ބޮލީވުޑް

ފަރްހާނާއި ޝިބާނީ އަދި ވިކްރާންތު އާއި ޝީތަލް ކައިވެނިކޮށްފި

ބޮލިވުޑް އެކްޓަރުންގެ ތެރޭގައި ހިމެނޭ ފަރްހާން އަޚްތަރު އާއި ވިކްރާންތު މެސީ ކައިވެނިކޮށްފި އެވެ.

ފަރްހާން ކައިވެނިކުރީ ވީޖޭ އަދި މޮޑެލް އެއްގެ ގޮތުގައި މަސައްކަތްކުރާ ޝިބާނީ ޑަންޑޭކަރްއާ އެވެ. ވިކްރާންތު ކައިވެނިކުރީ ހަތް އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ޝީތަލް ޓާކޫރުއާ އެވެ.

ފަރްހާންގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ އިންޑިއާގައި އާއްމުކޮށް ކައިވެނިތައް ބާއްވާ ގޮތާ ތަންކޮޅެއް ތަފާތުކޮށެވެ. މާފަތި އެޅުވުމާއި އަލިފާންގަނޑު ކައިރީ ހިނގުން ފަދަ ކަންތައްތަކެއް މި ކައިވެނީގެ ރަސްމިއްޔާތަކު ނުހިމެނެ އެވެ. އަދި ދެ މީހުން އަޅައިގެން ތިބި ހެދުން ވެސް ފެނުނީ ތަންކޮޅެއް ތަފާތު ގޮތަކަށެވެ.

މި ކައިވެނީގައި ފަރްހާންގެ ބައްޕަ ޖާވީދު އަޚްތަރާއި ދޮންމަންމަ ޝަބާނާ އަޒްމީގެ އިތުރުން ދެ ފަރާތުގެ އާއިލާގެ މީހުންނާއި އެކުވެރިން ބައިވެރިވި އެވެ. ކައިވެނި އޮތީ ކަންޑާލާގައި އޮންނަ ޖާވީދު އާއި ޝަބާނާގެ އަމިއްލަ ފާމް ހައުސް އެއްގަ އެވެ.

އަނެއްކޮޅުން ވިކްރާންތުގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ ހިންދޫން ކައިވެނިކުރާ ގޮތަށެވެ.

ވިކްރާންތު އާއި ޝީތަލް ފުރަތަމަ ބައްދަލުވީ "ބޯލްޑް އެންޑް ބިއުޓިފުލް"ގެ ސެޓުންނެވެ. ޝީތަލް އަކީ ބަތަލާއެއްގެ އިތުރުން މޮޑެލް އެކެވެ.

ވިކްރާންތުގެ ގިނަ ފިލްމުތަކެއް ފާއިތުވީ ދެ ތިން އަހަރެއް ތެރޭ ރިލިޒް ވެފައިވެ އެވެ. އޭގެ ތެރޭގައި "ޗަޕާކް"، "ހަސީން ދިލްރުބާ"، "14 ޕެރޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.