ރޯދަ މަހަށް ހާއްސަކޮށްގެން މުހިންމު ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
އެއްކަމެއްގެ ގޮތުގައި ކުޑަކުދިންނަށް ހާއްސަ ޕްރޮގްރާމް ތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. މީގެތެރޭގައި ހަ އަހަރުން ދަށާއި ނުވަ އަހަރުން ދަށާއި 12 އަހަރުން ދަށަށް ހާއްސަކޮށްގެން ސިޓީ ކައުންސިލުން ރާވައިގެން މަދަހަ މުބާރާތެއް ކުރިއަށް ގެންދިއުމާއި، ހެޔޮ އެދޭ ފަރާތްތަކާ މަޝްވަރާކޮށްގެން ޤުރުއާން މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމި އެވެ.
ރޯދަ މަހަކީ އަޅުކަމުގެ މައްސަރު ކަމުން އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކޮށްގެން އަސުރު ނަމާދަށްފަހު މާލޭގެ ހުރިހާ މިސްކިތެއްގައި ދަރުސް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، ފޯރުންތެރިކަން ނެތް ފަރާތްތަކުން ރޯދަ ވީއްލުމަށް އަމިއްލަ ޖަމާއަތްތަކުން މީގެކުރިން ކުރިއަށް ގެންދިޔަ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ނުދާނަމަ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީގެން އެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމި އެވެ.
މާލޭގެ އެންމެ ބޮޑު އާބާދީ އަކީ ޒުވާނުން ކަމަށްވާތީ ޒުވާނުންނާއި ގުޅުންހުރި ބައެއް ހަރަކާތްތައް ރޯދަ މަހު ކުރިއަށް ގެންދިއުމަށް ވެސް ކައުންސިލުން ނިންމާފައިވެ އެވެ. ރޯދަ މަހަކީ އެކި އުމުރުގެ މީހުން ކުޅިވަރު ކުޅެ ކަސްރަތުކޮށް އުޅޭ މަހެއްކަމުން ކުޅިވަރުގެ މުބާރާތްތަކެއް ރޭވުމަށްވެސް ނިންމި އެވެ. އެގޮތުން ފުޓްސަލް، އަދި ފޯ ބައި ފޯ، ވޮލީމުބާރާތެއްގެ އިތުރުން ދިވެހިވަންތަ ކުޅިވަރެއް ކަމުގައިވާ ތިންމުގޯލި ފަދަ މުބާރާތްތައް ބޭއްވޭނަމަ އެކަން ކުރެވޭނެ ގޮތްތަކެއް ބަލައި ދިރާސާކޮށް އެކަން ކުރުމަށްވެސް ނިންމި އެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ރޯދަ މަހަށް މާލެތެރެ ޒީނަތްތެރި ކުރުމަށާއި، ކުނި މެނޭޖް ކުރެވޭނެ ގޮތްތަކެއް ރޭވުމަށާއި، ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނިގެން ރޯދަ މަހަށް މާހެފުން ބޭއްވުން ތަރުތީބު ކުރުމަށްޓަކައި އިއުލާންކޮށްގެން އެ ދުވަސްތަކުގައި މާހެފުމަށް މަގު ބަންދު ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވެ އެވެ. ރޯދަ މަހު ކުޑަކުދިންނާއި އާއިލާތައް ހަވީރު ގަޑީގައި ގެއިން ނިކުމެ އުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ހަފްތާއަކުވެސް ކަނޑައެޅޭ ދުވަހެއްގައި ބޮޑެތި މަގުތައް ނުހިމެނޭ ގޮތަށް ހަނި ގޯޅިތައް ނުވަތަ ޓްރެފިކް ލުއި ގޯޅިތައް ބަލައި މަގުތައް ބަންދުކުރުމަށް ފުރުސަތު ދިނުމަށްވެސް ނިންމި އެވެ.
ރޯދަ މަހަށް ތައްޔާރުވުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ އިސްކަމެއް ދީގެން ކުރިއަށް އޮތް ދުވަސްތަކުގައި ކައުންސިލަރުން ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށްވެސް މޭޔަރު އެދިވަޑައިގެންނެވި އެވެ.