މިނިސްޓްރީ އޮފް ހެލްތު

ޑައިލިސިސް ހިދުމަތް ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަކު ފަށަނީ

Feb 23, 2022

ޑައިލިސިސްގެ ހިދުމަތް ނުފެށި ހުރި، ހުރިހާ އަތޮޅު ހޮސްޕިޓަލްތަކެއްގައި މިއަހަރު އެ ހިދުމަތް ފަށާނެ ކަމުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭގައި ށ. ފުނަދޫ، ބ. އޭދަފުށި އަދި ޅ. ނައިފަރުގައި ގާއިމުކޮށްފައިވާ އަތޮޅު ހޮސްޕިޓަލް ތަކުގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެ ކަމަށެެވެ.

"ބާކީހުރި ހޮސްޕިޓަލްތަކުގައި ވެސް މިއަހަރު ތެރޭގައި ޑައިލިސްގެ ހިދުމަތް ފެށޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ކިޑްނީއާ ގުޅޭ ބަލިތަކުގެ ފަރުވާ ހޯދާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މާލެ ސަރަހައްދުގައި އެކަނިވެސް ޑައިލިސިސް ހަދަންޖެހޭ 150 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ކިޑްނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ގިނަވުމާ ގުޅިގެން ކިޑްނީ ބަލީގެ މީހުންނަށް އަމާޒުކޮށްގެން އައިޖީއެމްއެޗުގައި ވަނީ ނެޝަނަލް ޔޫރޯ އެންޑް ރީޖަނަލް ފާޓިލިޓީ ސެންޓަރެއް ގާއިމުކޮށް ހިދުމަތް ދޭން ފަށާފަ އެވެ.

މިނިސްޓަރު ނަސީމް މިއަދު ވަނީ މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކަށް ބޭނުންވާ ސްޕެޝަލިސްޓުން ހޯދައި އެ މައްސަލަ ހައްލުކުރައްވާނެ ކަމުގައިވެސް ވިދާޅުވެފަ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ވަނީ 35 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާން ވެސް ކޮށްފަ އެވެ.