މާލޭގައި ހަދަމުންދާ އިމާރާތްތައް ސާވޭ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސާވޭގައި މައިގަނޑު ގޮތެއްގައި ބަލަނީ އިމާރާތްތައް ހަދަމުންދަނީ ކަމާ ގުޅޭ އިދާރާތަކުން އެކަށައަޅާފައިވާ ގާނޫނީ އޮނިގަނޑު ތެރެއިންކަން ކަށަވަރުކުރުމާއި، ހުއްދަތައް ނަގާފައިވޭތޯ ބެލުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ހުރިތޯ ބެލުން ފަދަ ކަންކަމެވެ.
މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގައި އިމާރަތް ކުރާ ތަންތަނުގެ ސާވޭ އަކީ ދާއިމީކޮށް ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެން މި ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދޭނަން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް. މިމަސައްކަތަކީ އެކަމާ ވަރަށް ބޮޑަށް ގުޅުންހުރި މަސައްކަތެއް،" އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި އިމާރަތް ކުރާ ތަންތަނުގެ ސާވޭ މިއަދު ހެނދުނު ފެށީ ހެންވޭރު އަވަށުންނެވެ. ސިޓީ ކައުންސިލްގެ މުވައްޒަފުން ހިމެނޭ ގުރޫޕްތަކަކުން މިއަދު ވަނީ ހެންވޭރުގައި ހަދަމުންދިޔަ 50 އަށް ވުރެ ގިނަ އިމާރާތް ސާވޭކޮށްފަ އެވެ.
ކުރިއަށް އޮތް ދުވަސް ތަކުގައި މާލެ ސިޓީގެ ހުރިހާ އަވަށެއްގައި މިސާވޭ ކުރިއަށް ގެންދާނެ ކަމަށްވެސް މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވާފައިވެ އެވެ.
މާލޭގައި ހަދަމުންދާ އިމާރާތްތައް ހިމެނޭ ސަރަހައްދު ތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގައި މީގެކުރިން އެފަދަ ހާދިސާތަކުގައި ބައެއް މީހުން މަރު ވެފައިވެސްވެ އެެވެ.