ތިމާވެށި

ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތަކުގެ ރެޑް ލިސްޓް އެކުލަވާލަނީ

Feb 20, 2022
1

ރާއްޖޭގައި ދިރިއުޅޭ ދިރޭތަކެތީގެ ތެރެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި ފުރަތަމަ ފަހަރަށް ނެޝަނަލް ރެޑް ލިސްޓެއްް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން މިއަދު ވަނީ ރެޑް ލިސްޓް އެކުލަވާލުމުގެ މަސައްކަތް އިފްތިތާހުކޮށްފަ އެވެ. މިމަސައްކަތުގެ ދަށުން ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި މެނޭޖްމަންޓް ޕްލޭންތައް ހަރުދަނާ ކުރުމާއެކު ދިރުންތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ ދިރުންތައް ގިންތި ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)ގެ ރެޑްލިސްޓާ އެއްގޮތަށް ވަރަށް ގިނަ ގައުމުތަކެއްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުންތަކުގެ ރެޑް ލިސްޓެއް އެކުލަވާލާފައި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ރާއްޖޭގައި މިހާތަނަށް އެ މަސައްކަތް ކުރެވިފައި ނުވާތީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ހިލޭ އެހީގެ ދަށުން އަދި އައިޔޫސީއެންއާ ގުޅިގެން ރެޑް ލިސްޓް އެކުލަވާލުމުގެ މަސައްކަތް ފެށީ ކަމަށެވެ. މިމަސައްކަތަށް ބޭނުންވާ ކަމާ ގުޅޭ ފަންނީ ކޮމިޓީއެއް އެކުލަވާލައި ކޮމިޓީގެ ލަފާގެ މަތިން ތިން ބާވަތެއްގެ ދިރޭ ތަކެތި ވަޒަންކުރުމުގެ މަސައްކަތް ވޯކިން ގުރޫޕްތަކަކުން މިހާރު ދަނީ ކުރަމުންނެެވެ.

ވޯކިން ގުރޫޕްގެ މަސައްކަތްތައް ނިމޭ މިންވަރަކުން މިނިސްޓްރީގެ ވެބްސައިޓްގައި މައުލޫމާތުތައް ހާމަކުރަމުންދާ ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.

ކަމާގުޅޭ އިދާރާތަކުގެ ހޯދުންތަކަށް ބަލާއިރު ރާއްޖޭގައި 1200 އަށް ވުރެ ގިނަ ބާވަތުގެ މަހާއި، 580 ބާވަތެއްގެ ގަހާއި، 280 އަށް ވުރެ ގިނަ ބާވަތުގެ މުރަކަ އާއި، 200 އަށް ވުރެ ގިނަ ބާވަތުގެ ދޫންޏާއި، 40 އަށް ވުރެ ގިނަ ބާވަތުގެ މިޔަރާއި މަޑި އަދި 20 ބާވަތެއްގެ ކޯމަހާއި ފެހުރިއްސާއި 15 ބާވަތެއްގެ މެންގްރޫވްގެ އިތުރުން ފަސް ބާވަތެއްގެ ވެލާ އުޅެ އެވެ.