ލައިފްސްޓައިލް

ފާޚާނާ ސީޓުން ޔޫރިން އިންފެކްޝަން ޖެހިދާނެތަ؟

އެހެން މީހުން ބޭނުންކުރާ ފާޚާނާތައް ބޭނުން ކުރަން ވަރަށް ގިނަ އަންހެނުން ފަސް ޖެހެ އެވެ. ޔޫޓީއައި ނުވަތަ ޔޫރިން އިންފެކްޝަނެއް ޖެހިދާނެތީ އެވެ. ފާޚާނާގައި އެކަކު އިށީނދެފައި ތެދުވާ ސީޓުގައި އަނެކަކު އިށީނުމުން އަނެއް މީހާގެ ގައިގައި ހުންނަ ބައްޔެއް ތިމާގެ ގަޔަށް އަރާފާނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ.

ޔޫޓީއައިގެ ފުރުސަތު ފިރިހެނުންނަށް ވުރެ އަންހެނުންނަށް މާ ބޮޑުކަން އެހީ ހަގީގަތެކެވެ. ނަމަވެސް އެކަކު ބޭނުންކޮށްފައި ހުންނަ ފާޚާނާއެއް އަނެކަކު ބޭނުން ކޮށްގެން އެހާ ފަސޭހައިން ޔޫރިން އިންފެކްޝަނެއް ޖެހޭ ވާޙަކައިގައި މާ ބޮޑު ހަގީގަތެއް ނެތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އިންސްޓަގްރާމްގައި މިފަދަ ސިއްހީ މައުލޫމާތުތައް ހިއްސާ ކުރައްވާ ޑރ. ޓަނާޔާ ވިދާޅުވެފައިވާ ގޮތުގައި މިހާރު ބައެއް ކުންފުނިތަކުން ފާޚާނާ ތަށީގެ މަތިގަނޑު ސެނިޓައިޒްކުރާ ޕްރޮޑަކްޓްތައް ވިއްކަ އެވެ. ނަމަވެސް އެފަދަ އެއްޗެތި ބޭނުން ކުރިޔަސް ޔޫރިން އިންފެކްޝަނެއް ޖެހުމުން ދިފާއުކޮށެއް ނުދޭ ކަމަށް އޭނާ ލިޔުއްވާފައި ވެއެވެ.

"އަންހެން ވެރިން ފާޚާނާ ތަށިމަތީގައި އިށީނދެ އިންނައިރު އޭނާގެ ނާޒުކު އެއްވެސް ގުނަވަނެއް އެއްވެސް ހިސާބެއް އެ ސީޓަކު ނުޖެހޭ. ބެކްޓީރިއާ އަކީ ޖާދޫ އަކުން އުދުހޭ އެއްޗެއް ނޫން. އެހެންވީމާ އެ އެއްޗެތި ގޮސް އެމީހެއްގެ ކުޑަކަމުދާ ނިޒާމަކަށް އެހާ ފަސޭހައަކުން ނުވަންނާނެ،" ޓަނާޔާ ލިޔުއްވާފައި ވެއެވެ.

ޔޫރިން އިންފެކްޝަނެއް ޖެހުމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައް ވެސް އޭނާ ކިޔައި ދެއްވި އެވެ. ފުރަތަމަ ކަމަކީ ކުޑަކަމު ގޮސް ދޮވެފައި ފެން ހިއްކާފައި ކުރިމަތިން ފެށިގެން ފުރަގަހަށް ހިއްކުމެވެ. ހަގީގަތުގައި ގިނަ ފަހަރު ބެކްޓީރިއާ ހުންނާނީ ފުރަގަހުގަ އެވެ. ވީމާ ދޮވެފައި ފޮހޭއިރު ވެސް ފުރަތަމަ ފުރަގަސް ފޮހެފިނަމަ ފުރަގަހުގައި ހުންނަ ބެކްޓީރިއާ ކުރިމައްޗަށް ވާސިލުވުމުގެ ފުރުސަތު އޮވެ އެވެ.

ދެ ވަނަ ކަމަކަށް އޭނާ ވިދާޅުވީ ފުދޭ ވަރަކަށް ގިނައިން ފެން ބުއިމެވެ. އަދި ކުޑަކަމުދާން ވުމުން ހިފަހައްޓައިގެން ގިނައިރު ނުހުރުމެވެ.

"ކުޑަކަމުދާން ވުމުން ނުގޮސް ގިނައިރު ހުރުމާއި ފެން މަދުން ބުއިން މިއީ އާއްމުކޮށް ޔޫޓީއައި ޖެހެން މެދުވެރިވާ ދެ ސަބަބު. މި ދެ ކަންތަކަށް ފަރުވާ ބަހައްޓައިފިނަމަ ޔޫޓީއައި ޖެހުން ދުރުވާނެ،" އޭނާގެ ލިޔުމުގައި ވެއެވެ.