ވާހަކަ

ހިތް ރުއްސާނުތޯ

( 17 ފެބްރުއަރީ 2022 އާ ގުޅޭ )

"އަދި ހޭލާކަށްނުވޭ..." ހޫރައިން ލޯ ހުޅުވާލަން އުޅުމުން ޒެހެން ބުނެލިއެވެ.

ދެ ފަހަރަކު ހޫރައިން ސިއްސައިގެން ދިޔައެވެ. އެއިންކޮންމެ ފަހަރަކު އަނބިމީހާގެ ގައިގާ ޒެހެން ހިފަހައްޓާލައެވެ. ޒެހެންގެ ގާތުގައިކަން އޮތީ ހަނދާންކޮށްދެއެވެ. ނަމަވެސް ދެވަނަ ފަހަރަށް ސިއްސައިގެން ދިއުމާއެކު ހޫރައިންގެ ލޮލުން ނިދި ފިލައިފިއެވެ. އޭނާ ބޭނުންވީ ފެންވަރާލައިގެން ނުކުމެ ނަމާދުކޮށްލާށެވެ. އެހާ ބޮޑަށް ހޫރައިން ސިއްސައިގެން ދާންވީ ސަބަބެއް އޭނާ ނުބުންޏެވެ. އަނބިމީހާގެ ފަހަތުން ޒެހެން އައިސް ފާޚާނާއަށް ވަނެވެ.

ދަތުރުގެ ބާކީ ދުވަސްތައް ފާއިތުވަމުންދިޔައިރު ޒެހެންއަށް ފާހަގަވީ ހޫރައިން އަޅުކަމަށް ފަރުވާތެރިވާވަރެވެ. މާހައުލު ތަފާތުވިޔަސް ހަށިގަނޑަށް ލޮނޑުކަން ލިބުނަސް އޭނާ ގަޑިންގަޑިންއަށް ނަމާދު ކުރެއެވެ. ދެ ނަމާދު ދޭތެރޭ ލިބޭ މަދުވަގުތުކޮޅު ޤުރުއާން ކިޔެވުން ދުލެއް ނުކުރެއެވެ. އެވަގުތުގައި ހޫރައިންގެ ގާތުގައި ޔޫކް ބައިންދައިގެން އެކުއްޖާއަށް ކިޔަވާދެއެވެ. ޗުއްޓީވުމުން އެ އާދަތަކަށް ފަރުވާކުޑަކޮށްފިނަމަ ޔޫކްގެ ތަރުބިއްޔަތަށް އެކަމުގެ ނޭދެވޭ އަސަރުކުރާނޭ ހޫރައިން ބުނެއެވެ. ޤުރުއާން ކިޔެވުމާއި ނަމާދުކުރުމަކީ މެދުކެނޑުމެއްނެތި އަބަދުމެއް ތިމާ އަދާކުރާންޖެހޭ ކަންކަމެވެ. އެ އާދަތަކަށް ހާނުވަމުން އައި ދަރިފުޅަށް ނުރަނގަޅު ބަދަލެއް އަންނާނޭ ފުރުސަތެއް ހޫރައިން ނުދޭނެއެވެ.

ސްކޫލަށް ގެންދަން ޔޫކް ތައްޔާރު ކުރާން ހޫރައިން އުޅުނެވެ. އެ ކޮޓަރީގައި ޔޫކްގެ އެނދުގައި އިށީނދެލައިގެން ސުމައްޔާ އިނެވެ. ދަތުރު ނިންމާފައި އައިސް މިއަދަކީ ޔޫކް ސުކޫލަށް ނުކުންނަ ފުރަތަމަ ދުވަހެވެ. ދަތުރުގައި ކުރި ކަންތައްތަކުގެ ވާހަކަ އެކުއްޖާ ފަށަފަށައިގެން ސުމައްޔާއަށް ކިޔާދެއެވެ. މޫދުކުޅިވަރުތަކަށް ގަޔާވީވަރުން އެކުއްޖާވަނީ މޫދަށް ލޯބިޖެހިފައެވެ. ފަތަން ދަސްކޮށްދޭން ޒެހެން ބުނެފަ އޮތުމުން އެކަމާ އޭނާ ހުރީ ތައްޔާރަށެވެ. މާމަދަރިފުޅުގެ ކޮންމެ ވާހަކައެއް ފޫހިކަމެއްނެތި ސުމައްޔާ ހެވިފައި އަޑުއަހަން އިނެވެ. ހެޔޮ ބަދަލެއްގެ އަސަރު ސުމައްޔާއަށް ފާހަގަވީ ހަމައެކަނި ޔޫކުގެ ފުށުން އެކަންޏެއްނޫނެވެ. ހޫރައިން ވެސް ހިނިތުންވާތީ ފެންނަން ފަށައިފިއެވެ. ފިރިމީހާއާ ދުރުދުރުން އުޅޭއުޅުން ހުއްޓިއްޖެއެވެ. ޒެހެންއާއި ޔޫކްއާ ދެމެދު ވަރުގަދަ ގުޅުމެއްގެ ބިންގާ އެޅިއްޖެކަން ޔަގީނެވެ.

ޔޫކްގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލި އަޑަށް ތިންމައިން އެއްފަހަރާ ބަލާލިއެވެ. ދޮރުމަތީ މަޑުކޮށްލައިގެން ހުރީ ޒެހެންއެވެ. އުފާވެރިކަމުގެ ޖޯޝުއެކުލެވިފައިވާ އަޑަކުން ޒެހެންއަށް ޔޫކް ގޮވާލިއެވެ. އަދި ޒެހެން ފެނުމުން ސުކޫލަށްދާ ގަޑި ޖެހުނީތޯ ޔޫކް އަހާލީ މަންމަ ކައިރިންނެވެ.

"މި ނިމުނީނު. އަދި ވަގުތު އެބައޮތޭ." އެންމެފަހު ކަމަކަށް ދަރިފުޅުގެ ބޯމާންކުރަމުން ހޫރައިން ބުނެލިއެވެ.

"ޔޫކް ސައިކަލަށް އަރަން ބިރުގަނޭތަ؟." ޒެހެން އަހާލިއެވެ.

"ޔޫކް އެރީމޭ ސައިކަލަށް. ދޯ މަންމީ... ހަސްތަމެންގޭގަ އުޅޭ ބޭބެގެ ސައިކަލަށް ޔޫކް އެރީމެންނު." ޔޫކް ބުނެލިއެވެ.

"ހަސީނާގެ ހަމްދޫނުގެ ވާހަކަ އެދައްކަނީ." ސުމައްޔާ އިނދެފައި ބުނެލިއެވެ.

"އެމީހުން ރަނގަޅުތަ؟ ޕާޓީއިން ބައްދަލުވީފަހުން އަދި ނާދޭ... ދޯ ހޫރް." ޒެހެން ބުންޏެވެ. ހޫރައިން ހަމައެކަނި ބޯޖަހާލީއެވެ.

"ނިމުނީ ދޯ." ޔޫކް ގޮވައިގެން ނުކުންނަން ހޫރައިން އެނބުރިލުމުން ޒެހެން ބުނެލިއެވެ.
އެޕާޓްމެންޓްގެ ދޮރުމަތީ ހޫރައިން މަޑުކޮށްލިއެވެ. ޔޫކް ގޮވައިގެން ލިފްޓަށް ޒެހެން އެރިއެވެ. ލިފްޓުގެ ދޮރު ލެއްޕެންދެން ހޫރައިން އެގޮތުގައި ހުއްޓެވެ.

"ޔޫކް... ޔޫކް..." ކުޑަކުޑަ ހަމްޒާއަށް ކުލާހަށް ވަން ޔޫކް ފެނުމާއެކު ގޮވަންފެށިއެވެ. އެއީ ޔޫކްއާ އެންމެ ގާތްކޮށް އުޅޭ ކުއްޖާއެވެ. ޔޫކްއަށްވުރެ ބޮޑަށް އޭނާ އަމިއްލައަށް ޔޫކްގެ ގާތް ރަހުމަތްތެރިއަކަށް ވެގެން އުޅެނީއެވެ.

