ބޮލީވުޑް

"ގެހެރާއިޔާން" ކުޅުމުގެ ކުރިން ރަންވީރަށް ގުޅިން: ސިދާންތު

ދީޕިކާ ޕަދުކޯން އާއި ސިދާންތު ޗަތުރަވޭދީގެ އާ ފިލްމު "ގެހެރާއިޔާން" ރިލީޒްކުރިތާ ހަފުތާއެއް ވީއިރުވެސް އެ ފިލްމުގެ ވާހަކަ ދެއްކުން މަޑެއް ނުވެ އެވެ. މި ފިލްމުގެ ވާހަކަ މީހުން އެންމެ ގިނައިން ދައްކަނީ ފިލްމުގެ ބަތަލާ ދީޕިކާ ޕަދުކޯން އާއި ބަތަލު ސިދާންތުގެ ގައިގޯޅި މަންޒަރުތައް ގިނަ ކަމުންނެވެ.

މިކަމަށް ފާޑުކިޔާ ބައެއް މީހުން ބުނާ ގޮތުގައި މި ފިލްމު ކުޅުމުގެ ކުރިން ދީޕިކާ ވެސް އަދި ސިދާންތު ވެސް ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގްގެ އިޒުނަ ހޯދަން ޖެހޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ސިދާންތު ދާދިފަހުން ވާހަކަ ދައްކާފައިވެ އެވެ. އޭނާ ބުނި ގޮތުގައި އެފަދަ ވާހަކަތައް މީހުން ދައްކާތީ އެކަމާ އޭނާ ރުޅިއެއް ނާދެ އެވެ. އެމީހުންނަކީ ޕްރޮފެޝަނަލް އެކްޓަރުން ކަމަށާއި އެގޮތުން ކުޅެންޖެހޭ ކޮންމެ ރޯލެއް ވެސް އެންމެ ފުރިހަމަ ކުޅެވޭތޯ ބަލާނެ ކަމަށް އޭނާ ބުންޏެވެ.

ސިދާންތު ބުނި ގޮތުގައި އެ ފިލްމު ކުޅެން ސޮއިކުރުމަށްފަހު ވެސް އޭނާ ފުރަތަމަ ގުޅީ ރަންވީރަށެވެ. އަދި ރަންވީރު ހުރީ ދީޕިކާއާ އެކު އޭނާ އެ ފިލްމު ކުޅޭތީ އުފަލުން ކަމަށް ސިދާންތު ބުންޏެވެ.

"ގަލީ ބޯއީ"ގައި ސިދާންތު ވަނީ ރަންވީރު އާއެކު މަސައްކަތް ކޮށްފަ އެވެ. އެހެންވެ ދެ މީހުންގެ މެދުގައި ގާތް އެކުވެރިކަމެއް މާކުރިން ވެސް އޮތެވެ.

ސިދާންތު އިތުރަށް ބުނީ ގޯއާގައި "ގެހެރާއިޔާން"ގެ ޝޫޓިން ކުރިއަށް ދިޔައިރުވެސް ރަންވީރު އެ ފިލްމުގެ ސެޓުގައި އެތައް ދުވަހެއް ހޭދަކުރި ކަމަށެވެ. އަދި އެންމެ ފަހަރަކުވެސް ރަންވީރު ހިތްހަމަނުޖެހުން ފާޅުނުކުރާ ކަމަށް ސިދާންތު ބުންޏެވެ.

"ދީޕިކާ އާއި އަހަރެންނަކީ ޕްރޮފެޝަނަލް އެކްޓަރުން. އަހަރުމެން ކަންތައް ކުރީ ޑައިރެކްޓަރު ޝަކުން ބަޓްރާ ބުނާ ގޮތް ގޮތަށް. ދެން އަހަރެމެންގެ އެކްޓިން އަށް މީހުން ފާޑުކިޔަސް ކީކޭ ބުނާނީ؟" ސިދާންތު ބުންޏެވެ

"ގެހެރާއިޔާން"ގައި ދީޕިކާ އާއި ސިދާންތު ކުޅެފައިވާ ބަޔަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ފިލްމަށް ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ބުނީ މިއީ ދީޕިކާ ކަހަލަ މޮޅު ބަތަލާ އަކު ކުޅޭ ކަހަލަ ފިލްމެއް ނޫން ކަމަށެވެ.