ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަޝީދަށް ދިން ހަމަލާއަކީ "ހޭވެރިކަން ގެނުވި" ހާދިސާއެއް: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއަކީ "ހޭވެރިކަން ގެނުވި" ހާދިސާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ދި ކޮމަންވެލްތު އެމަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިވަރަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމުގެ ބިރުއޮތް ކަމަށް ވިދާޅުވިއެވެ. އެ އެގޮތުން މެއި ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެވުނު ޓެރަރިސްޓް ހަމަލާއަކީ "ހޭވެރިކަން ގެނުވި" ހާދިސާއެއްގެ ގޮތުގައި ރައީސް ވަނީ ސިފަ ކުރައްވާފައެވެ. މި މައުލޫގައި ދެ ބޭފުޅުން އިތުރަށް ދެއްކެވި ވާހަކަތަކުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާ ދީފައިވަނީ ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެ ސަރަހައްދުގައި ހުރި ސައިކަލެއްގެ މަޑި ދަށުގައި އައިއީޑީއެއް ބާއްވައިގެން އެ ގޮއްވާލައިގެންނެވެ. އެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ މުޅި ހަށިކޮޅުހެން ޒަހަމުވެވަޑައިގަތެވެ. ވަރަށް ބޮޑު އަނިޔާ ލިބިވަޑައިގަތެވެ. އެތައް ދުވަހެއް ވަންދެން ފަރުވާއަށް ރާއްޖެ އާއި ބޭރު ގައުމުތަކުގައި ދުވަސްތައް ހޭދަ ކުރެއްވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު އަށް މީހެއްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން ޑިސެންބަރު 14، 2021 ގައި ވަނީ ހުކުމްކޮށްފައެވެ.

އަދުހަމް 23 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރަނީ 22 އަހަރާއި 4 މަހާއި 21 ދުވަހެވެ. އެއީ ހަމަލާއަށްފަހު އޭނާ ހައްޔަރުކުރި ގޮތަށް ހުކުމް ކުރާ ހަމައަށް ޖަލުގައި ހޭދަކުރި 221 ދުވަސް ހުކުމުން އުނިކުރުމުން ޖަލުގައި ހުންނަންޖެހޭ ދުވަސްތަކެވެ.

އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އޭނާ ވަނީ ތަހުގީގުގައި އަދި ކޯޓުގައި ވެސް ކުށަށް އިއުތިރާފްވެފަ އެވެ. އަދުހަމް ހުރީ ހަށިގަނޑު ގޮއްވާލައިގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް އޭނާ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.

އަދުހަމްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އޮގަސްޓް ތިން ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ލަސް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް ވަނީ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ. އޭގެ ފަހުން، ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތްތައް އަވަސްކޮށްދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ.

އެ ހަމަލާގެ ފުނަށް ވާސިލުވުމަށް މިހާތަނަށް ކުރެވުނު މަަަސައްކަތް އަދި ކާމިޔާބުވެފައި ނުވާތީ އެމްޑީޕީގެ އިސް ބޭފުޅުންވެސް ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.