ބޮލީވުޑް

ދީޕިކާ އަށް ބޮލީވުޑުން ފުރުސަތެއް ދިނީ ސަލްމާން

މީގެ 15 އަހަރު ކުރިން ދީޕިކާ ޕަދުކޯން ބޮލީވުޑަށް ތައާރަފްވީ ޝާހް ރުކް ޚާން އާއެކު ކުޅުނު "އޯމް ޝާންތީ އޯމް" އިން ނަމަވެސް އޭނާއަށް ފުރަތަމަ ފިލްމެއް ކުޅުމުގެ ފުރުސަތު ދިނީ ޝާހް ރުކެއް ނޫނެވެ. އެ ފުރުސަތު ދިނީ ސަލްމާން ޚާނެވެ. ނަމަވެސް އެކަން އެހާ ގިނަ މީހުންނަކަށް ނޭނގެ އެވެ.

ސަލްމާން ހުށަހެޅި ފުރުސަތު ދީޕިކާ ގަބޫލު ކުރިނަމަ އޭނާ ތައާރަފްވާ ފިލްމަކަށް ވީހީ ސަލްމާންގެ ފިލްމެކެވެ.

ބޮލީވުޑް ހަންގާމާއަށް ދީފައިވާ އިންޓަވިއުއެއްގައި ދީޕކާ ވަނީ މި ވާހަކަތައް ހިއްސާ ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި މޮޑެލް ކުރަން އޭނާ އުޅެނިކޮށް ސަލްމާނަށް ކޮންމެވެސް ގޮތަކުން އޭނާގެ ޚަބަރު ލިބިގެން ފިލްމެއް ކުޅުމަށް ދައުވަތު ދިން ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު އޭނާގެ ވިސްނުން ހުރީ ހަމައެކަނި މޮޑެލް ކުރުމަށް ކަމަށާއި ފިލްމު ކުޅުމަށް އޭރު ނުވިސްނާތީ އެ ފިލްމު ގަބޫލު ނުކުރީ ކަމަށެވެ.

އޭނާއަށް ސަލްމާން ހުށަހެޅި ފިލްމުގެ ނަމެއް ދީޕިކާ ހާމައެއް ނުކުރެ އެވެ. ދީޕިކާ ބުނި ގޮތުގައި ސަލްމާން ހުށަހެޅި ފިލްމު ގަބޫލު ނުކުރިޔަސް އެހާ ކުރިއްސުރެ ވެސް އޭނާ އާއި ސަލްމާންގެ ވަރަށް ގާތް އެކުވެރި ކަމެއް އޮންނަ ކަމަށެވެ.

"އޭރު އަހަރެން މޮޑެލް ކުރަން ކިރިޔާ ފެށީ. ފިލްމު ކުޅުމަށް އޭރު އެއްގޮތަކަށް ވެސް ތައްޔާރެއް ނޫން. އެހެންވެ ސަލްމާން ހުށަހެޅި ފިލްމު ގަބޫލު ނުކުރީ،" ދީޕިކާ ބުންޏެވެ.

"އޯމް ޝާންތީ އޯމް" އޭނާއަށް ކުޅެން ލިބުނީ އޭގެ ދެ އަހަރު ފަހުން ކަމަށް ވެސް ދީޕިކާ ބުންޏެވެ.

ސަލްމާނާއި ދީޕިކާ މިހާތަނަށް އެކުގައި އެންމެ ފިލްމެއް ވެސް ކުޅެފައެއް ނުވެ އެވެ. ނަމަވެސް ދީޕިކާގެ "ޕަތާން" ގައި ސަލްމާން މެހެމާނެއްގެ ރޯލު ކުޅޭކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ޚަބަރު ފަތުރާފައި ވެއެވެ. މި ފިލްމުގައި ސަލްމާން ބައިވެރިވިޔަސް އޭނާ އާއި ދީޕިކާ އާއެކު އެއްވެސް މަންޒަރެއް ކުޅޭކަމެއް ޔަގީނެއް ނޫނެވެ.

ދީޕިކާގެ ވަރަށް ވަރުގަދަ ފިލްމުތަކެއް ކުރިޔަށް ރިލީޒްވާން ތައްޔާރުވަމުން އެބަދެ އެވެ. އޭގެ ތެރޭގައި ރިތިކް ރޯޝަން އާއެކު ކުޅޭ "ފައިޓާ"، އަމީތާބް ބައްޗަން އާއެކު ކުޅޭ "އިންޓާން" އަދި ޝާހްރުކްގެ "ޕަތާން" ހިމެނެ އެވެ. މީގެ އިތުރުން ޕްރަބާސް އާއެކު ވެސް އޭނާ ފިލްމެއް ކުޅެން ވަނީ އެއްބަސްވެފަ އެވެ. އަދި ހޮލީވުޑް ފިލްމެއް ވެސް ކުޅެން އުޅޭ ކަމަށް ޚަބަރުތައް ބުނެ އެވެ.