އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމްއާ މަޝްވަރާ ކުރައްވައިފި އެވެ.
"އިން ކޮންވަޒޭޝަން" ގެ ނަމުގައި އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ބޭއްވު މި ބައްދަލަވުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 އިން އަރައިގަތުމަށް ބޭނުންވާ ވެކްސިން ހަމަހަމަކަމާއެކު ހުރިހާ ގައުމަކަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މިނިސްޓަރު ޝާހިދު ބާއްވަވާ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމެވެ.
ވަޗުއަލް މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް ވަނީ ވެކްސިން ފޯރުކޮށްދީފައިވާ މިންވަރާއި ހުރި ދަތިތަކާ އަދި ހާސިލްކުރަން ބޭނުންވާ ލަނޑުލަނޑިތަކާ ބެހޭގޮތުން އދ. ގެ އާއްމު މަޖިލީހުގެ ރައީސަށް މައުލޫމާތު ދެއްވާފައެވެ. އޭނާ ވިދާޅުވީ 2021 ނިޔަލަށް ކޮވެކްސް ވެކްސިންގެ އެއް ބިލިޔަން ޑޯޒު ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި ގްލޯބަލް ހެލްތް އިމަޖެންސީއަކުން އަރައިގަތުމަށްޓަކައި ޑަބްލިއުއެޗްއޯގެ ޓާގެޓަކީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ގައުމުތަކުން އެ ގައުމެއްގެ އާބާދީގެ 70 އިންސައްތަ އަށް ވެކްސިނޭޓްކުރުން ކަމުގައި ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ވެކްސިން ގެޕް ކުޑަ ކުރުމަށް ގިނަ މަސައްކަތެއް ކުރަން ޖެހިފައިވާ ކަމަށެވެ. މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވީހާވެސް އަވަސް ގޮތެއްގައި ވީހާވެސް ދުރަށް ވެކްސިން ރޯލްއައުޓް ކުރުން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން ދަނީ ގައުމުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކުން އަރައިގަނެ ވެކްސިން ފޯރުކޮށްދިމުގެ މަސައްކަތް ކުރަމުން ކަަމަށް ޓެޑްރޮސް ފާހަގަކުރެއްވިއެވެ.
އަދި ވެކްސިންގެ އިތުރުން ގައުމުތަކަށް ކޮވިޑް-19 ޓެސްޓްކުރުމާއި ފަރުވާދިނުމުގެ އިންތިޒާމްވެސް ހުންނަން ޖެހޭ ކަމުގައި ޓެޑްރޮސް ވިދާޅުވިއެވެ. މިހެންވެ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށާއި ކޮވިޑް-19 އިން ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތް ނިމުމަކަށް ގެނައުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އާރާސްތުވުމަށް ގައުމުތަކުން "އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓާ" އަށް ފަންޑުކުރުމުގެ މުހިންމުކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ.