އިސްލާމިކް ބޭންކް

ވިލިމާލޭގައި އެމްއައިބީގެ އޭޓީއެމްއެއް ބަހައްޓަނީ

Feb 21, 2022

ވިލިމާލޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.

އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، އިސްލާމިކްގެ ބޭންކުގެ އިސްވެރިޔެއް ކަމުގައިވާ އަރީފުއްރަހްމާން އެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މޭޔަރު މުއިއްޒު ވިދާޅުވީ މާލެއިން ލިބޭ ހުރިހާ ހިދުމަތެއް ވިލިމާލެ އިން ވެސް ލިބިގެން ދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ.

ވިލިމާލޭގައި ގައުމީ ބޭންކް -- ބީއެމްއެލްގެ ހިދުމަތް ލިބެމުންދާތީ އިތުރު ބޭންކްތަކުގެ ހިދުމަތް ވެސް މާލެ އިން ލިބޭ އުސޫލުން ވިލިމާލެއިން ލިބުމަކީ ރައްޔިތުންނަށް ލިބޭނެ ފަސޭހަ އަކަށް ވާނެތީ އެމްއައިބީގޭ އޭޓީއެމް އެއް ބެހެއްޓުމަށް ފުރުސަތު ދިނީ ކަމުގައިވެސް ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު އިތުރަށް ވިދާޅުވީ އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ވިލިމާލޭގައި ލިބެމުންދާނެ ކަމަށް އެމްއައިބީން ބުނާ ކަމަށެވެ.

މާލޭގެ ހަތަރު ސަރަހައްދެއްގައި އެމްއައިބީގެ އޭޓީއެމްތައް ގާއިމުކޮށްފައިވާއިރު ހުޅުމާލޭގެ ސެންޓްރަލް މޯލްގައިވެސް އެމްއައިބީގެ އޭޓީއެމް ގާއިމުކޮށްފައިވެ އެވެ. ނަމަވެސް ވިލިމާލޭގައި މިހާތަނަށް އޭޓީއެމްއެއް އަދި ގާއިމުކޮށްފައެއް ނުވެ އެވެ.