ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ހިންގަވާ "އިންޑިއާ އައުޓް" ކެންޕެއިނަކީ މި ފަހުގެ ތާރީހުގައި ހިންގޭ އެންމެ ނުރައްކާތެރި ކެމްޕެއިން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ މިރޭ އޮތް ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241) ގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ އިދިކޮޅު ދެ ޕާޓީން އިސްނަގައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ލިބޭ ގެއްލުން ބެލުމަށް 241 ކޮމެޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑިފެންސްގެ އިސްވެރިން ހާޒިރުކޮށް މިރޭ ބޭއްވި ކޮމެޓީގައި މިނިސްޓަރު މާރިޔާ ވިދާޅުވީ އެ ކެމްޕެއިންގެ ސަބަބުން އެތެރޭގެ ހަމަޖެހުން ގެއްލި ސަރަހައްދީ ގައުމުތަކާއި އޮތް ގުޅުމަށް ބުރޫއަރާ ކަމަށެވެ. "އިންޑިއާ އައުޓް" ކެމްޕެއިނަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށްވެސް އެތައް ދަތިތަކާއި އުނދަގޫ ކުރިމަތިވާނެ ކެމްޕެއިނެއް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މި ކެމްޕެއިން މިނިސްޓަރު މާރިޔާ ސިފަ ކުރެއްވީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގޭ އެންމެ ނުރައްކާތެރި ކެމްޕެއިންގެ ގޮތުގައެވެ. އަދި މިއީ ވަރަށް ހައްސާސް އަދި އެހާމެ ނާތަހުޒީބު އަދި ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށްވެސް ވިދާޅުވިއެވެ.
"މި ކެމްޕެއިން [އިންޑިއާ އައުޓް" ގެ ސަބަބުން ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި ސަރަހައްދީ ގައުމުތަކާއި އޮތް ގުޅުން ހީނަރުވެ ސަރަހައްދީ ސަލާމަތީ މަސްރަހަށް ނުރައްކާވެ ދިވެހިރާއްޖޭގެ ސަރަހައްދީ ސަލާމަތް ކަށަވަރު ކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަަސައްކަތަށް ހުރަސް އެޅިގެންދޭ،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
ކޮމެޓީގައި މިނިސްޓަރު މާރިޔާ ވަނީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ދިވެހި ސަރުކާރުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ކުރިއަށް އޮތްތާވެސް ނުކުރައްވާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރޭ. އަދިނުވެސް ކުރާނެ. މިކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ މި ޕޯޓްފޯލިއޯ [ޑިފެންސް މިނިސްޓަރުކަން] ހަވާލުކުރައްވާފައިވާ ވަޒީރުގެ ހައިސިއްޔަތުން ތިޔަ އެންމެހާ އިއްޒަތްތެރި މެންބަރުންނާއި އެންމެހާ ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަންޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ | ޓޫފޯވަން ކޮމެޓީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަބަދުވެސް އެންމެ އިސްކަން ދެއްވަނީ ގައުމީ ސަލާމަތާއި ގުޅިފައިވާ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ރާއްޖޭގެ މިނިވަން ކަަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ހިނގައިގެން ރައީސް ޔާމީން ހިންގަވާ ކެމްޕެއިނެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަގީގީ މަގުސަދަކީ ވެރިކަމުގައި ހުންނަވާ ރައީސް ޔާމީން ހިންގެވި ޖަރީމާތައް ފޮރުވާ އެ ކަންކަމުގެ އަޑު ކަނޑުވާލުން ކަަމަށެވެ. މިއީ މިނިވަން ނޫސްވެރި ކަމަށް ހުރަސް އަޅާ އަދި އެތައް ލީޑަރުންނާއި ދިވެހި ރައްޔިތުން ހިފާ ހައްޔަރުކޮށް ހިންގި ކުށްތައް ފޮރުވަން ހީލަތްތެރި ގޮތުގައި ހިންގޭ ކެމްޕެއިނެއް ކަަމަށްވެސް ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހި ގައުމާއި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި "އިންޑިއާ އައުޓް" ކެމްޕެއިނުން އެކަން އިތުރަށް ހާމަވެގެންދާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިން މިހާރު އޮތް ހިސާބުން ނުނިންމަވާނެ ކަމަށާ ދެން އޮންނާނީ ބަންގްލަދޭޝް އާއި ލަންކާ ފަދަ ގައުމުތަކާއި އޮތް ގުޅުމަށް ބުރޫއަރުވާލުމަށް ހަރަކާތްތަކެއް ފެށުން ކަމަށެވެ.
ރައީސް ޔާމީނަކީ ގައުމާއި ރައްޔިތުންނަށް ދެންވާނެ ގޮތަކާމެދު ވިސްނުމެއް ނެތި ހިތުހުރި ގޮތަކަށް ކަންތައް ކުރައްވާ ހުދުމުހުތާރު ކަމުގެ ލާމަސީލު މިސާލެއް. މިނިވަން ކަމުގެ ކަމުގެ ސުޕަސްޓާރު ކަމުގައި ހެދިގެން ހުންނަވާ މިއަދު މި ހިންގަވާ 'އިންޑިއާ އައުޓް' ސްލޯގަން ބޭނުން ކުރައްވާ ރައްޔިތުން ނިކަމެތި އަޅުވެތިވާނެ ހުރިހާ ގޮތަކަށް އެބަ މަސައްކަތް ކުރައްވާޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ | ޓޫފޯވަން ކޮމެޓީ
މިނިސްޓަރުގެ ވާހަކަފުޅުގައި ރަައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި އަނިޔާވެރި އެތައް އަމަލެއްގެ ހަނދާން ވަނީ އައު ކޮށްދެއްވާފައެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތަކީ އެ އަނިޔާވެރި އަމަލުތަކުގެ އަޑު ކަނޑުވާލަން ކުރައްވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު އެމަނިކުފާނުގެ ސަރުކާރުގައި ގެންގުޅުއްވި ގޮތް ފާހަގަ ކުރައްވާ އެ ސިޔާސަތުތަކަށްވެސް ފާޑުވިދާޅުވިއެވެ. އެ ގޮތުން ކޮމަންވެލްތާ ގުޅުން ކަނޑާލުމާއި ގަތަރާއި ގުޅުން ކަނޑާލެއްވި ލެއްވުން ފާހަގަ ކުރެއްވިއެވެ.
މިރޭގެ ކޮމެޓީގައި މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އިންޑިއާގައި ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ފޮނުވާލަން ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ. އަދި އެއީ ހަގީގަތް އޮޅުވާލަން ދައްކަވާ ވާހަކަތަކެއް ކަމަށް ވިދާޅުވެ އެކަމާއި ގުޅޭ ބައެއް ލިޔުންތައް ހިއްސާ ކުރެއްވިއެވެ. އެ ގޮތުން ހެލްކޮޕްޓަރު ގެންދިއުމަށް އެދި އިންޑިއާއަށް ފޮނުވި ކަމަށް ބުނާ ލިޔުން ވިދާޅުވެ ދެއްވިއެވެ. މީގެ އިތުރުން ހެލްކޮޕްޓަރު ގެންދިއުމަށް އެދި ފޮނުވާފައިވާ ކަމަށް ބުނެ އާންމުކޮށްފައިވާ ލިޔުމުގެ ހަގީގަތްވެސް މިނިސްޓަރު ސާފުކޮށްދެއްވިއެވެ.