"ޔޫކް ބައްޕަތަ މިއަދު އައީ." ހަމްޒާ އަހާލިއެވެ. އެކުއްޖާ ވެސް ފާހަގަވެފައި އޮތީ ޔޫކް ސުކޫލަށް އަބަދުވެސް އަންނަނީ މަންމައާއެކު ކަމެވެ. ކުއްލިއަކަށް ޔޫކްއާއެކު ފިރިހެނަކު ފާޅުވީމާ އެއީ ޔޫކްގެ ބައްޕައޭ ހީވީއެވެ.

އެ ސުވާލަށް ޖަވާބުދޭން ޔޫކް ޖެހިލުންވިއެވެ. އޭނާ ވެސް ބޭނުންވަނީ ޒެހެންއަކީ ބައްޕައޭ ބުނާށެވެ. އެކަމަކު ބައްޕައަކާ ދެމެދު އޮންނަންޖެހޭ ގުޅުމަކީ ކޮބާކަމެއް އެ ޅަސިކުނޑިއަކަށް ނުވިސްނެއެވެ. މިހާ ދުވަހު އޭނާއަށް އެނގިފައި އޮތީ ބައްޕައެއް ނުހުންނަ ކަމެވެ. ވީއިރު އެ އާއިލާ ކައިރިއަށް ޒެހެން އައުމުން ޔޫކްގެ ބައްޕައަށް ޒެހެންވާންވީ ގޮތެއް އެކުއްޖާއަކަށް ނުވިސްނެއެވެ. ޒެހެންއާ ދެމެދު އޮތް ގުޅުމަކީ އިތުބާރު އުފެދިފައި އޮތް ތަފާތު އެކުވެރިކަމެކެވެ.

"ޒެން އެއީ." ޔޫކް ބުނެލިއެވެ.

"ޔޫކް ބައްޕަ ކީއްވެ ނާންނަނީ." ޔޫކާއެކު އައީ ބައްޕައެއް ނޫނޭ ހީވުމުން ހަމްޒާ އަހާލިއެވެ.

ޗުއްޓީ ހަމަވާން ދުވަސްކޮޅެއް އަދި އެބައޮތެވެ. ހޫރައިންއާއިއެކު ސިޓިންރޫމު ސޯފާގައި ޒެހެން އިނެވެ. ދެމަފިރިން ވަޒީފާއާ މެދު މަޝްވަރާ ކުރަނީއެވެ.

"ހޫރް ބޭނުންވަނީ ކޮންގޮތެއް؟." ޒެހެން އަހާލިއެވެ.

"އޭރު ދަތިވެގެން ކޮންމެހެން ވެސް ވަޒީފާއެއް ހޯދީ. ހަސިންތަ މެދިވެރިވެގެން ހަމަޖެހުނު ވަޒީއެއް އެއީ. ޒެންއަށް ދައްޗެއްނުވާނެތަ؟. އެކަމަކު އެނބުރި ނުކުންނަ ހިތެއްނުވޭ... ފާޑުފާޑު ވާހަކަ މީހުން ދައްކާނެ ދޯ. ޒެން އިނދެގެން އުޅެނީ އެތަނުގަ އުޅޭ މަސައްކަތު މީހަކާއޭ ކިޔާނެ. މިހާރު އެންމެންނަށްހެން އެނގިފަ އޮންނާނީ." ހޫރައިން ބުންޏެވެ.

"ނުވިސްނޭ މީހުން އެކަހަލަ ވާހަކަދައްކާނެ. އެކަމުން އަހަރެންގެ ހިތަކަށް އެއްޗެއް ނާރާ. އިންޝާ ﷲ، ހޫރް ވަޒީފާއަށް ނުނިކުތަސް އާއިލާގެ ޚަރަދުތައް އަހަންނަށް ބެލެހެއްޓޭނެ. އެހެންވެ މިބުނީ ހޫރް ބޭނުން ގޮތެކޭ އެކަމުގަ އޮތީ. ކުރާހިތްވާނަމަ މީހުން ކިޔާހާ އެއްޗަކަށް ބަލާނެކަމެއްނެތް. ހޫރް ހުއްޓުވަން ހުރީ ހަމައެކަނި އަހަރެން. ޔަގީނުން ވެސް އަހަރެން ހޫރުގެ އުފަލަކަށް ހުރައެއް ނާޅާނަން." ޒެހެންގެ ޚިޔާލު ފާޅުކުރިއެވެ.

