި އޭމް ސްކެއާޑް." ހޫރައިން މަޑުމަޑުން ބުނެލިއެވެ.
"އިޓްސް މީ. ލުކް އެޓް މީ... އައި ވޯންޓް ހާޓް ޔޫ..." ޒެހެން ޔަގީންކަން ދިނެވެ. އެންމެ ފަހަރަކުނޫނެވެ. އެތައް ފަހަރަކުއެވެ. ހޫރައިން ބިރުގަންނަންވީ ސަބަބެއްނެތްކަން ބުނެދިނެވެ.
ދަންވަރުގެ ހިމޭންކަމުގައި މުޅި ރަށް ނިދާފައިވާ ކަހަލައެވެ. ޖިސްމަށް ލިބުނު އަރާމަށްވުރެ ޒެހެންގެ ސިކުނޑިއަށް ލިބުނު ހާސްކަން ބޮޑެވެ. ހޫރައިންއަށް ޖިސްމާނީ ގޮތުން ލިބިފައިވާ އަނިޔާތައް ފެނިފައެވެ. އެ ކުޑަކުޑަ ހަށިގަނޑު ބައެއްގެ އަތުގެ ތެރޭ ހައްޔަރުވެ ސަލާމަތަށް ތެޅޭނެވަރު ތަސައްވުރު ކުރެވުނެވެ. މަޑު އާހެއް ޒެހެންގެ އަނގައިން ނުކުތެވެ. ގާތުގައި އޭނާގެ އަތުގެ ތެރޭ ނިދިފައި އޮތް ހޫރައިންގެ މޫނަށް ޒެހެން ބަލާލިއެވެ.
"އެއިން މީހަކު އަހަރެންގެ ކުރިމައްޗަށް އަރައިފިނަމަ އަމިއްލަ ނަފްސު ހިފެހެއްޓޭނެކަމެއް ޔަގީނެއްނޫން. މީހެއްގެ މަރު ބޮލުގައި އެޅޭކަށް ނޭދެން... އެހެންވިޔަސް... އައި ޑޯންޓް ތިންކް އައި ކޭން..." ޒެހެން ބުނެލިއެވެ.
"މާޒީގެ އެ މަންޒަރު ބަދަލެއް ނުވާނެ. އެކަމަކު މިހާރު... މިހާރު ތީ އަހަރެންގެ ހައްޤެއް. ހޫރްއާއި ދަރިފުޅަކީ އަހަރެންގެ މިލްކެއް. އިންޝާﷲ އަހަރެން ތި ދެމައިން ރައްކާތެރިކުރާނަން. ދެން ނުކެރޭނެ ބަޔަކަށް އެވަރުގެ ކަމެއް ކުރާކަށް." އަމިއްލަ ނަފްސަށް ވަޢުދުވަމުން ހޫރައިންގެ ނިތްކުރީގައި ޒެހެން ބޮސްދިނެވެ. އެހިނދު ވަރުބަލިކަމުގެ ތެރެއިން ހޫރައިން އަޑެއް ލައްވާލިއެވެ.
"އަދި ހޭލާކަށްނުވޭ..." ހޫރައިން ލޯ ހުޅުވާލަން އުޅުމުން ޒެހެން ބުނެލިއެވެ. (ނުނިމޭ)