ދުނިޔެ

ސައުދީގެ ނޫސްވެރިޔާ ޒުހެއިރު ކުތުބީ ހަތަރު އަހަރަށް ޖަލަށް ލައިފި

ސައުދީ އަރަބިއްޔާގައި ސިޔާސީ އިސްލާހީ ބަދަލުތަކަށް ގޮވާލާއި ލިޔުންތައް ލިޔާ ނޫސްވެރިޔާ ޒުހައިރު ކުތުބީ ހަތަރު އަހަރަށް ޖަލަށް ލައިފި އެވެ.

ޒުހައިރުގެ ވަކީލު އަދި ދަރިފުޅު ބުނީ އޭނާގެ ޖަލު ހުކުމުގެ ދެބައި ތަންފީޒު ކޮށްފައި އެއްބައި ފަސްކޮށްފައިވާ ކަމަށާއި އަދި 15 އަހަރަށް ލިޔުންވެސް މަނާކޮށްފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން އޭނަ ވަނީ ފަސް އަހަރު ވަންދެން ގައުމުން ބޭރަށް ދަތުރު ކުރުން މަނާކޮށް 26،600 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

ޒުހެއިރްގެ މައްޗަށް އުފުލާފައިވަނީ ކޮން ދައުވާ އެއްކަން މިހާތަނަށް ސާފުވެފައި ނުވި ނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހު ސައުދީގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ޖެހޭކަމަށް ބުނެ ދިން ޓީވީ އިންޓަވިއު އެއްގެ ސަބަބުން ކަމަށް ގަބޫލުކުރެވެއެވެ.

ޒުހެއިރު ހައްޔަރުކޮށްފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. ޒުހެއިރަކީ އިންސާނީ ހައްގުތަކާއި ސިޔާސީ އިސްލާހުތައް އަދި ނޫސްވެރިކަމާއި ބެހޭގޮތުން ލިޔުންތައް ލިޔެފައިވާ ފަރާތެކެވެ. އޭނާ ވަނީ 1990 ގެ ފަހުން ތިން ފަހަރުވެސް ޖަލަށް ލާފައެވެ.