"ޗުއްޓީއަށްފަހު ނުކުތުމުގެ ވިސްނުމެއްނެތް. ހަސިންތަ ކައިރީ ބުނަންވާނެ. ކެނޑެން ބޭނުންވިޔަސް އެމީހުން ހަދާނެގޮތެއް ނޭނގެ." ހޫރައިން ބުންޏެވެ.

"ހަވީރު ސަޔަށް އަންނާށޭ ބުނޭ. އެގަޑިއަށް ނިމޭނެއެއްނު." ޒެހެން ބުންޏެވެ.

"ޒެން... މަންމަ އަތަށް ކޮންމެ މަހަކު ވަކިވަރެއް އަހަރެން ދެން. މަންމައަށް ޚަރަދުކުރާން އަހަރެން ހުރީ." ހޫރައިން ބުންޏެވެ.

"އެކަމާ ހޫރް ނުވިސްނާ. އަހަރެން އަބަދުވެސް ގޭގަ ފައިސާ ބަހައްޓާނަން. ހޫރް ބޭނުންވަރެއް މަންމައަށް ދޭންވީ. ހޫރް އެއްޗެއް ބޭނުންވިޔަސް ހަމަގަންނަންވީ." ޒެހެން ބުންޏެވެ.

"ޔޫކް ކިހިނެއް މިއަދު. ޒެން ފެނިގެން އާންޓީ އެހިތަ އެއްވެސް އެއްޗެއް." ހޫރައިން އަހާލިއެވެ.

"ނާހާ. ސައިކަލަށް އެރުވީމަ ނިކަން މަޑުމަޑުން އިނީ. ބުނިން ނިމޭ ގަޑިއަށް އަންނާނަމޭ." ޒެހެން ބުންޏެވެ.

ޔޫކް ބަލާދާންވީ ގަޑިއަށް އޭނާ ގެއިން ނުކުތެވެ. ސައިކަލު ޕާކުކޮށްލަން ތަންކޮޅެއް ލިބުނީ ސުކޫލާ ދުރުންނެވެ. މަޑު ހިނގުމެއްގައި އޭނާ އައިސް ސުކޫލުގެ ދޮރޯށި ފެންނަ ހިސާބުގައި މަޑުކޮށްލިއެވެ. ދެއަތް އުރާލައިގެން ނުހުންނަން ވެގެން އޭނާ ފޯނު ނެގިއެވެ. ދޮރޯށި ހުޅުވައި ބެލެނިވެރީންތައް ވައްދަން ފެށުމުން އެދިމާއަށް ޒެހެން ހިނގައިގަތެވެ.

ބަލަބަލާ ހުރި ޔޫކަށް ޒެހެން ފެނުނެވެ. އަވަހަށް އާންޓީއާ ސަލާމްކޮށްފައި ޒެހެންގެ ގާތަށް އަންނަން އުޅުނެވެ. އެހިނދު ޔޫކްއާއެކު އާންޓީ އައެވެ.

"ޔޫކް މަންމަ ބަލިވީތަ؟." އާންޓީ އަހާލިއެވެ.

"އަލްޙަމްދުލިއްﷲ، ރަނގަޅު... ޔޫކްގެ ބައްޕަ މީ" ޒެހެން ބުނެލިއެވެ.

"އެހެންތަ؟. ކުރީން ނުފެންނާތީ ނޭނގުނީ. ޔޫކް މަންމަ އަންނަތަން ފެނިފަ ހުރީމަ." އާންޓީ ވެސް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެވަގުތު ތަފާތު ނަޒަރަކުން ޔޫކް ބަލަން ހުރީ ޒެހެންއަށެވެ.

"ޔޫކް..." އަންނާށޭ އިޝާރާތްކުރާ ފަދައިން ޒެހެން ގޮވާލިއެވެ.

މީހުންގަނޑުގެ ތެރެއިން ޔޫކްގެ އަތުގައި ހިފައިގެން ނުކުތުމުގެ ބަދަލުގައި އޭނާ އެކުއްޖާ އުރާލީއެވެ. ސުކޫލުގައި ދުވަސް ހޭދަވިގޮތާމެދު ޒެހެން ސުވާލުކުރިއެވެ. ކިޔެވީ ކޯއްޗެއްތޯ އެއްސެވެ. އެ ސުވާލުތަކަށް ޔޫކް ޖަވާބުދިނެވެ. ދެން މަޑުމަޑުން ޒެހެންއަށް ގޮވާލިއެވެ. އެ މޫނުގައި ވައަތްތިލަ ޖައްސާލައި ޔޫކްއާ ދިމާއަށް އަނބުރާލަމުންނެވެ.

"ތީ އަސްލުވެސް ޔޫކް ބައްޕަތަ؟." ޔޫކް އަހާލީ ޖެހިލުންވުން އެކުލެވިފައިވާ މަޑު އަޑަކުންނެވެ.

"އާން... ދަރިފުޅުގެ ބައްޕަ މީ." ޒެހެން ބުނެލިއެވެ.

"ކުރީން ޔޫކްގެ ބައްޕައެއް ނުހުރޭ. މަންމި ބުނި ޔޫކް ބައްޕަ ދުވަހަކުވެސް ނާންނާނެއޭ." ޔޫކް ވާހަކަދެއްކިއެވެ.

"މި ބައްޕަ އައީމަ ދަރިފުޅު އުފަލެއްނުވޭތަ. އިރާދަކުރެއްވިއްޔާ ޔޫކް ދޫކޮށްލާފަ މި ބައްޕަ ނުދާނަން. އަބަދުވެސް ޔޫކް ކައިރީ ހުންނާނީ." ޔޫކްގެ ކޮލުގައި ޒެހެން ބޮސްދިނެވެ.

"ކީއްވެ ކުރީން ނައީ." ޔޫކްގެ އަޑުގައި ހިސާބެއްގެ ޝަކުވާވިއެވެ.

"ހުރިހާ ކުދީން ބޭނުންވާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ. ހުރިހާ ކުދީން އުޅޭގޮތް ﷲ ބައްލަވާ ވޮޑިގެންވޭ. ބަސްއަހާ ރަނގަޅަށް އުޅޭކުދީން ބޭނުންވާ ކަންކަން ﷲ ފުއްދަވާ ދެއްވާ. ޔޫކް ބައްޕައެއް ބޭނުންވެފަ ހުރިކަން އެނގި ދަރިފުޅުގެ ގާތަށް މި ބައްޕަ އައުމަށް މެދުވެރިކުރެއްވީ ﷲ. ޔޫކް ކަހަލަ ބަސްއަހާ ދަރިފުޅެއް ލިބެން މި ބައްޕަ ހުރީ ބޭނުންވެފަ. އެހެންވެ ﷲ އަހަރެމެން ބައްދަލުކޮށްދެއްވީ. ލޯބިލޯބި މަންމައަކާއި ޔޫކެއް ބައްޕައަށް ލިބުނީމަ ވަރަށް އުފަލުން މިހުންނަނީ. ޔޫކް އުފާވޭތަ މި ބައްޕަ ލިބުނީމަ."

"ޔޫކް ބޭނުން ބައްޕަ." ޒެހެންގެ ކަރު ދޮށުގައި ދެއަތުން ބައްދާލަމުން ޔޫކް ބުންޏެވެ.

"ބައްޕަ ވެސް ބޭނުން ޔޫކް. ބައްޕަ ވަރަށް ލޯބިވޭ ޔޫކްދެކެ." ޒެހެން ބުންޏެވެ.

"އެކަމް ޔޫކް އެންމެ ބޮޑުބޮޑަށް ލޯބިވަނީ މަންމިދެކެ." ޔޫކް ނިކަން އަވަހަށް ބުނެލިއެވެ. އެއާއެކު ޒެހެންގެ ހީނލުމުގެ އަޑު އިވިލިއެވެ. އޭނާ ލޯބިން އެކުއްޖާގެ މޫނުގައި ބޮސްދިނެވެ. އެ ދަރިފުޅު އޭނާއަށްވުރެ ބޮޑަށް ހޫރައިންދެކެ ލޯބިވުން ހައްޤުކަން ޒެހެން ވެސް ޤަބޫލުކުރެއެވެ.

"ކޮންބައެއް މިދަނީ..." ޒެހެންގެ ސައިކަލާ އަރާ ހަމަކުރި ސައިކަލުގައި އިން ހަމްދޫނު ވާހަކަދެއްކިއެވެ.

