ދުނިޔެ

ވޯލްޑް ބޭންކުން ޔުކްރޭނަށް 350 މިލިއަން ޑޮލަރު

ޔުކްރޭނަށް 350 މިލިއަން ޑޮލަރު ބަޖެޓް ސަޕޯޓްގެ ގޮތުގައި ދެއްވާނެ ކަމަށް ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވެއްޖެ އެވެ.

ޔުކްރޭންގެ ރައީސް ލަޑިމިއަރު ޒީލިއަންސްކީއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވަމުން ޑޭވިޑް މަލްޕާސް ވިދާޅުވީ ވޯލްޑް ބޭނުންކުން ކަނޑައެޅި ބަޖެޓް ސަޕޯޓް އަންނަ މަސް ނިމުމުގެ ކުރިން ހަމަޖެހޭނެ ކަމަށެވެ.

ޑޭވިޑް މަލްޕާސް ވިދާޅުވި ގޮތުން ވޯލްޑް ބޭންކުގެ އެހީތެރިކަން ޔުކްރޭނަށް ލިބިލިބި ހުންނާނެ އެވެ. އޭނާ އަދި ވިދާޅުވީ ދިގު މުއްދަކަށް ބަހާލައިގެން ވޯލްޑް ބޭންކުން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމުގެ ޕެކޭޖްތައް ޔުކްރޭނަށް ވެސް ލިބޭނެ އެވެ.

ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް ވިދާޅުވި ގޮތުން ޔުކްރޭނަށް ވެދެއްވާ އެހީތެރި ކަމަކީ ގައުމުގެ ތަރައްގީއަށް އިންވެސްޓްކުރުމަށް ވޯލްޑް ބޭންކުން ފޯރުކޮށްދޭ ފައިސާ އެވެ.

ޔުކްރޭންގެ އިގްތިސޯދު ހަރުދަނާ ކުރުމަށާއި ސާފު ހަކަތައަށް އިންވެސްޓް ކުރުމަށް ވޯލް ބޭންކުން އެހީތެރިވެ ދެއްވާނެ ކަމަށް ވެސް ޑޭވިޑް މަލްޕާސް ވިދާޅުވި އެވެ.

ރަޝިއާ އާއި ޔުކްރޭނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަމުގައި ދުނިޔޭގެ ބާރުތަކުން ގެންދަނީ ޔުކްރޭނަށް ވަރަށް ބޮޑެތި އެހީތައް ދެމުންނެވެ. އަޑި ނޭނގޭ ސިޔާސަތެއްގެ ދަށުން ޔުކްރޭން ނަގައި ހުޅަގުގެ އަތްމައްޗަށް ލައިގެން ގެންގުޅެނީ ރަޝިއާއާ ވާދަކުރެވޭ ފެންވަރަށް ޔުކްރޭން ތަރައްގީ ކުރަން ކަމަށް ވެސް ބުނެވެ އެވެ.

ޔުކްރޭންގެ ރައީސް ލަޑިމިއަރު ޒީލިއަންސްކީ ވިދާޅުވި ގޮތުގައި ޔުކްރޭން އަކީ ރަޝިއާ ކުރިމަތީގައި އޮތް ޔޫރަޕްގެ އައްޑަނަ އެކެވެ. ދުނިޔޭގެ ބާރުތަކުން ޔުކްރޭނާއެކު ތިބިހާ ހިނދަކު ރަޝިއާ ބޭނުންހާ ގޮތަކަށް ކުޅިގަނޑު އަތުރާލަން ނުކުރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާ އާއި ޔުކްރޭނާ ދެމެދު 2014 ގައި އުފެދުނު ނުތަނަވަސްކަން ދުވަސްކޮޅަކަށް ހިނދިލާފައި އޮތުމަށް ފަހު މިހާރު ހީވަނީ ޖެހިގެން އޮތް ސިކުންތުގައި ވެސް ހަނގުރާމައެއް ފެށިދާނެހެންނެވެ.

ޔުކްރޭންގެ ސަރަހައްދެއް ގޮތުގައި ކުރިން އޮތް ކްރައިމިއާއަށް ރަޝިއާ ސިފައި އަރައިގަނެ އަމިއްލަކޮށްފައި ވަނީ އަސްކަރީ ބާރު ބޭނުންކޮށްގެންނެވެ.

އެހެންކަމުން ޔުކްރޭން ބޯޑަރަށް ރަޝިއާ އަސްކަރީ ފައުޖުތައް ޖަމާކުރަން ފެށުމުން ޔުކްރޭނަށް ހީވެގެން އުޅެނީ އެގައުމު ހިފަން ރަޝިއާ އުޅޭހެންނެވެ. އެހެން ނަމަވެސް ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް އަރައިގަތުމަކީ ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށެވެ.