އެމްއެންޑީއެފް

އިންޑިއާ ސިފައިން އަރުވާ ފޮށިތަކުގެ ހަގީގަތް ބުނެދީފި

Feb 23, 2022
2

ސިފައިންގެ ވެހިކަލަކަށް އިންޑިއާ ސިފައިން ފޮށިތަކެއް އަރުވަނިކޮށް ފެންނަ ފޮޓޯއާ ގުޅިގެން އުފެދިފައިވާ ސުވާލުތައް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސާފުކޮށް ދީފި އެވެ.

އެމްއެންޑީއެފް ގެ އުޅަދަކަށް އިންޑިއާ ސިފައިންގެ ބަޔަކު ފޮށިތަކެއް އަރުވާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުވެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެމްއެންޑީއެފުން މިރޭ ބުނީ ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީވެދިނުމަށްޓަކައި އެކުވެރި ދައުލަތްތަކުން ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. އެގޮތުން ކޯސްޓްގާޑްގެ ހިދުމަތުގައި ބޭނުންކުރެވެމުންދާ އުޅަނދުފަހަރު ތަކުގެ ތެރެއިން ބައެއް އުޅަނދުތައް ލިބިފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކަމުން މިއިން އުޅަނދެއް މަރާމާތު ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ފޯރުކޮށްދެމުން ދަނީ އެމްއެންޑީއެފް އިން ކަނޑައަޅާ ޕްލޭނެއްގެ ދަށުން އެ ގައުމަކުން ފޮނުވާ ޓެކްނީޝަނުންގެ ޓީމެއް ބޭނުންވާ ޓޫލްސް އާއިއެކު ދިވެހިރާއްޖެއަށް އައިސް ކަމަށެވެ.

އަދި އެ މީހުން ރާއްޖެއައުމުގެ ކުރިން އެކަމަށް އަންނަ މީހުންގެ މައުލޫމާތާއި ގެނެވޭ ތަކެތީގެ މައުލޫމާތު މިނިސްޓްރީ އޮފް ޑިފެންސް އަށް ފޮނުވާ ހުއްދަ ލިބިގެން ނޫނީ ދަތުރު ކުރަމުން ނުދާ ކަމަށެވެ.

".. މިގޮތުން 2021 ވަނަ އަހަރުގެ ފަހުކޮޅު 'ޝިޕް ހުރަވީ' މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ސިވިލް ދެ ޓެކްނީޝަނަކު ރާއްޖެ އައިސް އެކަން ފުރިހަމަކޮށް ފުރާފައިވެއެވެ. އިންޑިއާ ސިފައިންގެ ބަޔަކު ފޮށިތަކެއް އެމްއެންޑީއެފް ގެ އުޅަދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއެއް ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަދިއުމާ ގުޅިގެން ދަންނަވަމެވެ. އެއީ މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަދުވަހު ކޯސްޓްގާޑް ފްލީޓްގައި ހިމެނޭ 'ޝިޕް ކާމިޔާބު' މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި 02 ސިވިލް ޓެކްނީޝަނުން ކަމުގައި ދަންނަވަމެވެ. މިމީހުން ފުރާފައިވަނީ މިމަހުގެ 19 ގައެެވެ،" ސިފައިން ބުންޏެވެ.

މިގޮތަށް އަންނަ ޓީމުތައް އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ގުޅިގެން ކަމަށްވެސް ސިފައިން ބުންޏެވެ.