ބޮލީވުޑް

އައިސްފައިވާ ބަދަލު އިހްސާސްވެ ދެރަވޭ: ސޮނާލީ

ކެންސަރު ބައްޔާ ގިނަ ދުވަސް ތަކަކު ހަނގުރާމަ ކުރުމަށްފަހު ބަތަލާ ސޮނާލީ ބެންޑްރޭ ވަނީ މިހާރު އެ ބަލިން ސަލާމަތް ވެފަ އެވެ. އަދި ޒީ ޓީވީގެ "ޑާންސް އިންޑިއާ ޑާންސް ލިޓްލް މާސްޓާޒް ސީޒަން 5" ގެ އެއް ފަނޑިޔާރެއްގެ ގޮތުގައި ވަރަށް އަވަހަށް ސޮނާލީ ފެންނާނެ އެވެ. ސޮނާލީ އާއެކު މި ޝޯ ޖަޖް ކުރާނީ ކޯރިއޮގްރާފަރު-ޑައިރެކްޓަރު ރޭމޯ ޑިސޫޒާ އާއި ބަތަލާ މޯނީ ރޯއީ އެވެ.

މިއީ ކެންސަރުގެ ފަރުވާއަށް ފަހު އެނބުރި އިންޑިޔާއަށް އައިސް ސޮނާލީ ބައިވެރިވާ ފުރަތަމަ ޕްރޮޖެކްޓެވެ. ރިއަލިޓީ ޝޯތަކުގެ ޖަޖުންގެ ގޮތުގައި އެނބުރި އައުމަކީ ސޮނާލީ ޕްލޭންކޮށްފައިވާ ކަމެއް ނޫނެވެ. ނަމަވެސް އެ އިރެއްގައި އެ އުޅެން ޖެހުނު ގޮތަކަށް ދިރިއުޅުމުގެ މުހިއްމުކަން އިހްސާސް ކުރެވި މަސައްކަތަށް އެނބުރި އަންނަން އޭނާ ގަސްތުކުރީ އެވެ. ޚާއްސަކޮށް މަރުގެ ތުންފަތްމަތީގައި އޮވެފައި ސަލާމަތްވީ މީހަކަށް ވާތީ ދިރިހުރުމަށް ލިބުނު މި އަ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ކުރަން އޭނާ ބޭނުންވެ އެވެ.

އީޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ސޮނާލީ ބުނީ އަލުން ކެމެރާއާ ކުރިމަތިލާއިރު އަމިއްލަ ސިފަޔަށް އައިސްފައިވާ ބަދަލާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. ކެންސަރަށް ހޯދި ބާރުގަދަ ފަރުވާތަކަށް ފަހު އޭނާގެ ސިފަޔަށް ބޮޑު ބަދަލެއް އައިސްފައިވާކަން ސޮނާލީ ގަބޫލު ކުރެ އެވެ. އަދި އޭނާ ކަހަލަ ރީތި ސިފައެއް ލިބިފައިވާ މީހެއްގެ ސިފަ މިހާ ބޮޑަށް ބަދަލުވުމުން އޭނާ އަށް ވެސް ކުޑަކޮށް އުނދަގޫވެ އެވެ. ނަމަވެސް މި ޝޯގައި އޭނާއަށް ވީ ވަރަކަށް މަޖާކުރަން ސޮނާލީ ވަނީ ނިންމާފަ އެވެ.

އޭނާ ބުނި ގޮތުގައި އަމިއްލަ ސިފަ ފެނިފައި ކުޑަކޮށް ދެރަވެ ހިތްހަމަނުޖެހޭ ވަގުތު ވެސް އާދެ އެވެ. ނަމަވެސް އެމީހާގެ ސިފަޔަކި ހުރިހާ އެއްޗެއް ނޫންކަމަށް މިހާރު ސޮނާލީ އަށް ވެސް ގަބޫލު ކުރެވެ އެވެ.

"ހުރިހާ ވެސް އެއްޗަކީ އަހަރެންގެ ސިފަ ނުވަތަ އަހަރެން އަޅާ ހެދުމެއް ނޫން. އެހެން މީހުންނާ ދޭތެރޭ ކަންތައް ކުރާ ގޮތް ވެސް މުހިއްމުވާނެ،" ސޮނާލީ ބުންޏެވެ.

ސޮނާލީ ފަނޑިޔާރުކަން ކުރާ "ޑީއައިޑީ ލިޓްލްސް މާސްޓާޒް ދައްކަން ފަށާނީ އަންނަ މާޗް 11 ވަނަ ދުވަހުން ފެށިގެންނެވެ