ކްރިމިނަލް ކޯޓް

ޝަރީއަތް ނިމެންދެން ލަމްހާވެސް ބަންދަށް

Feb 21, 2022
2

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މީގެ ކުރީން އޮތް އަަޑުއެހުމުގައި ލަމްހާގެ ބަންދަށް ދިނީ ހަތަރު ދުވަހެވެ.

މި މައްސަލާގައި އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

މޭރީ މަރަން ރޭވުމާއި، މަރު ފޮރުވުމާއި، ކުށް ކުރުމަށް ރޭވުމާއި، ކުށެއް ކުރުމަށް އެދުމާއި، ކުށްކުރުމުގެ އާލާތް އަތުގައި ހުރުމާއި އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ވެސް ލަމްހާގެ މައްޗަށް ދައުލަތުން ކުރެ އެވެ.

ކޯޓްގައި މިއަދު އޮތް މައްސަލާގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ފަހު ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދު ކުރާށެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ލަމްހާއަކީ މުޖްތަމައުއަށް ނުރައްކާތެރި މީހެއް ކަމުން އޭނާ ދޫކޮށްލާފައި ބެހެއްޓުން ރައްކާތެރި ނޫން ކަމަށެވެ. ނަމަވެސް ލަމްހާގެ ވަކީލުން ވަނީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ މޭރީގެ ފިރިމީހާ މާވިންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ދައުލަތުން މާވިންގެ މައްޗަށް ކޮށްފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ.