ދުނިޔެ

ޓައިވާނަށް ހަތިޔާރު ވިއްކާ މައްސަލާގައި ފިޔަވަޅު އަޅާނަންް

އެމެރިކާގެ ކުންފުނިތަކުން އުފައްދާ ހަތިޔާރާއި އަސްކަރީ އާލާތްތައް ޓައިވާނަށް ވިއްކުމަކީ ޗައިނާ ނުގަބޫލު ކަމެއްކަން އެމެރިކާއަށް އޮންނާނީ އަންގާފައި ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ވިދާޅުވި ގޮތުގައި ޓައިވާނަށް އެހީވުމަށް ކަމަށް ބުނެ ފަނާ ކުރަނިވި ހަތިޔާރު އެމެރިކާއިން ޓައިވާނަށް ސަޕްލައި ކުރަނީ ޗައިނާއަށް ބިރު ދެއްކުމަށް ކަމަށެވެ.

ތަރުޖަމާން ވިދާޅުވީ އެމެރިކާގެ އަމަލުތަކަށް ޗައިނާ ސަރުކާރުން ރައްދު ދޭނެ ކަމަށާއި އެކަށިގެންވާ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ޗައިނާ ފޮރިން މިނިސްޓްރީން ބުނީ އެންމެ ފުރަތަމަ އޮތީ ދަތިކުރުމުގެ ފިޔަވަޅުތައް ކަމަށާއި އެމެރިކާގެ ލޮކްހީޑް މާޓިން އާއި ރޭތިއޮން ޓެކްނޮލޮޖީޒްއަށް ފިޔަވަޅު އަޅުން އަވަސް ކުރާނެ ކަމަށެވެ.

ތަރުޖަމާން ވިދާޅުވީ އެމެރިކާއިން މައިގަނޑު ގޮތެއްގައި ޓައިވާނަށް ސަޕްލައި ކުރަނީ ލޮކްހީޑް މާޓިން އަދި ރޭތިއޮން ޓެކްނޮލޮޖީގެ އަސްކަރީ ސާމާނު ކަމަށާއި، ޓައިވާނުގައި ގިނަވާނީ އެ ދެކުންފުނީގެ އުފެއްދުންތައް ކަމަށެވެ.

އެމެރިކާއިން އަސްކަރީ ދަރަޖައިގެ ހަތިޔާރު ޓައިވާނަށް ސަޕްލައި ނުކުރަން ޗައިނައިން ގޮވާލާ ގޮވާލުން އަނެއްކާ ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށާއި މިހާރު ސަމާލު ނުވެއްޖެ ނަމަ ފަހުން މޮޔަ ހީވާނެ ކަމަށެވެ.

ޓައިވާންގެ އަސްކަރިއްޔާއިން ސީދާ ޓައިވާނަށް މުއާމަމާތް ކުރުމަކީ ޗައިނާ ރުހޭ ކަމެއް ނޫން ކަމަށް ވެސް ޗައިނާ ސަރުކާރުން ބުނެ އެވެ.

އެމެރިކާއަށް އިތުބާރު ކުރެވޭ ފެންވަރުގެ އަސްކަރީ ބާރެއް ދެކުނު ޗައިނާ ސަރަހައްދުގައި އުފައްދަން ކުރާ މަސައްކަތަކީ ބޭކާރު ކަމެއް ކަމަށް ވެސް ޗައިނާ ބުނެ އެވެ.

ޓައިވާންގެ ޕެޓްރިއޮޓް އެެއާ ޑިފެންސް ސިސްޓަމްގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ބުނެ 100 މިލިއަން ޑޮލަރުގެ ޑީލެއް ދެގައުމުން ވަނީ ހަދާފަ އެވެ. މި ޑީލުގެ ކުރިން ވެސް އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކަން ވަނީ އެއްބަސްވެފަ އެވެ.

ޗައިނާ ގަބޫލު ކުރާ ގޮތުގައި ޓައިވާނަނީ ޗައިނާގެ ބައެކެވެ. ޓައިވާން އަކީ މިނިވަން ދައުލަތެއް ކަމަށް އދ. ވެސް ގަބޫލެއް ނުކުރެ އެވެ.

ޗައިނާ ބުނީ ވަކި ސަރުކާރަކުން ޓައިވާން މެނޭޖް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު ޓައިވާން އޮންނަން ވާނީ ޗައިނާގެ ދަށުގައި ކަމަށެވެ.