ލައިފްސްޓައިލް

އަންހެނެއްގެ ބަނޑުން އޭނާއަށް ވުރެ ބަރު ޓިއުމަރެއް ނަގައިފި

އިންޑިއާގެ އަހުމަދުއާބާދުގައި ދިރިއުޅޭ 56 އަހަރުގެ އަންހެނެއްގެ ގައިން 49 ކިލޯ ބަރުދަން ހުރި ޓިއުމަރެއް ނަގައި އޭނާއަށް އާ ހަޔާތެއް ހޯދައިދިނުމުގައި ޑޮކްޓަރުން ކާމިޔާބު ހޯދައިފި އެވެ.

އާދަޔާޚިލާފު ބޮޑު މި ޓިއުމަރަކީ މިހާތަނަށް އިންޑިއާގައި ސާޖަރީ ހަދައިގެން ނެގި ނޮން-އޯވޭރިއަން ޓިއުމަރުތަކުގެ ތެރެއިން އެންމެ ބޮޑު ޓިއުމަރެވެ.

އަންހެން މީހާގެ ދަރިފުޅު ޓައިމްސް އޮފް އިންޑިއާ އަށް ކިޔައިދީފައިވާ ގޮތުގައި އޭނާގެ މަންމަގެ ހަށިގަނޑުގައި މި ޓިއުމަރު އިންނަތާ 18 ވަރަކަށް އަހަރު ވެއްޖެ އެވެ. އަދި އޭނާގެ އަމިއްލަ ބަރުދަން ވަރުގެ ޓިއުމަރެއް ގައިގައި އިނުމުގެ ސަބަބުން އަންހެން މީހާ އަށް ހިނގާބިނގާވެ ނޫޅޭވި އެނދުގައި އޮންނަތާ ވެސް ކިތަންމެ ދުވަހެއް ވެއްޖެ ކަމަށް އޭނާގެ ދަރިފުޅު ބުންޏެވެ.

މި ހަބަރުގައި ބުނެފައިވާ ގޮތުގައި މީގެ 18 ވަރަކަށް އަހަރު ކުރިން ކުއްލިއަކަށް އަންހެން މީހާގެ ބަނޑާ ދިމާލުން އާދަޔާޚިލާފަށް ފަލަވާން ފެށީ އެވެ. އޭނާ ޑޮކްޓަރަށް ދައްކައި ޓެސްޓް ހެދުމުން ބަނޑުގައި ޓިއުމަރެއް އުފެދެމުންދާކަން ޔަގީންވި އެވެ. ނަމަވެސް މިއީ ކެންސަރު ހުރި ޓިއުމަރެއް ނޫނެވެ.

އޭރު ވެސް ޓިއުމަރު ނަގަން ޑޮކްޓަރުން ސާޖަރީ ހަދަން މަސައްކަތް ކުރި އެވެ. ނަމަވެސް ސާޖަރީގެ ވަކި ހިސާބަކުން އެކަން ހުއްޓާލަން މަޖްބޫރުވީ އެވެ. އަންހެން މީހާގެ އެތެރެހަށީގެ ގުނަވަނަކާއި އެ ޓިއުމަރު ގުޅިފައި ވާތީ އެވެ.

ސާޖަރީ ވަކި ވަރަކަށް ހަދާފައި ހުއްޓާލުމުން ޓިއުމަރު އާދަޔާޚިލާފަށް ބޮޑުވާން ފެށީ އެވެ. އަދި ފާއިތުވީ ދެ އަހަރެއްހާ ދުވަސް ތެރޭ ޓިއުމަރު ވަނީ އޭގެ ކުރީ އިން ވަރަށް ވުރެ ދެ ގުނަ ބޮޑުވެފަ އެވެ.

އެޕޯލޯ ހޮސްޕިޓަލްސްގެ ޗީފް ސާޖިކަލް ގެސްޓްރޯއެންޓްރޮލޮޖިސްޓް ޑރ. ޗިރާގް ދެސާއީ އާއި ސާޖަނުންގެ ޓީމަކުން މި ޓިއުމަރު ނަގަން އަނެއްކާވެސް މަސައްކަތް ކުރަން ނިންމީ އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރެވޭނެ އިތުރު ގޮތެއް ނެތްކަން ޔަގީން ވެގެންނެވެ.

ސާޖަރީ ހަދަން އަންހެން މީހާގެ ބަރުދަން ބަލަން ކުރި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ. ސަބަބަކީ އޭނާއަށް ކިރާ ކައްޓާ މަތީ ކޮޅަށް ނުހުރެވޭތީ އެވެ. ނަމަވެސް ސާޖަރީއަށް ފަހު ޓިއުމަރު ނަގާފައި ކިރާލިއިރު އަންހެން މީހާގެ ބަރުދަން ހުރީ 49 ކިލޯއަށް ވެއްޓިފަ އެވެ. އަދި އޭނާގެ ގައިން ނެގި ޓިއުމަރުގައި 47 ކިލޯ ހުއްޓެވެ. ވީމާ އަންހެން މީހާގެ ބަރުދަނަށް ވުރެ ޓިއުމަރު ލުއީ އެންމެ ދެ ކިލޯ އެވެ.

ޓިއުމަރުގެ ސަބަބުން އެބްޑޮމިނަލް ވޯލްގައި ހުރި އިތުރު ޓިޝޫތަކާއި ހަންތައް ވެސް ސާޖަރީ ހެދިއިރު ޑޮކްޓަރުން ނެގި އެވެ. މި ތަކެތީގައި ވެސް ހަތް ކިލޯ ހުއްޓެވެ.

"ހަގީގަތުގައި އަންހެންމީހގެ ގައިގައި އިން ޓިއުމަރު އޭނާގެ އަސްލު ބަރުދަނަށް ވުރެ ވެސް މާ ބަރު. މިއީ ހާލަކުން ފަހަރަކު ނޫނި ނުފެންނަ ކަހަލަ ކޭހެއް. ޓިއުމަރު ބޮޑުވީވީނުން ގޮސް އަންހެން މީހާގެ ހިތާއި ފުއްޕާމެޔާއި ކިޑްނީތައް އަދި ރަހިމު ވެސް ހުރީ އެއް ފަރާތަށް ޖެހިފަ. އެހެންވެ ޓިއުމަރު ނެގުމަށްފަހު އެ ގުނަވަންތައް ވެސް އެ ހުންނަން ޖެހޭ ތަންތަނަށް އަލުން ގެންނަން ޖެހުނު،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. ދެސާއީ ވިދާޅުވި ގޮތުގައި ސާޖަރީއަށް ފަހު ދެ ހަފުތާއެއްހާ ދުވަހު އަންހެން މީހާ ހޮސްޕިޓަލުގައި ބޭއްވުމަށްފަހު މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ ގެޔަށް ދޫކޮށްލާފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންޑިއާގައި ހެދި ސާޖަރީއެއްގައި އަންހެނެއްގެ އޯވަރީން 50 ކިލޯގެ ޓިއުމަރެއް ނަގާފައި ވެއެވެ.