ފަތުރުވެރިންތަކެއްގެ އަތުން އޮޅުވާލައިގެން ފައިސާތަކެއް އަތުލި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނެ ފަތުރުވެރިންތަކެއްގެ އަތުން ބަޔަކު އޮޅުވާލައިގެން ފައިސާތަކެއް އަތުލީ މިމަހުގެ ހަވަނަ ދުވަހު ކަމަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ކަމަށެވެ.
އދ. ދަނގެތީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފަތުރުވެރިން ފައިސާ ފޮނުވި ކަމަށް ބުނާ މީހާގެ އެކައުންޓްގައި ފައިސާ ހުއްޓާ ފުލުހުން މިހާރު ވަނީ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ފައިސާތައް ހޯދާ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.
ފަތުރުވެރިން އަތުން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ދޭތެރެދޭތެރެއިން ފުލުހުންނަށް ހުށަހަޅަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ.