އދގެ ނިންމުންތައް ނިންމުމުގައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ވިސްނުންތަކަށްވެސް ރިއާޔަތްކުރުމަކީ މުހިއްމު ކަމެއްކަމުގައި އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފަންސަވީސް އަހަރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އަދި އެ މަޖިލީހުގެ 17 ވަނަ ދައުރުގެ ރައީސްކަންވެސް ކުރެއްވި ޝާހިދު މިހެން ވިދާޅުވީ ގާނޫނު ހަދާ މަޖިލިސްތަކުގެ ޖަމްއިއްޔާ އިންޓަޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) އިން އިންތިޒާމުކޮށްގެން އާއްމު މަޖިލީހުގައި ބޭއްވި ޕާލަމެންޓަރީ ހިއަރިން ގައެވެ. މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ގައުމުތަކަކުން ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހަކީ އެމަނިކުފާނުގެ ހިތާ ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި ގާނޫނު ހަދަ މަޖިލީސްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާއެކު މަޝްވަރާ ކުރުމަށް އަބަދުވެސް މަރުހަބާ ދަންނަވާކަމަށެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އޮސްޓްރިއާގެ ވިއެނާގައި އޮތް ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ ފަސް ވަނަ ބައްދަލުވުމާއި ސްޕެއިންގެ މެޑްރިޑްގައި ނޮވެމްބަރު މަހު އޮތް އައިޕީޔޫގެ 143 ވަނަ އެސެމްބްލީގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަން ފުރުސަތު ލިބިވަޑައިގެންނެވިކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.
މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުގަޔާއި އަދި އާއްމު މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހޭދަކުރައްވަމުން ގެންދަވާ މުއްދަތުގައި އދ އާއި ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް އެއްކޮށް ކުރާ މަސައްކަތްތައް ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
އަދި އދގެ ނިންމުންތައް ނިންމުމުގައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ވިސްނުންތަކަށްވެސް ރިއާޔަތްކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކެވަޑައިގަންނާވާ ކަމަށް ވިދާޅުވިއެވެ. ބައިނަލްއަގްވާމީ މައިދާނުގައި ކުރަން ޖެހޭ ކަންކަން ގާނޫނު ހަދާ މަޖިލިސްތަކުން ކުރުމަކީ މުހިއްމު ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.