ދިޕިކާ ޕަދުކޯން

ސަލްމާނާއެކު ފިލްމު ކުޅެން ދިޕިކާ އެއްބަސްވީ ޝަރުތަކާއެކު!

Apr 19, 2016
2

ސުޕަސްޓާ ސަލްމާން ޚާނާއެކު ފިލްމެއް ކުޅެނޭ ފުރުސަތެއް ލިބޭތޯ މަޝްހޫރު ގިނަ ބަތަލާއިން ތިބޭނީ އެދިއެދި އެވެ. ސަލްމާނާ އެކު ފިލްމެއް ކުޅުމުގެ ފުރުސަތަކީ ކޮންމެ ކޮންމެ ބަތަލާއަކަށް ލިބޭނެ ފުރުސަތެއް ވެސް ނޫނެވެ. އާންމުގޮތެއްގައި ސަލްމާނާއެކު ފިލްމު ކުޅުމުގެ ފުރުސަތު ލިބެނީ ވެސް ބޮލީވުޑްގެ އޭ ލިސްޓް ބަތަލާއިންނަށެވެ.

ކަބީރް ޚާން ދެން ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ސަލްމާން އާއި ބަތަލާ ދިޕިކާ ޕަދުކޯން ހަމަޖައްސާފައިވާއިރު، ބުނެވޭ ގޮތުގައި ދިޕިކާ މި ފިލްމު ކުޅުމަށް އާނބަސް ބުނެފައިވަނީ އެންމެ ޝަރުތަކާއެކު އެވެ.

"މަޖްދާރް" ނަމަކަށް ކިޔާ މިފިލްމު ކުޅެން ދިޕިކާ އެއްބަސް ވެފައިވަނީ މި ފިލްމުގައި އޭނާއަށް ވެސް ލީޑްތަރި، ސަލްމާން އެކޭ އެއްގޮތަށް ބޮޑު ރޯލެއް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ނޫސްތަކުގައިވެ އެވެ. އަދި އޭނާއަށް ލިބޭ ސްކްރީން ޓައިމްވެސް ސަލްމާނާ އެއްވަރުވާން ޖެހެ އެވެ. އަދި ދިޕިކާ މިފިލްމު ކުޅެން ސޮއިކުރީ އޭނާގެ ހުރިހާ ޝަރުތަކަށް ކަބީރް ގަބޫލު ވުމުންނެވެ.

ވޭތުވެދިޔަ ދެ އަހަރަކީ ދިޕިކާގެ ކެރިއަރުގައި ވަރަށް ފާހަގަކޮށްލެވޭ ދެއަހަރެވެ. ދިޕިކާގެ ރިލީޒްވި ހުރިހާ ފިލްމުތަކަށްވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، ދެން އޭނާ ކުޅެނީ ވެސް ބޮޑެތި ފިލްމުތައް ކަމަށްވެ އެވެ.

މިހާރު ދިޕިކާ އަންނަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް"ގެ މަންޒަރުތައް ނަގަމުންނެވެ. މިފިލްމުގެ އިތުރުން ބުނެވޭ ގޮތުގައި ދިޕިކާ ކުޅެން ސޮއިކޮށްފައިވަނީ ސަލްމާނާއެކު ކުޅޭ ފިލްމު އެކަންޏެވެ.

މިއީ ދިޕިކާ ސަލްމާނާ އެކު ކުޅޭ ފުރަތަމަ ފިލްމެވެ.