މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް މައުލޫމާތު ދީފި

Feb 22, 2022

މާލޭގައި ތަފާތު ވިޔަފާރިތައް ކުރާ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން "ވިޔަފާރިވެރިންގެ ފޯރަމް"ގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި އިއްޔެ ކުރިއަށް ގެންދިޔަ މި ފޯރަމަކީ މާލެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް، ކުށްކުރާ މީހުންގެ ސަބަބުން ދިމާވަމުންދާ މައްސަލަތައް ދެނެގަނެ އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ހޯދައި ބެލުމަށްޓަކައި ކުރިއަށް ގެންދިޔަ ފޯރަމެކެވެ.

އެގޮތުން، ފިހާރަތަކުން ކުރާ ވައްކަމުގެ މައުލޫމާތު ހިއްސާކޮށް އަދި ވައްކަންކޮށްފައި ހުންނަ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި، ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އަނބުރާ ހޯދިފައިވާ ތަކެއްޗާއި އެ މައްސަލަތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެ އެވެ.

މީގެއިތުރުން ފިހާރަތައް ބަންދުކޮށްފައި ދާއިރު އަދި ފިހާރަތަކުން ކުރާ ވައްކަން ހުއްޓުވުމަށް ތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިޔަފާރިވެރިން ސަމާލުކަންދޭން ޖެހޭ ކަންކަން ބުނެދީފައިވެ އެވެ.

ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންނާއި ވިޔަފާރިވެރިން ގުޅިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރެވިދާނެ ގޮތްތަކުގެ ހިޔާލާއި މަޝްވަރާ ވެސް ކޮށްފައިވެ އެވެ.

ފުލުހުންގެ ސެންޓްރަލް ޕޮލިސިން ކޮމާންޑުން ކުރިއަށް ގެންދިޔަ މި ފޯރަމްގައި މާލޭގައި ހުރި ފުލުހުންގެ ސްޓޭޝަންތަކުގެ ހެޑުންނާއި، ޔުނިޓު ހެޑުންނާ އަދި ޝިފްޓް އައިސީންގެ އިތުރުން 30 އަށް ވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވި އެވެ.

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ ބައެއް ކޮމިޝަންޑް އޮފިސަރުން ވެސް ބައިވެރިވި އެވެ.