ބޮލީވުޑް

ގަންގޫބާއީ: ޝަންތާނޫގެ ހުވަފެން ހަގީގަތަކަށް

އަބަދުވެސް އެކްސްޕެރިމެންޓަލް ރޯލުތައް ތަޖުރިބާކޮށްލަން 30 އަހަރުގެ ޝަންތާނޫ މަހޭޝްވާރީ ބޭނުންވެ އެވެ. ޝަންތަނޫ އަކީ މޮޅު އެކްޓަރެއްގެ އިތުރުން ކުޅަދާނަ ނެށުންތެރިއެކެވެ. އަދި މޮޅު ކޯރިއޮގްރާފަރެއް ވެސް މެއެވެ. އޭނާ އެކްޓިންގެ ދުނިޔެއަށް ނުކުތީ ޗެނަލް ވީގެ "ދިލް ދޯސްތީ ޑާންސް" އިންނެވެ. އަދި ފުރަތަމަ ރޯލުން ވެސް އޭނާ ބެލުންތެރިންގެ ހިތްތައް އަތުލައިގަތެވެ.

"ގަންގޫބާއީ"ގައި ޝަންތާނޫ ތައާރަފްވާ ލަވަ

ލޮސް އެންޖަލިސްގައި 2015ގައި ބޭއްވި "ވޯލްޑް އޮފް ޑާންސް" މުބާރާތުން އެއްވަނަ ހޯދި އިންޑިޔާގެ ޓީމު "ދޭސީ ހޮޕާޒް"ގެ ޑާންސް ކްރޫގައި ވެސް ޝަންތަނޫ ހިމެނެ އެވެ. އަދި "އެމެރިކާ ގޮޓް ޓެލެންޓް"ގެ 11 ވަނަ ސީޒަންގައި 2016ގައި ޝަންތާނޫ އާއި ދޭސީ ހޮޕާޒް ބައިވެރިވެ ވަރަށް މޮޅު ޕާފޯމަންސްތަކެއް ދައްކާފައިވެ އެވެ.

އޭގެ ފަހުން ޝަންތާނޫ ވަނީ ރިއަލިޓީ ޝޯ "ފިއާ ފެކްޓާ: ޚަތުރޯންކީ ކިލާޅީ 8"ގައި 2017ގައި ބައިވެރިވެ އެ ޝޯ ކާމިޔާބުކޮށްފަ އެވެ. އަދި "ޖަލަކް ދިކްލާ ޖާ"ގެ 2016ގައި ދެއްކި ސީޒަންގައި ބައިވެރިވެ ސެކަންޑް ރަނަރަޕް އަކަށް އޭނާ ހޮވުނެވެ.

ނަމަވެސް ޝަންތާނޫ ޒަމާނުއްސުރެ ދެކެމުން އައި އެންމެ ބޮޑު ހުވަފެން ހަގީގަތަކަށްވީ ސަންޖޭ ލީލާ ބާންސާލީގެ ފިލްމެއް ކުޅެލަން ލިބުމުންނެވެ. އަދި އެ ވެސް އާލިއާ ބަޓްއާ އެކު އެވެ.

ބާންސާލީ ޑައިރެކްޓްކޮށް މިހާރު ރިލީޒްކުރަން ތައްޔާރުވެފައިވާ "ގަންގުބާއީ ކަތިއާވަޅީ"ގައި ޝަންތަނޫ ކުޅެނީ އާލިއާގެ ލޯބިވެރިޔާގެ ރޯލެވެ.

ޝަންތަނޫ ބުނި ގޮތުގައި މި ފިލްމު ލިބުމުން އޭނާ ޝުކުރުއަދާކުރާނެ ހުރީ އެންމެ މީހެކެވެ. އެއީ ބާންސާލީ އެވެ.

އެ ރޯލަށް ހޮވުނުކަން އެނގުނު ވަގުތު ވީފަލެއް ބަޔާންކުރަން ވެސް ނޭނގޭ ކަމަށް ޝަންތާނޫ ބުންޏެވެ. ސަބަބަކީ ބާންސާލީ އަކީ ފިލްމު އުފެއްދުމުގެ ރޮނގުން ބެސްޓްގެ ވެސް ބެސްޓަށް ވާތީ ކަމަށް އޭނާ ބުންޏެވެ. އަދި އިތުރު ފުރުސަތެއް ލިބުނަސް އޭނާ ޖެހިލުމެއް ނެތި އެ ފުރުސަތު ގަބޫލުކުރާނެކަމަށް ޝަންތާނޫ ބުންޏެވެ.

ބާންސާލީ އާއި ޑރ. ޖަޔަންތީލާލް ގަޑާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު މި މަހުގެ 25 ވަނަ ދުވަހު ސިނަމާތަކުގައި ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.