މޯލްޑިވްސް ޕޮލިސް ސާވިސް

ޗައިނާ އިން 2.4 މިލިއަން ރުފިޔާގެ އެހީ ދިވެހި ފުލުހުންނަށް

Feb 23, 2022

ދިވެހި ފުލުހުންގެ އިދާރާގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ދާއިރާ ތަރައްގީކުރުމަށްޓަކައި ބޭނުންވާ ތަކެތި ހަވާލުކުރުމާ ގުޅޭގޮތުންޗައިނާ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފުލުހުންގެ އިސްކަންދަރު ބިލްޑިންގައި އިއްޔެ އޮތް ރަސްމިއްޔާތުގެ ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ވާން ލީޒީން އެވެ.

ޗައިނާ ސަރުކާރުން ފުލުހުންނަށް ހަދިޔާކުރާ ތަކެތީގެ އަގު އެއް މިލިއަން ޔުއާން ނުވަތަ 2.4 ރުފިޔާ އަށް އަރަ އެވެ.

މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ މި އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރިގެންދާ އަހަރަށްވާއިރު މިދިޔަ ދިގު މުއްދަތުގައި ޗައިނާ އިން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ސަފީރު ވިދާޅުވީ ދެ ގައުމުގެ ގުޅުމުގެ ތެރެއިން ގާނޫނު ތަންފީޒު ކުރާ އިދާރާތައް ތަރައްގީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އިން އިސްކަންދޭ ކަމަށެވެ. ޗައިނާ ސަރުކާރުން ދިވެހި ފުލހުންނަށް ހަދިޔާ ކުރާ ތަކެއްޗާއެކު އައިސީޓީޑީ ދާއިރާގެ ގާބިލްކަން ވަރުގަދަކޮށް، މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

"އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހިއުމަން ރިސޯސަސް ، ކެޕޭސިޓީ އަދި ވަސީލަތްތައް ތަރައްގީކުރުމުގައި ޗައިނާގެ އެހީތެރިކަން ލިބިގެންދާނެ،" ސަފީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ 2022 އަދި 2023 ވަނަ އަހަރަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް އަދި ކޯޕަރޭޓް ޕްރިއޯރިޓީތައް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޗައިނާ އިން ހަދިޔާ ކުރާ ތަކެތީގެ ސަބަބުން މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ކުރާ މަސައްކަތުގައި ފައިދާތަކެއް ލިބިގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.

"ފުލުހުންގެ އައިސީޓީޑީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ޗައިނާއިން ވެދީފައިވާ އެހީތެރިކަން ފާހަގަކޮށް، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވަން،" ސީޕީ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ މުހައްމަދު ފައިސަލް އާއި ޗައިނާ އެމްބަސީގެ އިސް އޮފިޝަލުންނާއި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.