ކްރިމިނަލް ކޯޓް

ޝަރީއަތް ނިމެންދެން މާވިން ބަންދަށް

Feb 17, 2022

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ މޭރީގެ ފިރިމީހާ މާވިން، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ދައުލަތުން މާވިންގެ މައްޗަށް ކޮށްފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ.

މާވިންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފަށާފައިވާއިރު އޭނާގެ ބަންދަށް އެންމެ ފަހުން ދިން 30 ދުވަހުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. ޖަނަވަރީ 20 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފައެވެ.

އެ އަޑުއެހުމުގައިވެސް ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން މާވިން ބަންދުކުރުމުގެ އަމުރަކަށެވެ. ނަމަވެސް އޭނާ އަށް ވަކީލަކު އައްޔަނުކުރަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ދައުލަތުން އެދުނު ގޮތަށް ބަންދުގެ މުއްދަތުގެ އަމުރު ދެވެން ނެތް ކަމަށް ނިންމެވީއެވެ.

މާވިންްގެ ބަންދާމެދު ގޮތް ނިންމަން މިއަދު އޮތް އަޑުއެހުމުގައިވެސް ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން މާވިން ބަންދުކުރުމުގެ އަމުރަކަށެވެ. މިއަދުގެ އަޑުއެހުމުގައި މާވިންވެސް ބައިވެރިވީ ވަކީލަކާއެކުގައެވެ. ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ގާޒީ ވަނީ ޝަރީއަތް ނިމެންދެން މާވިން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

އަދި މާވިން މިވަގުތު ހުރީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށްވާތީ ރިމާންްޑް ޖަލަކަށް ބަދަލުކުރަންވެސް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލާގައި އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

މޭރީ މަރަން ރޭވުމާއި، މަރު ފޮރުވުމާއި، ކުށް ކުރުމަށް ރޭވުމާއި، ކުށެއް ކުރުމަށް އެދުމާއި، ކުށްކުރުމުގެ އާލާތް އަތުގައި ހުރުމާއި އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ވެސް ލަމްހާގެ މައްޗަށް ދައުލަތުން ކުރެ އެވެ.

ލަމްހާގެ ބަންދުގެ މުއްދަތު މިއަދު ހަމަވުމުން ބަންދުގެ މުއްދަތަށް އިތުރުކޮށްދިނީ ހަތަރު ދުވަހެވެ.