"ހަމްދޫނު... ގެއަށް ދޯ މިދަނީ." ޒެހެން ބުނެލިއެވެ.

"ކިހިނެއްތަ؟." ޒެހެންއާ އެއްވަރަށް ސައިކަލުގައި ހަމްދޫނު އަންނާތީ އަހާލިއެވެ.

"ރަނގަޅު. ތި މީހުން ކިހިނެއް؟"

ހަމްދޫނަށް ޒެހެން ޖަވާބު ދިނުމާއެކު އޭނާ އެދުނީ ޒެހެންއާ ބައްދަލުކޮށްލަން ބޭނުންވާ ކަމެވެ. ރަނގަޅު ވަގުތެއް ބުނުމަށް ހަމްދޫނު އެދުނެވެ. އަދި ބައްދަލުކޮށްލަން ބޭނުމީ ގެއިން ނޫންކަން ހަމްދޫނު ބުންޏެވެ.

"އަހަރެން ފަހުން ގުޅާލަންތަ؟" ޒެހެން ބުންޏެވެ.

"އެންމެ ރަނގަޅު... ދަނީ އިނގޭ." ހަމްދޫނު މިހެންބުނެ ކުރިޔަށް ދުއްވާލީއެވެ.

ހަސީނާއަށް ހަވީރު އާދެވެން ނެތުމުން ޒެހެން ގަސްދުކުރީ ޔޫކް ގޮވައިގެން ބޭރަށް ނުކުމެލާށެވެ. ނަމަވެސް އެމީހުންނާއެކު ހޫރައިން ބައިވެރިކުރާން ގަސްދުކުރުމުން ޔޫކް ކަންބޮޑުވީތަން ފެނުނެވެ.

"މަންމި ދާނަންތަ؟." ހޫރައިންގެ އުނގަށް ވަންނަމުން ޔޫކް އަހާލިއެވެ. ހޫރައިން މަޑުމަޑުން ބޯޖަހާލީއެވެ.

ކުރީން އެކަނިވެގެން އުޅުނަސް މިހާރު އޭނާ އެކަންޏެއްނޫންކަން ހޫރައިންއަށް އިހްސާސް ކުރެވެއެވެ. ޒެހެން ގާތުގައި ހުރީވިއްޔާ އަމިއްލަ ނަފްސުގެ މައްޗަށް ޔަގީންކަން ލިބެއެވެ. ފިރިމީހާގެ ރައްކާތެރިކަމުގައި ހުރެވޭކަން ހޫރައިންއަށް އިހްސާސް ކުރެވޭތީއެވެ. ހަމައެއާއެކު ޒެހެންގެ ސަބަބުން ޔޫކް ކުރިއަށްވުރެ އުފާވެފައި ހުންނަކަން ހޫރައިންއަށް ފާހަގަވެއެވެ. ދިރިއުޅުމަށް އަންނަމުންދިޔަ ހެޔޮ ބަދަލުތައް ގަބޫލުކުރާން ވެސް ހޫރައިންއަށް ބައެއްފަހަރު ދަތިވެއެވެ. ﷲއަށް ޝުކުރުކުރުން ގިނަކުރިއެވެ. ދިރިއުޅުމުގައި މިހާރު އާދެވިފަ ހުރި ހިސާބާމެދު ހޫރައިން ވަނީ ހިތްހަމަޖެހިގެންނެވެ. ނަމަވެސް އޭނާއަށް މުސްތަޤްބަލްގެ ފިކުރުތަކުން ދުރެއް ނުވެވުނެވެ. ދަތި ދުވަސްތަކަކުން ﷲ އޭނާ އިމްތިހާނު ކުރައްވާފާނެތީ އެކަމާ ވިސްނެއެވެ.

ޒެހެންގެ ފޯނު ރިންގުވިއެވެ. ސޯފާގައި އިނދެފައި ހޫރައިން ތެދުވީ ޔޫކްއާއި ދެ މީހުން ތައްޔާރުވާން ދާށެވެ. ކޮފީމޭޒުމަތީގަ ޒެހެންގެ ފޯނު ނެގުމުގެ ކުރީން އިސްކުރީނުގައިވާ ރަހުމާގެ ނަން ހޫރައިން ދުށްޓެވެ. (ނުނިމޭ)