ފުލުހުންނަށް އުދަނގޫ ކުރި ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތަކާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހުއްޓުވި ފުލުހެއްގެ ސައިކަލް ރޭގެ ވަގުތެއްގައި ރޯކޮށްލުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
ސައިކަލްގައި ރޯކޮށްލީ ފުލުސް މީހާގެ ގޭގައި ސައިކަލް ބަހައްޓާފައި ހުއްޓާ ރޭގެ ވަގުތެއްގަ އެވެ.
މަނަދޫ ޕޮލިސް ޑެސްކްގެ އިންޗާޖު، ސާޖަންޓް މުހައްމަދު އަރީޝް އަށް ތައުރީފް ކުރައްވާ ސީޕީ ހަމީދު ވިދާޅުވީ ފުލުހުންނަށް އުދަނގޫ ކުރި ނަމަވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ފެންވަރުގައި އާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.
އަރީޝްގެ މަސައްކަތާ ގުޅޭގޮތުން ސީޕީ ވިދާޅުވީ އަރީޝް މަސައްކަތް ކޮށްފައިވަނީ މިލަދޫ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށެވެ.
ސީޕީ ވަނީ އެ ހަމަލާ ތަހުގީގުކުރުމަށް މާލެ އިން އިސް ބޭފުޅަކު ފޮނުވާނެ ކަމަށާއި ހަމަލާދިން މީހުން ހޯދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރީޝްގެ ސައިކަލްގައި ރޯކޮށްލި މީހުން ހޯދައި އެ މައްސަލަ ތަހުގީގުު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ.
ސައިކަލްގައި ރޯކޮށްލި މަންޒަރުގެ ސީސީޓީވީ ފްޓޭޖު އާންމުވެފައިވާއިރު ވީޑިއޯ އިން ފެންނަނީ މޫނު ނިވާކޮށްގެން ހުރި މީހަކު ސައިކަލަށް އެއްޗެއް އެޅުމުން ދެވަނަ މީހަކު އައިސް ސައިކަލްގައި ރޯކޮށްލާ މަންޒަރެވެ.