އިންޑިޔާގެ ބިހާރުގައި ވަރަށް އަޖައިބު ކުރުވަނިވި ކަމެއް ވަނީ ހިނގާފަ އެވެ. އެ ސްޓޭޓުގެ މުޒައްފަރުޕޫރުގައި ދިރިއުޅޭ 55 އަހަރުގެ ފިރިހެނަކު މާ ގަދަޔަށް ބަނޑުގައި ރިއްސައި، ބަނޑުހިކި ފާޚާނާ ނުކުރެވިގެން ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި އެވެ. އަދި ޑޮކްޓަރުންގެ ޓީމަކުން މިހާރު ވާނީ އޭނާގެ ބޮޑު ގޮހޮރުގެ ސާޖަރީ ހަދައި ބިއްލޫރިތައްޓެއް ނަގާފަ އެވެ.
ޕީޓީއައި ނިއުސް އެޖެންސީން ބުނި ގޮތުގައި މި މީހާގެ ސާޖަރީ ހަދާފައިވަނީ މަޑިޕޫރު ޓައުނުގައި ހުރި ހޮސްޕިޓަލެއްގަ އެވެ. މި މީހާގެ ސާޖަރީ ހަދައިދިން ޑޮކްޓަރުންގެ ޓީމުން ވެސް އަދި މި ވާހަކަ އިވުނު އެންމެން ވެސް މިކަމާ ވަނީ ވަރަށް ހައިރާން ވެފަ އެވެ. އެމީހާއަށް އެ ބިއްލޫރި ތަށި ދިރުވާލެވުނު ގޮތެއް ނޭނގިގެންނެވެ. އަދި އެ މީހާގެ ފުރާނައަށް ގެއްލުން ނުވެ، އެ ތަށި އެމީހާގެ ބޮޑުގޮހޮރާ ހަމައަށް ވާސިލު ވީ ގޮތެއް ނޭނގިގެންނެވެ.
މި މީހާގެ ސާޖަރީ ހެދުމުގައި އިސްކޮށް ހުންނެވި ޑރ. މަހްދުލުލް ހައްގު ވިދާޅުވި ގޮތުގައި ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާތީ މި މީހާ ހޮސްޕިޓަލަށް އައުމުން ނެގި އެކްސްރޭ ތަކުންނާއި އަލްޓްރާސައުންޑް ސްކޭން ތަކުން އޭނާގެ ގޮހޮރުގައި އާދަޔާޚިލާފު އެއްޗެއް އިންކަން ޔަގީން ކުރެވުނެވެ.
މި މީހާގެ ބަނޑުގެ އެކްސްރޭތަކުގެ ފޮޓޯތަކަކާއި މި ބިއްލޫރިތަށި ނަގަން ސާޖަރީ ހެދިއިރުގެ ފޮޓޯތަކެއް ޑޮކްޓަރު ވަނީ އިންޑިއާގެ މީޑިއާތަކާ ޝެއާ ކުރައްވާފަ އެވެ.
ޑރ. ހައްގު ވިދާޅުވީ ބިއްލޫރިތަށި އެމީހާގެ ގޮހޮރާ ހަމައަށް ދިޔަ ގޮތެއް ވިސްނާ ވިސްނާ ވެސް ޚުދް އޭނާއަކަށް ވެސް އެނގިވަޑައެއް ނުގަތެވެ. އަދި މިއީ މިހާތަނަށް ޖަވާބު ހޯދިފައި ނެތް، އަޖައިބުން ފުރިފައިވާ ކަމެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.
"އަހަރެމެން ސުވާލު ކުރީމަ ބަލިމީހާ ބުނަނީ ސައިބޯން އިނދެފައި ބިއްލޫރިތަށި ދިރުވާލިއްޔޭ. ނަމަވެސް އެއީ އަހަރެމެންނަށް ގަބޫލުކުރަން އެހާ ފަސޭހަ ވާހަކައެއް ނޫން. މިވަރުގެ އެއްޗަކަށް ދަތުރު ކުރެވޭ ވަރަށް ވުރެ އިންސާނުންގެ ކާއެއްޗެތި ދަތުރުކުރާ ހޮޅި (ފުޑް ޕައިޕް) މާ ހަނިވާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.
ޑޮކްޓަރު ހައްގު އިތުރަށް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެންޑޮސްކޮޕިކް ޕްރޮސީޖާ އެއް ހަދައިގެން ފުރަގަސްފަރާތުން އެ ބިއްލޫރިތަށި ނެރެވޭތޯ އެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވުމުން އެމީހާގެ ބަނޑު ކަފާލައިގެން ބިއްލޫރި ތަށި ނެގީ އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި ސާޖަރީ އަށް ފަހު ބަލިމީހާގެ ހާލު އާދައިގެ ގޮތަކަށް ރަނގަޅެވެ. ނަމަވެސް ބޮޑު ގޮހޮރުން ބިއްލޫރިތަށި ނަގަން ކަފާލި ތަން ފަހާފައި ހުރުމުންނާއި ބޮޑުކަމުދާ އެއްޗެތި ބޭރުކުރުމަށް ފިސްޓިއުލާއެއް ލައްވާފައި އިނުމުން އޭނާ މުޅިން ރަނގަޅުވާން އަދި ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށެވެ.
"އޭނާގެ ބޮޑުގޮހޮރު މުޅިން ފަސޭހަވާން އެތައް މަހެއް ނަގާނެކަމަށް ބެލެވޭ. އޭގެ ފަހުން ފިސްޓިއުލާ ލައްވާފައި އިންތަން ބަންދުކޮށް އެ ނެގޭވަރު ވާނީ،" ޑޮކްޓަރު ވިދާޅުވި އެވެ.
ސާޖަރީ އަށްފަހު އެމީހާ ހޭ އަރާފައި އޮތަސް އޭނާ ވެސް އަދި އޭނާގެ އާއިލާގެ އެއްވެސް މީހަކުވެސް މި ކަމާ ބެހޭ ގޮތުން މީޑީއާ އާ ވާހަކަ ދައްކަން ބޭނުމެއް ނުވި އެވެ.
މިކަން ދިމާވި ގޮތް ކަމަށް ޑޮކްޓަރަކަށް ލަފާ ކުރެވޭ ގޮތް އޭނާ ވިދާޅުވެ ދެއްވި އެވެ.
"ހިއުމަން އެނަޓަމީ އާ ބެހޭ ގޮތުން އަހަރެމެން ކިޔަވާފައިވާ ކިޔެވުމުގެ އަލީގައި ވިސްނާލާއިރު ބުނެވޭނީ ބިއްލޫރިތަށި އެމީހާގެ ގޮހޮރަށް ދާނެ އޮތީ ހަމަ އެންމެ ގޮތެކޭ. ހީވަނީ އެ ކޮއްޕާފައި ވަނީ އެމީހާގެ ފުރަގަސްފަރާތުންހެން. ނަމަވެސް އެއަށް ވުރެ ބޮޑަށް އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނެފިނަމަ ބަލިމީހާ ހިތްހަމަނުޖެހިދާނެ. ޑޮކްޓަރުންނަކީ ބަލި މީހުންގެ ސިއްރުތައް ހިމާޔަތްކުރާ ބަޔެއްވީމަ އިތުރަށް އެކަން ކިޔައިދެވެން ނެތީ،" ޑރ. ހައްގު ވިދާޅުވި އެވެ.