ސަރުކާރުން ހުރިހާ ހަރަދެއް ކުރާ ގޮތަށް ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި 20 ސްކޮލާޝިޕްގެ ފުރުސަތުގެ ތެރެއިން ހަ ޖާގައަކަށް އެދުމުގެ ފުރުސަތު ހުޅުވާލާއިފި އެވެ
ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި 20 ސްކޮލާޝިޕްގެ ފުރުސަތަށް 60 އަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލި ކަމަށް އެޑިއުކޭޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސްކޮލާޝިޕަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ސްކޮލާޝިޕަށް ހޮވިފައިވަނީ 14 ކެންޑިޑޭޓުން ކަމަށެވެ. އެހެންކަމުން ސްކޮލާޝިޕްގެ ފުރުސަތުގެ ތެރެއިން މަދުވާ ހަ ފުރުސަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މަދުވާ ހަ ޖާގައަށް އަލުން ފުރުސަތު ހުޅުވާލީ މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.
ސްކޮލާޝިޕަށް ހޮވޭ މީހުންނަށް ކިޔެވުމަށްދާ ހަރަދާއި، މުސާރައާއި އެއްވަރުގެ އެލަވަންސެއްގެ އިތުރުން ދެކޮޅު ޓިކެޓް ސަރުކާރުން ދިނުމަށް ހަމަޖައްސާފައިވެ އެވެ. ކޯސް ނިންމުމަށްފަހު ސަރުކާރުން ކަނޑައަޅައި ސްކޫލެއްގައި އެ މީހުން ވަކި މުއްދަތަކަށް ހިދުމަތް ކުރަންޖެހޭ ގޮތަށް ބޮންޑުކުރަން ވެސް ނިންމާފައިވެ އެވެ.
ސްކޮލާޝިޕް ލިބޭ ބޭފުޅުން އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާ އިން، މެލޭޝިއާގައި ކިޔެވުމަށް ހަމަޖެހިފައިވަނީ މާސްޓާސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން އެވެ.
ސްކޮލަޝިޕަށް ހޮވޭ ޝަރުތުތަކުގެ ތެރޭގައި ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތައުލީމީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވުން، ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން، އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން، އަދި ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓާސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެ އެވެ.
ސްކޮލާޝިޕަށް ހޮވޭ މީހުން ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ވަކި ދާއިރާ ތަކަކުން މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ހޯދާ މީހުން ތަރުތީބުކޮށް އެއާ އެއްގޮތަށެވެ. މާކްސް ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ތަޖުރިބާއަށް 30 ޕަސަންޓާއި އިންޓަވިއުގައި ހުށަހަޅާ ޕްރެޒެންޓޭޝަނަށް 30 ޕަސަންޓުގެ އތުރުން އިންޓަވިއު އަށް 40 ޕަސަންޓެވެ.
ސްކޫލުތަކަށް ޕްރިންސިޕަލުން ލިބުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.