މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނިކޮށް ޝަރުތުތަކަކާއެކު ދޫކޮށްލައިފައި ހުރި ގއ. ދެއްވަދޫ ޑޯރެންސީވިލާ، އަބްދުﷲ ޖުނައިދު ދައުލަތުގެ އިދާރާތަކަށް ނޭނގި ރާއްޖެއިން ބޭރަށް ފުރައިގެން ހިނގައްޖެ އެވެ.
ޖުނައިދުގެ މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު މާލޭގެ ނީލަން ފިހާރަ ކައިރިން ބަނގުރާ ކަމަށް ބުނެ ދިޔާއެއްޗެއް އަޅާފައި ހުރި ފުޅިތަކެއް ހިމެނޭ ދެ ފޮއްޓެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށުމާއެކު އެވެ. އެ މައްސަލަ މީޑިއާގައި އެންމެ ފުރަތަމަ ރިޕޯޓްކުރީ ހަޝިޝް އޮއިލް ހުރި ފޮށިގަނޑަކާ އެކީ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެވެ.
އެކަމަކު ފަހުން އެއީ އެ މައްސަލަ ރިޕޯޓުކުރި މީހާ ރޭވި ރޭވުމެއްގެ ދަށުން ފުލުހުންގެ ސަމާލުކަމަށް ގެނައި މައްސަލައެއްކަން ވަނީ ހާމަވެފަ އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރީ ޖުނައިދު އެވެ.
ޖުނައިދާ ގުޅޭ މައުލޫމާތު މިއަދު ހާމަކުރައްވަމުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވީ އެ މައްސަލަ އެންމެ ފުރަތަމަ އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ދެ ފުލުހަކަށް ރިޕޯޓް ކުރީ ޖުނައިދު އަމިއްލައަށް ކަމަށެވެ. އެއަށްފަހު ސީންގައި މަޑުކޮށްލުމަށްފަހު ސީންގެ ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި "އެމްވީކްރައިސިސް" ކިޔާ ބޔަކަށް ވީޑިއޯ ފޮނުވައި، އޭނާ އެތަނުން ދިޔައީ ހުޅުމާލެ އެވެ.
"ޖުނައިދު އަމިއްލައަށް ފުލުހުން ކައިރިއަށް އައިސް މި ބުނަނީ އެތަނުގައި ތިން ކިލޯގެ މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ބަހައްޓާފައި ތިމަންނަ ފެނުނީމަ މީހަކު ހިނގައްޖެއޭ. އެހިސާބުން މި ޝައްކު އުފެދުނީ. ތިން ކިލޯކަން އޭނާ އަށް ބުނަން އެނގެންވީ ކީއްވެތޯ. އެ ފޮށިގަނޑުގައި އެބުނާހެން ހުރީ ވެސް ހަމަ ތިން ކިލޯއެއްހާ އެއްޗެހި،" ޝާކިރު ވިދާޅުވި އެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އެހެން މައްސަލަތަކެއް ވެސް ފުލުހުންނަށް ފަހުން ފެންމަތިވި އެވެ. އަސްލު ކަން ހިނގި ގޮތް ކިޔައިދެއްވަމުން ޝާކިރު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ފޮށިގަނޑު އެތަނުގައި ބެހެއްޓީ ވެސް ޖުނައިދު އަމިއްލަ އަށް ކަމަށެވެ. އެގޮތަށް އޭނާ އަމަލުކުރީ ތިން ކިލޯގެ މަސްތުވާތަކެތި މީހަކަށް ހޯދައިދޭނެ ކަމަށް ބުނުމަށްފަހު އެ މީހާގެ އަތުން 160،000 ރުފިޔާ ހޯދައި އެމީހާ އަށް އެ ފައިސާ ނުދޭންވެގެންނެވެ.
މީހެއްގެ އަތުން ފައިސާ ހޯދުމަށްފަހު އޭނާ ވަނީ ތިން ކިލޯގެ ބަނރުދަން ހުންނަ ގޮތަށް ފޭކް މަސްތުވާތަކެތި ހަދާފަ އެެވެ. އަދި އެ ތަކެތި ދެ ފޮށިގަނޑެއްގައި ބަންދުކޮށް، ނީލަން ފިހާރަ ކައިރީގައި އޮތް ޕިކަޕެއްގެ ކުރިމަތީގައި ފޮށިތައް ބަހައްޓައި ޖުނައިދު އަމިއްލަ އަށް ފުލުހުންނަށް ރިޕޯޓް ކުރި އެވެ. އެއީ މަސްތުވާތަކެތި ބޭނުންވެފައި ހުރި މީހާ އަށް މަސްތުވާތަކެތި ގަނެދީގެން ދޭންވެގެން އަންނަނިކޮށް ފުލުހުން އެ ތަކެތި އަތުލީކަން އެ މީހާ އަށް ދައްކަން ކަމަށްވެސް ވިދާޅުވި އެވެ.
"އޭރުން ދެން އެއްކަލަ ފައިސާ ދިން މީހުންނަށް ހީވާނީ އޭނާ [ޖުނައިދު] އެތަކެތި ގެންގުޅެނިކޮށް ފުލުހުން އަތުލައިގަތީ ކަމަކަންނު،" ޝާކިރު ވިދާޅުވި އެވެ.
ޝާކިރު ވިދާޅުވީ ޖުނައިދަށް ފައިސާ ދިން ތިން މީހުން ހާދިސާ ހިނގި ރޭ ޖުނައިދު ރަހީނު ކޮށްފައިވާ ކަމަށެވެ. އެއަށްފަހު އެރޭ މެންދަމު 3:29 ހާއިރު ޖުނައިދުގެ ބޭބެއަށް ގުޅައި އެ ފައިސާ ދިނުމަށް ޖުނައިދު ރަހީނު ކުރި ތިން މީހުން އެދުނެވެ. އެކަމަކު ދެވެން އޮތީ 10،000 ރުފިޔާ ކަމަށް ޖުނައިދުގެ ބޭބެ ބުނުމުން އެމީހުން ޖުނައިދު ގޮވައިގެން އޭނާގެ ބޭބެ ކައިރިއަށް ދިޔަ އެވެ. އެކަމަކު އެތަނުގައި ފުލުހުން ތިބުމުން އެމީހުން ބުނެފައި ވަނީ ޖުނައިދު ރަހީނު ނުކުރާ ކަމަށާއި ޖެހިގެން އުޅެނީ ފައިސާގެ މައްސަލައެއް ކަމަށެވެ.
އޭގެ ފަހުން މި މައްސަލަ ތަހުގީގުކޮށް، މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހު ފުލުހުން ޖުނައިދު ހައްޔަރުކުރި އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖެއިން ބޭރަށް ފުރަން ގޮސް ހުއްޓަ އެވެ. ހައްޔަރުކުރި އިރު އޭނާ ހުރީ ހުޅުލޭ އައިލެންޑް ހޮޓެލްގަ އެވެ.
ފުލުހުން ބުނި ގޮތުގައި ޖުނައިދުގެ ބަންދުގެ މުއްދަތު ޖަހަން އެދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލީ އެވެ. ކޯޓުން އޭނާ ދޫކޮށްލާފައިވަނީ، ސަބަބުވެރި މީހެއްގެ ވިސްނުމުން ބަލާއިރު ފުލުހުން ދައްކާ ވާހަކަ ގަބޫލުނުކުރެވޭ ކަމަށް ބުނެ އެވެ. އެގޮތުން އެތަކެތި އެތަނުގައި ބެހެއްޓި މީހާ އަމިއްލަ އަށް ފުލުހުންނަށް ރިޕޯޓު ނުކުރާނެ ކަމަށް ގާޒީ ވިދާޅުވި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ކޯޓުން ޖުނައިދު ދޫކޮށްލުމާ އެކު ޖެހިގެން ޑިސެމްބަރު 30 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެއިން ފުރާފަ އެވެ. ފުލުހުން މިއަދު ބުނީ އޭނާ އުޅެނީ ތުރުކީ އަންހެނަކާ ކައިވެނިކޮށްގެން ކަމަށެވެ. މި މައްސަލައިގެ ތަހުގީގު އެއްކޮށް ނިމިފައިވާ ކަމަށާއި ހަމައެކަނި ނުނިމެ އޮތީ އޭނާގެ ބަޔާން ނެގުން ކަމަށެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި އޭނާ އަކީ މީގެ ކުރިން މަސްތުވާތަކެތި ޓްރެފިކް ކުރި ކުށުގައި އުމުރަށް ޖަލަށްލާފައި ހުރި މީހެކެވެ. އޭނާއަށް މާފު ދިނުމަށްފަހު ޝަރުތުތަކަކާއެކު ދޫކޮށްލައިފައިވަނީ ޖަލުގައި ހުންނަތާ ހަތް އަހަރު ފަހުންނެވެ. ޖުނައިދަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި، އޭނާ އަށް ކަރެކްޝަނަލް ސާވިސްގެ ހުއްދަނެތި ރާއްޖެއިން ބޭރަށް ނުފުރޭނެ ކަމަށް އަންގާފައިވެ އެވެ. އެ ސާވިސް އިން ވެސް ބުނެފައިވަނީ ޖުނައިދު ފުރައިގެން ގޮސްފައި ވަނީ އެ އިދާރާއަށް ވެސް ނޭނގި ކަމަށެވެ.
"މިވަގުތު ލިބިފަ ހުރި ޑޮކިއުމެންޓްތަކުގެ އަލީގައި އޭނައަކީ 25 އަހަރަށް ޖަލަށް ވެސް ލައިފައި ހުރި މީހަކަށް ވާތީ އޭނާ ރާއްޖެ އަންނަހާ އަވަހަށް ޖަލަށް ލާނެ. އޭނާ ހައްޔަރުކުރެވޭ ވަރުގެ ހެކިތައް އަޅުގަނޑުމެންނަށް ލިބިފަ ވަނީ،" ޝާކިރު ވިދާޅުވި އެވެ.
މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަކީ މައާފު ދެވޭ ބާވަތުގެ ކުށެއް ނޫނެވެ. ނަމަވެސް އަދަބުގެ މުއްދަތު ކުރުކޮށްދިނުމަކަށް ނުވަތަ އަދަބު ލުއިކޮށްދިނުމަކަށް ހުރަހެއް ނެތެވެ. ކުރީގެ ނޫސްވެރިޔާ ޖުނައިދު، 25 އަހަރުގެ ހުކުމެއްގައި ހުއްޓާ މުޖުތަމައަށް ދޫވެފައި ހުރީ ކޮން އުސޫލަކުން ކަމެއް އިދާރާތަކުން ސާފެއް ނުވި އެވެ. އަދި އެ ހުކުމްގައި ހުއްޓާ ރާއްޖެއިން ބޭރަށް ފުރައިގެންދާނަމަ ކަރެކްޝަނަލް ސާވިސްގެ ހުއްދަ ނަގަންޖެހޭ ގޮތަށް އޭނާ އަށް ޝަރުތުކޮށްފައި ވަނިކޮށް ފުރައިގެން ދެވުނު ސަބަބެއް ވެސް ސާފެއް ނުވި އެވެ.