ލައިފްސްޓައިލް

62 އަހަރުގެ މާމަ، ސާޅި އަޅައިގެން އުސް ފަރުބަދައަކަށް އަރައިފި

ޓްރެކިން އަށް ދިއުމާއި އުސް ފަރުބަދަތަކަށް އެރުމަށް އާއްމުކޮށް ގޮސް އުޅެނީ ޒުވާން ކުދިންނެވެ. އުމުރުން ދުވަސްވީ މީހުނަކަށް މިއީ ކުރަން އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. ނަމަވެސް އިންޑިއާގެ 62 އަހަރުވީ މި މާމައަށް ވާގަނޑަކުން އުސް ފަރުބަދަތަކަށް އެރުމަކީ އެއްވެސް ކަމެއް ނޫނެވެ. އަދި އެވެސް ސާޅީ އަޅައިގެންނެވެ.

މި މާމަ ފަރުބަދައަށް އަރަނިކޮށް ނަގާފައިވާ ވީޑީއޯއެއް ވައިރަލްވުމުން ވަރަށް ގިނަ ބަޔަކަށް މި މަންޒަރުން ބޮޑު ހައިރާންކަމެއް ލިބުނެވެ. ނަގަރަތުނައްމާ ނަމަކަށް ކިޔާ މި އަންހެންމީހާ އޭނާގެ ފިރިހެން ދަރިފުޅަކާއި ދަރިފުޅުގެ އެކުވެރިންނާއެކު ގޮސް އަރާފައިވަނީ އަގަސްތިޔަރްކޫދަމް ޕީކް އަށެވެ. މިއީ ކެރެލާގެ ސަހްޔާދްރީ ފަރުބަދަތަކުގެ ތެރެއިން އެންމެ އުސް ފަރުބަދަ އެވެ.

ވިޝްނޫ ނަމަކަށް ކިޔާ މީހަކު އިންސްޓަގްރާމްގައި ޝެއާ ކުރި މި ވީޑިއޯގައި ނަގަރަތުނައްމާ ފަރުބަދައެއް އަރަން ކުރި ދަތުރުގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ވެއެވެ.

"މިއީ ނަގަރަތުނައްމާ 16 ފެބްރުއަރީ 2022 ގައި ވާގަނޑެއްގެ އެހީގައި ފަރުބަދައަށް އަރާ މަންޒަރު. ބެންގަލޫރޫއިން ނަގަރަތުނައްމާ އައީ އޭނާގެ ދަރިފުޅަކާއި ދަރިފުޅުގެ އެކުވެރިން ތަކަކާއެކު. މިއީ ކަރްނާޓަކާއިން ބޭރަށް މި މީހާ ކުރި ފުރަތަމަ ދަތުރު. މި މާމަ ބުނަނީ ކައިވެނިކޮށްގެން ފާއިތުވީ 40 އަހަރު އޭނާ އުޅުނީ އާއިލީ ޒިންމާތައް އަދާކުރުމުގައި ވަރަށް ބުރަކޮށް ކަމަށް. މިހާރު ދަރިން ބޮޑެތިވެ އަމިއްލަ ދިރިއުޅުން ހޯދުމުން އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ފުރުސަތު ލިބުނީކަމަށް މި މާމަ ބުނޭ،" ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

މި ޕޯސްޓުގައި އިތުރަށް ލިޔެފައިވާ ގޮތުގައި ނަގަރަތުނައްމާގެ ހިތްވަރާއި ނުގުޑާފަދަ އަޒުމަކީ އޭނާއާއެކު ޓްރެކިން އަށް ދިޔަ ޒުވާނުންނަށް ވެސް މުއްސަނދި ތަޖުރިބާތަކެއް ކަމަށެވެ.