ބޮލީވުޑް

ބޭބޯ އަނެއްކާ ކަސްރަތު ކުރަން ފަށާ: ފޭނުން

ކަރީނާ ކަޕޫރު (އާއިލާ އާއި އެކުވެރިން ކިޔާ ނަމުން ނަމަ ބޭބޯ) ފަލަކަމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާ އާ ދިމާކޮށްލައިފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސައިޒް ޒީރޯ ހަށިގަނޑެއް ހުރި ކަރީނާ ދެވަނަ ދަރިފުޅު ވިހެއުމަށްފަހު އަދި އެހާ ބޮޑަށް ބަރުދަން ލުޔެއް ނުވެ އެވެ.

ފުރަތަމަ ދަރިފުޅު ތައިމޫރު ވިހައިގެން މާގިނަ ދުވަހެއް ނުވެ ކަރީނާ ކަސްރަތުކުރަން ފަށައި ވަރަށް އަވަހަކަށް ހިއްކާލި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީގައި ދެވަނަ ދަރިފުޅު ޖޭ ވިހެއުމަށްފަހު އަދި ހިކެން މާބޮޑަށް މަސައްކަތް ކުރާތަނެއް ނުފެނެ އެވެ.

ކަރީނާ މިދިޔަ ބުދަ ދުވަހު މުމްބައިގެ ރެސްޓޯރަންޓަކުން ނުކުންނަނިކޮށް ނަގާފައިވާ ފޮޓޮއެއް ސޯޝަލް މީޑީއާގައި ދައުރުވުމުން އޭނާއަށް ގިނަ ބަޔަކު މަލާމާތް ރައްދުކުރީ ތަންކޮޅެއް ފަލަވެފައި ހުރީމަ އެވެ.

"ބޭބޯ ކަސްރަތުކުރަން ފަށަން ވެއްޖެ. މިހާރު މާބޮޑަށް ފަލަވެފަ ހުރީ،" ކަރީނާއަށް މަލާމާތްކުރި މީހަކު ބުނެފައި ވެއެވެ.

އެހެން ކޮމެންޓެއްގައި ބުނެފައިވާ ގޮތުގައި ތައިމޫރު ވިހައިގެން ކަރީނާ ވަރަށް އަވަހަށް ހިކި މުޅިން ފިޓްވީ ތަން ފެނިފައި އޭނާ ވަރަށް ހައިރާންވި އެވެ.

"މިފަހަރު ކިހިނެއްބާ މިވީ؟" އެމީހާ ސުވާލުކޮށްފަ ވެއެވެ.

ގިނަ ބަޔަކު މަލާމާތް ކުރިޔަސް ކަރީނާގެ ދިފާއުގައި ވެސް ބައެއް ފޭނުން ވާހަކަ ދައްކާފައިވެ އެވެ. އަދި މިއީ ކޮންމެ އަންހެނަކު ވެސް ވިހެއުމަށްފަހު ހުންނާނެ ގޮތް ކަމަށާއި ކެމެރާއާ ކުރިމަތިލާން ވުމުން ކަރީނާ އަނެއްކާވެސް ކަސްރަތުކޮށް ހިކޭނެ ކަމަށް އޭނާއަށް ތާއީދުކުރާ ފޭނުން ބުނެފައި ވެއެވެ.