ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް އިންތިހާބުގައި މީހުން ހޮވަންޖެހޭ ދެ ދާއިރާއެއްގެ އިންތިހާބު ފަސްކޮށްފި އެވެ.
ކައުންސިލް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރަކާއި ޖެންޑާ މިނިސްޓްރީން އައްޔަންކުރާ މެންބަރަކާއި މެޑިކަލް ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުންހުރި ހަތަރު މެންބަރަކާ އެކު ޖުމްލަ ހަތް މެންބަރުންގެ މައްޗަށެވެ.
އިންތިހާބުކުރާ ހަތަރު މެންބަރުން ތަމްސީލް ކުރާ ދާއިރާ
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް
- ނަފްސާނީ ބަލިތަކާ ބެހޭ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާތަކުން ނުވަތަ އެފަދަ މީހުންނަށް ހިދުމަތްދޭ ޖަމިއްޔާތަކުން އިންތިހާބު ކުރާ މެންބަރެއް
އިންތިހާބު މާދަމާ ބޭއްވުމަށް ހަމަޖައްސާފައި ވަނިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރު ހޮވުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އިންތިހާބު ކުރާ މެންބަރު ހޮވުން މިހާރު ވަނީ ފަސްކޮށްފަ އެވެ.
އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާ ފަރާތުގެ ހައިސިއްޔަތުން ޖެންޑާ މިނިސްޓްރީން އިންތިހާބު ފަސްކުރި ނަމަވެސް އިންތިހާބު ދެން ބާއްވާނެ ދުވަހެއް ބުނެފައެއް ނުވެ އެވެ. އިންތިހާބު ފަސްކުރީ އެ ދެ ދާއިރާ އިން މީހުން ހޮވުމުގެ އިންތިހާބުގެ ބައެއް ކަންކަމާ ގުޅިގެން ލިބިފައިވާ ޝަކުވާތަކުގެ ސަބަބުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
އިންތިހާބު ފަސްކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިންތިހާބަށް ހޭލުންތެރިކުރުމަށް އެކަށީގެންވާ މައްސަކަތްތަކެއް ކުރެވިފައި ނެތުމާއި ވޯޓު ލާން ހަމަޖައްސާފައިވާ ދުވަހާއި ވަގުތާ ގުޅޭ މައްސަލައާއި ރީ ރެޖިސްޓްރޭޝަން ކުރިއަށް ގެންދިއުމުގައި ކުރިމަތިވި އުދަގޫތައް ހިމެނެ އެވެ.
މާދަމާ ހޮވާ މެންބަރުންގެ އިންތިހާބު ޖެންޑާ މިނިސްޓްރީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 9 އިން މެންދުރުފަހު 2 އަށެވެ. ނަފްސާނީ ބަލިތަކާ ބެހޭ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން އިންތިހާބު ކުރާ މެންބަރު ކަމަށް ކުރިމަތިލީ އެންމެ ބޭފުޅަކު ކަމަށްވާތީ އޭނާ ވަނީ ކައުންސިލަށް ހޮވިފަ އެވެ.
ފަސް އަހަރުގެ ދައުރަކަށް މެންބަރުން ހޮވާއިރު މިއަހަރު އިންތހާބު ކުރިއަށް ގެންދާނެ ގޮތުގެ ގަވައިދެއް ޖެންޑާ މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ. މީގެކުރިން މެންބަރުން ހޮވިއިރު އެފަދަ ގަވައިދެއް އެކުލަވާލާފައެއް ނުވެ އެވެ.
ނުކުޅެދުންތެރިކަން މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ކޮންމެ އަހަރަކު ދޭ "ރިހިވެލި" އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ދޭ އެވޯޑެކެވެ.