ބޮލީވުޑް

މަދު ލޭގެ ގްރޫޕެއް ހުންނާތީ ރިތިކް ލޭ ހަދިޔާކޮށްފި

ރިތިކް ރޯޝަން ލޭ ހަދިޔާ ކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ދައުރުވުމުން އޭނާގެ ފޭނުން މިކަމާ ވަރަށް އުފާކޮށްފި އެވެ.

މިހާރު "ވިކްރަމް ވެދާ"ކިޔާ ފިލްމެއްގެ މަސައްކަތް ކުރާ ރިތިކް ޝެއާކުރި މި ފޮޓޯއާއެކު ރިތިކް ލިޔެފައިވާ މެސެޖުގައި ބުނެފައިވަނީ އޭނާގެ ގައިގައި ހުންނަނީ ވަރަށް މަދު މީހެއްގެ ގައިގައި ނޫނީ ނުހުންނަ ލޭގެ ގްރޫޕެއް ކަމަށެވެ.

މި ލޭ ހުންނަ މީހުންނަށް ލޭ ހޯދަން ޖެހޭ ފަހަރު ހޮސްޕިޓަލުތަކުން މި ލޭ ނުލިބިގެން އުޅޭ ކަމަށެވެ. ލޭ ހަދިޔާކުރަން އޭނާ ނިންމީ މި ސަބަބާ ހުރެ ކަމަށް ރިތިކް ބުންޏެވެ.

"އަހަރެންގެ ހުންނަނީ ބީ ނެގެޓިވް. އަހަންނަށް އެނގިފައިވާ ގޮތުގަ މިއީ ވަރަށް މަދު މީހެއްގެ ގައިގައި ނޫނީ ނުހުންނަ ލެޔެއް. ހޮސްޕިޓަލްތަކަށް ވަރަށް ބޮޑަށް މި ލޭ ބޭނުންވޭ. އެހެންވެ ލޭ ހަދިޔާކުރަން ގަސްތުކުރީ،" ރިތިކް ބުންޏެވެ.

ރިތިކް ވަނީ ލޭ ހަދިޔާކުރުމުގެ ފައިދާއާ ގުޅޭ ގޮތުން ވެސް ބައެއް މައުލޫމާތު ހިއްސާ ކޮށްފަ އެވެ.

ރިތިކް ލޭ ދިނުމަށްފަހު ސޯޝަލް މީޑީއާގައި މި ވާހަކަ ޝެއާކުރީ އެހެން މީހުންނަށް ލޭ ހަދިޔާކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ބުންޏެވެ.