ހަބަރު

ޗައިނާއާ ރާއްޖޭގެ ތާރީހީ ގުޅުން ދައްކުވައިދޭ މައުރަޒެއް ހުޅުވައިފި

އިހު ޒަމާނުން ފެށިގެން ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުންތަކާއި ދަތުރުފަތުރު ކުރުމުގައި ގެންގުޅުނު ސަގާފަތް ދައްކުވައިދޭ މައުރަޒެއް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ފަށައިފި އެވެ.

"އަޖައިބެއްފަދަ ނޫކުލަ" އިގެ ނަމުގައި ގައުމީ ދާރުލް އާސާރުގައި މިއަދު ފެށި މި މައުރަޒު ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

މައުރަޒު ހުޅުވި ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ރަސްމީ ގުޅުމަށް 40 އަހަރު ފުރުނު އިރު ޗައިނާ ވެފައިވަނީ ރާއްޖެ ތަރައްގީ ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމަށް ކަމަށެވެ. ހާއްސަ ގޮތެއްގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ކުރެއްވި ގިނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޗައިނާ ވެފައިވަނީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވެސް ލިއްބައިދޭ ގައުމަށް ކަމަށެވެ.

އެކަމަނާ ވިދާޅުވީ، ތާރީހުން ރާއްޖެއާ ޗައިނާ އާ ދެމެދު އޮތް ގުޅުން ހާމަވާ މާ ގިނަ ހެކިތަކެއް ފެންނަން ނެތް ނަމަވެސް، އެ ގައުމުން ފެންނަމުންދާ ތާރީހީ އެކި ތަކެތިން ދެގައުމުގެ ދެމެދުގައި މީގެ 1300 އެއްހާ އަހަރުގެ ކުރިން ފެށިގެންވެސް ގުޅުން އޮތްކަން ދޭހަވާ ހެކި ފެންނަން އެބަހުރި ކަމަށެވެ.

މިނިސްޓަރު ވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ދެ ގައުމުގެ ގުޅުން ވަރުގަދަ ވެފައިވާ މިންވަރާއި، މިހާތަނަށް ދެ ގައުމުގެ ސަރުކާރުން ކުރެއްވި މުހިއްމު މަސައްކަތްތައް ފާހަގަކޮށް ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކާބަފައިންގެ ޒަމާނުގައި ޗައިނާ ސިލްކް ރޯޑުން ދަތުރުކުރި ނާ ފަހަރުތަކާއި އޮޑި ފަހަރުތަކުގެ އިތުރަށް، ރާއްޖެއާ އެކި ގޮތްގޮތުން ޗައިނާ އާ ގުޅިފައިވާ ތަކެއްޗާ، އެގައުމުގެ ސަގާފަތް ދައްކުވައިދޭ ގިނަ އަދަދެއްގެ އާސާރީ ތަކެތި މައުރަޒުގައި ބަހައްޓާފައިވެ އެވެ.

މިއަދުން ފެށިގެން މިމަހުގެ 27 އާ ހަމަޔަށް ކޮންމެ ދުވަހެއްގެ ހެންދުނު 10:00 އިން ރޭގަނޑު 10:00 އަށް މައުރަޒު ހުޅުވާފައި ހުންނާނެ އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ވަންގް ފުކަންގް ވިދާޅުވީ، ރާޢްޖެއަކީ އަބަދުވެސް ޗައިނާގެ ރައްޔިތުންގެ ހިތުގައި ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ ގައުމެއް ކަމަށެވެ. ރާއްޖޭގެ ރީތިކަމާއި ނަލަކަން ދެކިލުމަކީ ޗައިނާގެ ރައްޔިތުން އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށާއި ދެގައުމުގެ ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވެގެން ދާކަމީ ޗައިނާ ސަރުކާރުން ނުހަނު އުފާކުރާ ކަމެއް ކަމަށް ފުކަން ވިދާޅުވި އެވެ.