ޖޭއެސްސީ

ޒާތީވެގެން ފަނޑިޔާރުންނަށް ފިޔަވަޅެއް ނާޅަން: އިމްތިޔާޒް

ޒާތީވެގެން އެއްވެސް ފަނޑިޔާރަކު މަގާމުގައި ވަކިކޮށްފައި ނުވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ(އިންތި) ވިދާޅުވެއްޖެ އެވެ.

އިމްތިޔާޒް މިހެން ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމަށް އިދިކޮޅު މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ހުށަހެޅުއްވި ބިލާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ވަކި ގޮތަކަށް ހުކުމް ނުކުރާ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހިދާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވި ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްތިޔާޒު ވަނީ އެއީ އެމްޑީޕީ އަމަލުކުރާނެ ގޮތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށްވެސް ވާދަކުރައްވަމުން ގެންދަވާ އިމްތިޔާޒް ވިދާޅުވީ އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް ހުކުމް ކުރާ ފަނޑިޔާރުންނާ ޒާތިވެގެން އެ ފަނޑިޔާރުން އެމްޑީޕީން ވަކިކުރާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ވަަރަށް ބޮޑަށް އަޅުގަނޑުމެން ފާޑުކިޔަމުންދިޔަ ފަނޑިޔާރުންވެސް އަދިވެސް ހަމަ އެބަ ތިއްބެވީ. އެ ބޭފުޅުންނަކާ ޒާތީވެގެން ފަހަތުން ދުވާތަނެއް ނުފެނޭ. އެހެން ނަމަވެސް ވަރަށް ބޮޑަށް އުސޫލުތަކުން، ސުލޫކީ މިންގަނޑުން ނެއްޓިގެން ދިޔަ ފަނޑިޔާރުންގެ މައްސަލަތައް ހަމަ ބަލާ ރަނގަޅަށް އެ މަސައްކަތް ބެލުމަށްފަހުގައި ފިޔަވަޅު އަޅާފައިވޭ." އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް އިތުރަށް ވިދާޅުވީ ހުރިހާ ފަނޑިޔާރުން ވަކި ކުރުމަކީ ހައްލެއް ނޫން ކަމަށާއި އަދި އަމާޒު ހުރީ ޝަރުއީ ދާއިރާ އިސްލާހުކުރުން ކަމަށެވެ. އަދި މި މަސައްކަތް ކުރާނީ ސިޔާސީ އަޒުމާއެކު ކަމަށާއި ރައްޔިތުން އިތުބާރު ކުރެވޭ ފަދަ ފަނޑިޔާރު ގެއެއް ކަށަވަރުކޮށްދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ޖޭއެސްސީވެސް ރަނގަޅު ވަގުތުގައި އަޅުގަނޑުމެން ސްޓެރެޓީޖިކް ވަގުތުގައި ކުރާނެކަން އަޅުގަނޑުމެންގެ އެބައޮތް" އިމްތިޔާޒް ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހުކުރުމަށް ތޯރިގު ހުށަހަޅުއްވާފައިވާ ބިލަށް އެމްޑީޕީގެ ހުރިހާ މެންބަރުންހެން ވަނީ ދެކޮޅު ހައްދަވާފަ އެވެ. އެމްޑީޕީގެ މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ ޖޭއެސްސީ އަށް ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ބަދަލު ގެންނަންވާނީ ގާނޫނުއަސާސީ އަށް ގެންނަން ޖެހޭ އެހެން ބަދަލުތަކާ ވެސް އެކު އަދި ކަމާ ގުޅޭ ދިރާސާތަކާއި ހިޔާލުތައް ވެސް ހޯދައިގެން ކަމަށެވެ.