ލައިފްސްޓައިލް

ކުޑަ ކުއްޖަކު ދިރުވާލި ބެޓެރިބުރިއެއް ނަގަން ޑޮކްޓަރުން އާދަޔާޚިލާފު މަސައްކަތެއް ކޮށްފި

އޭއޭ ބެޓެރިބުރިއެއް ދިރުވާލެވުނު ހަތަރު އަހަރުގެ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އިންޑިޔާގެ ޗެންނައިގެ ރޭލާ ހޮސްޕިޓަލުގެ ޑޮކްޓަރުން ކާމިޔާބު ހޯދައިފި އެވެ.

މި ކުއްޖާއަށް ބެޓެރިބުރި ދިރުވާލެވުނީ އޭތި އަނގަޔަށް ލައިގެން ކުޅެން އުޅުމުގެ ތެރޭގައި އެކްސިޑެންޓަކުންނެވެ. ބެޓެރި ބުރި ދިރުވާލެވުމުން ގޮސް ހަރުލާފައި އިނީ ކުއްޖާގެ ގޮހޮރުގަ އެވެ.

މި ކުއްޖާގެ ބަނޑުން ބެޓެރިބުރި ނަގަން މަސައްކަތް ކޮށްފައިވަނީ ރޭލާ ހޮސްޕިޓަލުގެ ސީނިއާ ގެސްޓްރޯއެންޓެރޯލޮޖިސްޓް ޑރ. އާރް. ރަވީ އާއި އެކްސްޕާޓް ޑޮކްޓަރުންގެ ޓީމަކުންނެވެ. މިއީ އެހާ ޚާއްސަ ކަމަކަށްވީ ކުއްޖާގެ ބަނޑު ކަފާ ނުލައި އެންޑޮސްކޮޕީ މެތަޑެއް ބޭނުންކޮށްގެން ބެޓެރިބުރި ނެގީމަ އެވެ.

މި މެތަޑްގައި ރޮތު ނެޓު ލައްވާފައިވާ ޓިއުބެއް ކުއްޖާގެ އަނގައިގެ ތެރެއިން ލައްވައިގެން ބެޓެރިބުރި ނަގަން ވަރަށް ކާމިޔާބު މަސައްކަތެއް ވަނީ ކޮށްފަ އެވެ. ބެޓެރިބުރި ނެގުނީ ބަނޑުގައި އެ އޮންނަތާ 14 ގަޑިއިރުވީ ފަހުންނެވެ.

އަރްވިންދް (އަސްލުނަމެއް ނޫން) އަށް ބެޓެރިބުރި ދިރުވާލެވުނު ވާހަކަ އޭނާގެ މައިންބަފައިން ކައިރީގައި ބުނުމުން ވަގުތުން އެމީހުން އޭނާ ގޮވައިގެން ހޮސްޕިޓަލުގެ އިމަޖެންސީއަށް ދިޔަ އެވެ.

އެ ހޮސްޕިޓަލުން ނެގި އެކްސްރޭއިން ބެޓެރިބުރި ފެންނަން އިނުމުން ރޭލާ ހޮސްޕިޓަލަށް ގެންދަން އޭނާ ފުރަތަމަ ދެއްކި ހޮސްޕިޓަލުގެ ޑޮކްޓަރުން އިރުޝާދު ދިނެވެ. އާދައިގެ ގޮތަކަށް އެ ބެޓެރިބުރި ނުނެގޭނެ ކަން ޔަގީން ކުރެވޭތީ އާއި މިކަމުގެ ސީރިއަސްކަން ހުރި ވަރު އިހްސާސް ކުރެވިގެންނެވެ.

ރޭލާ ހޮސްޕިޓަލުގެ ޑޮކްޓަރުން އެކި ޓެސްޓްތައް ހަދައި ވަރަށް ގިނަ ގޮތްގޮތަށް ބެލުމުން ބަނޑު ތެރޭގައި ބެޓެރި އިން ގޮތް ވަރަށް ރަނގަޅަށް އެނގުނެވެ. ނަމަވެސް އެންޑޮސްކޮޕީ ހަދައިގެން ބެޓެރިބުރި ނެގުން ވަރަށް ބޮޑު ގޮންޖެހުމަކަށް ޑޮކްޓަރުންނަށް ވިއެވެ. ސަބަބަކީ ބެޓެރިބުރި ނަގަން ފުރަތަމަ އެ ސީދާ ކުރަންޖެހޭތީ އެވެ. ބަނޑުތެރޭގައި އިން ގޮތަށް ހުރަހަށް ބައިންދައިން ނަގާނަމަ ކުއްޖާގެ ކާއެއްޗެތި ދަތުރުކުރާ ހޮޅިއަށާއި އެނޫންވެސް ބައިތަކަށް ގެއްލުން ލިބޭނެތީ އެވެ.

"ބޮޑު މީހެއްގެ ބަނޑުން ވެސް މިވަރުގެ ބެޓެރިއެއް ނެގުމަކީ ފަސޭހަ ކަމެއް ނޫން. އަހަރެމެން ހިތަށް އެރި ކުއްޖާ ކިހިނެއްބާއޭ ބެޓެރިބުރި ދިރުވާލީ. ދިރުވާލެވޭ އެއްޗެއްގެ ބޮޑުމިނުން އެ ނެގުމުގައި އިތުރު މައްސަލަތައް ދިމާވާނެ. އެހެންކަމުން ރޮތު ނެޓު ބޭނުންކޮށްގެން އަހަރެމެންނަށް ވަރަށް ގިނައިރު މަސައްކަތްކޮށްގެން ބެޓެރިބުރި ކޮޅަށް ޖަހައިގެން އެ ނެގުނީ. ނަސީބަކުން ކުއްޖާގެ އެތެރެ ހަށީގެ އެއްވެސް ތަނަކަށް ކުޑަ ނަމަވެސް ގެއްލުމެއް ނުލިބި ބެޓެރިބުރި ނެގުނު،" ޑރ. ރަވީ ވިދާޅުވި އެވެ.

އެންޑޮސްކޮޕީ ހަދައިގެން ބެޓެރިބުރި ނެގުމަށްފަހު އިރުކޮޅަކު އޮބްޒަވޭޝަންގައި ބޭއްވުމުން ކުއްޖާ މުޅިން ނޯމަލްވީ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި އެންޑޮސްކޮޕީ ހެދިތާ އެންމެ ދެ ގަޑިއިރު ތެރޭގައި ކުއްޖާއަށް ކެވެން ފެށުމުން ހަމަ އެ ދުވަހު ގެއަށް ދޫކޮށްލީ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރުން ވިދާޅުވި ގޮތުގައި ބެޓެރިބުރި ދިރުވާލެވުނު ވާހަކަ ކުއްޖާ ނުބުނެ ހުރިނަމަ ވަރަށް ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތެވެ. އަދި ބެޓެރިބުރި ކުއްޖާގެ ބަނޑުތެރޭގައި އޮވެ ގިރެން ފެށިނަމަ އޭނާގެ ފުރާނައަށް ނުރައްކާ ވީހެވެ.