ހަބަރު

އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ނާޒިމް މާލެ ގެނެސްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އައިޖީއެމްއެޗްގައި ފަރުވާދޭން މާލެ ގެނެސްފިއެވެ.

ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އާދަމް އާޒިމް "އަވަސް"އަށް ވިދާޅުވީ، މިއަދު ނާޒިމް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނާޒިމް އައިޖީއެމްއެޗަށް ގެނެސް އާއިލާއަށް އަންގާފައެއް ނުވެއެވެ.

އާޒިމް ވިދާޅުވީ، ނާޒިމަށް މައިގަނޑު ގޮތެއްގައި ދިމާވެފައިވާ ސިއްހީ މައްސަލައަކީ ލޮލޮގެ މައްސަލަ ކަމަށާއި މިއަދު އައިޖީއެމްއެޗަށް ގެނެސްފައިވަނީ ކޮން ފަރުވާއެއް ދިނުމަށް ކަމެއް އެނގިފައިނުވާ ކަމަށެވެ.

ނާޒިމްގެ ލޮލުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށްދާ ކަމަށް ބުނެ ވީހާވެސް އަވަހަށް ފަރުވާއަށް ބޭރަށްދާން ބޭނުންވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ނާޒިމްގެ ލޮލުގެ ފަރުވާއަށް ސަރުކާރުން މިހާރުވެސް ވަނީ ސިންގަޕޫރަށް ފުރުމުގެ ހުއްދަ ނާޒިމަށް ދޫކޮށްފައެވެ. ނަމަވެސް ނާޒިމްގެ އާއިލާއިން ބޭނުންވަނީ ބޭސްކުރަން އިންޑިއާ އަށް ދާށެވެ.

މާފުށީ ޖަލުގައި ހުންނެވި ކާނަލް ނާޒިމް ވަނީ މިދިޔަ ހަފުތާ ތެރޭގައި، ހިންމަފުށީ ޖަލަށް ބަދަލުކޮށްފައެވެ. މި ބަދަަލަކީ އާންމު އުސޫލުގެ ދަށުން ގެނައި ބަދަލެކެވެ.